ފާއިތުވީ 24 ގަޑިއިރެކޭވެސް އެއްގޮތަށް ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބައެއް ރަށްރަށަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
ފާއިތުވި 48 ގަޑިއިރު ރާއްޖޭގެ ބައެއް ސަަރަހައްދުތަކަށް ވިއްސާރަކޮށް، ބޯކޮށް ވާރޭވެހުނު ނަމަވެސް، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ރަށްރަށަށް ވާރޭވެހޭނެކަމަށް ނުބެލެވެއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ.
ވައިގެ މިސްރާބު ހުޅަނގާއި ހުޅަނގުއުތުރުން ހުރިއިރު، ވައިޖެހޭނެކަމަށް ލަފާކުރަނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓުން ލަފާކުރެއެވެ.
ފާއިތުވި 24 ގަޑިއިރު އައި ބައެއް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަަށް 35 މޭލަށް ވައިގަދަވިއެވެ.
ރާޅުގެ އުސްމިން ހުރީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ.
ފާއިތުވި 24 ގަޑިއިރުވެސް ވާރޭވެހި ރާއްޖޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބައެއް ރަށްރަށުގައި ފެން ބޮޑުވެ، ބައެއް ގެތަކަށް ފެންވަދެ ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުންވި 84 ގެޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެއެވެ.
އެ އޮތޯތިޓީން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކޮށް ގޭގެއަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، އެގޭގެއަށް ލިބިފައިވާ ގެއްލުންތަކަށް ބެލުމަށްފަހު އެކަމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ވިއްސާރައިގެ ސަބަބުން ޅ. ކުރެންދޫގެ 66 ގެއަކާއި، އއ. އުކުޅަސްގެ 15 ގެއަކާއި، އއ. ފެރިދޫގެ ގެޔަކަށް ގެއްލުން ވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެ ގެތަކަށް ފެންވަނުމުގެ ސަބަބުން ހިފާގެންގުޅޭ ސާމާނާއި، ފަރުނީޗަރުފަދަ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެންޑީއެމްއޭއިން ވަނީ އެ ގެތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ކުރެންދޫގެ ގެތަކަށެވެ. އެގޮތުން، މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެރޭ އިރާކޮޅުން ފެށިގެން ފަތިސް ވަންދެން މެދުނުކެނޑި އެ ރަށަށް ވަނީ ވާރޭ ވެހިފައެވެ. އާންމުކޮށް ކުރާ ވިއްސާރައިގައި ވެސް ކުރެންދޫގެ ގެތަކަށް ގެއްލުން ލިބުނު ކަމުގައި ވީ ނަމަވެސް މި ފަހަރު ލިބުނު ގެއްލުން ބޮޑުކަމަށް އެ ރަށު ކައުންސިލުން ވެސް ވަނީ ބުނެފައެވެ.
ގިނަ ގެތަކެއްގެ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު އަދި ކަރަންޓު ސާމާނުތައް ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވެއެވެ.
މިމަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި ވިއްސާރާގައި ބައެއް ރަށްތަކަށް އުދައަރައި، ފެންބޮޑުވެ ބައެއް ގެތަކަށް ގެއްލުންވެފައިވެއެވެ. އެގޮތުން ބިންގަނޑު ތިރި ބައެއް ރަށްރަށުގައި، ފަސްގަނޑު ދަމައިގަނެ އިމާރާތަށް ވެސް ގެއްލުންތައް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
ކަމާ ގުޅުންހުރި މުއްސަސާތަކުންވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރުކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ރާއްޖެއަށް ހުޅަނގުމޫސުން ލައިގަތީ މެއިމަހުގެ ކުރީކޮޅެވެ.
މޫސުން މުޅިން ރަނގަޅެއް ނޫން، ވިއްސާރަކޮށް ގުގުރާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ