އަމީނީ މަގުގެ ނުނިމި އޮތް ބައި ފުޅާކޮށް، ސްކޫލް ފެށުމުގެ ކުރިން ހުޅުވާލަނީ

އަމީނީ މަގުގެ މިހާރު ހަދަމުންދާ ބައި އިތުރަށް ފުޅާކޮށް، ސްކޫލް ހުޅުވުމުގެ ކުރިން ހުޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށް، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޢަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ. މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވާ ވިދާޅުވީ، އަމީނީ މަގުގައި މިހާރު ހަދަމުންދާ ސަރަހައްދަކީ ބޮޑެތި ބަސް ދެކޮޅަށް ދުއްވާ ސަރަހައްދަކަށް ވުމުން އެ މަގު ހަދަނީ ފުޅާކޮށްގެން ކަމަށެވެ. މީގެއިތުރުން، އުއްމީދަކީ ކުރިއަށް އޮތް ސްކޫލް ޓާމް ފެށުމުގެ ކުރިން އަމީނީ މަގުގެ ތާރު އެޅުމުގެ މަސައްކަތް ނިންމާ އެ މަގު ބޭނުންކުރަން ފެށުންކަމުގައި ކަމުގައި އޭނާ ވިދާޅުވިއެވެ. https://x.com/muththo/status/1738510499334218095?t=191EhFp2nP5IdFK0KA4J_w&s=35 މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުމަށްފަހު ދަރިވަރުންނަށް ޗުއްޓީ ވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ދެވަނަ ޓާމުގެ ކިޔެވުން ދެން ފަށާނީ އަންނަ މަހުގެ ހަތްވަނަ ދުވަހެވެ. ވޭތުވެ ދިޔަ ސަރުކާރުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފެށި، އަމީނީ މަގުގެ ނުނިމި އޮތް ސެގްމެންޓް ކަމަށްވާ 12 އަދި 13 ހެދުމުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ. މި ޕްރޮޖެކްޓް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، ޕްލޭނިން މިނިސްޓްރީން ފުރަތަމަ ބުނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ކުރިން އެ މަސައްކަތް ނިމޭނެ ކަމަށެވެ. އެހެން ނަމަވެސް ފަހުން އެ މިނިސްޓްރީން ބުނީ، ރައީސް ޞާލިޙްގެ ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ނުނިމޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ