ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ޙުސައިން ދެއްވާ ފަހު މެސެޖު

ގދ.ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންނަށް އަބަދުވެސް ފާގަތިކަމާއި ތަރައްޤީއާއި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުގެ ގޮތުގައި މިހާރު ހުންނެވި ޙުސައިން، މިއަދު ރާއްޖޭގެ ނައިބު ރައީސްކަމުގެ ހުވައި ކުރައްވަވާނެއެވެ. އެ ރަސްމިއްޔާތު އޮންނާނީ، މިއަދު ހަވީރު 4:45ގައި ޖުމްހޫރީ މައިދާނުގައެވެ.
ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންނަށް ދެއްވާ ފަހު މެސެޖުގެ ގޮތުގައި ސެމްބެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2014 ވަނަ އަހަރުގެ މެއި 28 ވަނަ ދުވަހުން ފެށިގެން 2023 ނޮވެމްބަރު 17 ވަނަ ދުވަހާއި ހަމައަށް، ފާއިތުވި ދިގު މުއްދަތުގައި ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ހުރުމުގެ ހެޔޮ ތައުފީޤް ދެއްވިކަމަށް ޓަކައި މާތް ރަސްކަލާނގެއަށް ޙަމްދާއި ޝުކުރުކުރައްވާ ކަމަށެވެ.
”އަދި ތިޔަ ލޮބުވެތި ރައްޔިތުން ދެއްވި ތާޢީދާއި، މަތިވެރި އިތުބާރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.‏“
އެމަނިކުފާނު ވަނީ، އިޚްލާސްތެރި ދުޢާ އަކީ ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންނަށް އަބަދުވެސް ފާގަތި ކަމާއި ކުރިއެރުމާއި ތަރައްޤީ މިންވަރު ކޮށްދެއްވުން ކަމަށް ވެސް ވިދާޅުވެފައެވެ.
ޙުސައިން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ޓިކެޓުގައެވެ. ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 09 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ފޯމު ހުށަހެޅުއްވުމުގެ ކުރިން އެމަނިކުފާނު ވަނީ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ