އެފްބީ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް

ފޭސްބުކް އެކައުންޓް ޕާސްވޯޑް ރީސެޓްކުރަން ކަމަށް ބުނެ ގުޅައި، އޯޓީޕީ ކޯޑު މޮބައިލް ފޯނަށް ފޮނުވުމަށް ފަހު ފޭސްބުކް ހެކްކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް އިތިރުވަމުންދާތީ ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
ފުލުހުން ބުނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި މިފަދަ ހަ މައްސަލަ ހުށަހަޅާފައިވާ އިރު 35،000 އަށް ވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އަތުލާފައިވާ މައްސަލަތަކެއް މިހާރު ތަހުގީގު ވެސް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދަން މިގޮތަށް ގުޅާ މީހުން، އެ ނަމްބަރަކީ މީގެ އަހަރުތަކެއް ކުރިން އޭނަ ގެންގުޅުނު މޮބައިލް ނަމްބަރެއް ކަމަށް ބުނާ ކަމަށާއި ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލުކުރަންވެގެން ނަމްބަރު ދޫކޮށްލީ ކަމަށް ބުނެ ދޮގު ހަދައި އޮޅުވައިވާ ކަމަށެވެ. އެހެންވެ އޭނަގެ ފޭސްބުކް ޕާސްވޯޑު ރީސެޓް ނުކުރެވިގެން އުޅޭކަމަށާއި އަދި ޓޫފެކްޓާ އޯތޮންޓިކޭޓަ ސެޓުކޮށްފައި ވާނީ އެ ނަމްބަރަށް ކަމަށް ވެސް ބުނެ، ފޯނަށް ލިބޭ އޯޓީޕީ ކޯޑު ކިޔައިދިނުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ވެސް މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ރިޕޯޓްކުރެވެމުން އަންނަ ކަމަށެވެ.
އެހެންވެ އަމިއްލަ ނަމްބަރާއި ޒާތީ އެއްވެސް މައުލޫމާތެއް އެއްވެސް މީހަކާ ހިއްސާ ނުކުރުމަށާއި ފޭސްބުކް މެސެންޖާ ނުވަތަ ސޯޝަލް މީޑިއާގެ އެހެން ވަސީލަތަކުން ވިޔަސް ފައިސާ ހޯދުމަށް ވާހަކަ ދައްކާ މީހުންގެ ކިބައިން ސަލާމަށްވެ ރައްކާތެރިވެތިބުމަށް އިލްތިމާސްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ