ކަމެއް ދިމާވާއިރަށް ނަމާދުކުރުމާ ދުރުހެލިވެވޭނަމަ އެއީ ބޮޑު މައްސަލައެއް! ޙައްލު ލިބޭނީ ނަމާދުކުރުމުން!

މިހާރަކަށް އައިސް ނަމާދުކުރާ މީހުންގެ ތެރެއިންވެސް ބައެއް މީހުން އެބަ ފޭލްވެއެވެ. މަސައްކަތްބުރަވުމުން، މޫޑްގޯސްވުމުން، އެންޒައިޓީގެ މައްސަލައެއް ކުރިމަތިވުމުން ނުވަތަ އެނޫންވެސް ކަމަކާއި ގުޅުވައިގެން ނަމާދުކުރުމަށް ފަރުވާކުޑަކުރާތީއެވެ. އެއީ ހިތްހަމަޖެހިގެން ހުރެވޭނަމަ ކުރަން އޮތްކަމެއް ކަމަށް ޤަބޫލުކުރެވޭތީއެވެ.  
ކުރިމަތިވާ ކޮންމެ ކަމަކުންވެސް ސަލާމަތްވެވުން އޮތީ އެކަމަކުން ނުވަތަ އެޙާލަތަކުން ﷲ ތަޢާލާ އެމީހަކު ސަލާމަތްކުރެއްވެވުމުންނެވެ. ވީމާ ޙާލަތެއް ކުރިމަތިވުމުން ނަމާދާއި ދުރަށް ޖެހިގެން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ ކިހިނަކުން ހެއްޔެވެ؟
ކުރިމަތިވެފައިވާ ޙާލަތަށް ނުބަލާށެވެ! ނަމާދުކުރުމުގައި ޘާބިތުވާށެވެ! ނަމާދުގައާއި ނަމާދު ނިމުމުން ދުޢާކުރުން ގިނަކުރާށެވެ! އެމީހަކަށް ހެޔޮ ގޮތްތައް ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ. އެކަން ވަޤީންކުރަންވީ ﷲ ތަޢާލާގެ ވަޙީބަސްފުޅުންނެވެ. "ތިއަބައިމީހުން ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގިއެދޭށެވެ!" އޮތް ބަސްފުޅުންނެވެ. 
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  
މާތް ނަބިއްޔާ ﷺ އަޅުކަމެއް ފަށްޓަވައިފިނަމަ އެކަމެއްގެ މަތީ ދެމިހުންނަވާ ކަމަށް ޙަދީޘްތަކުގައިވެއެވެ. އަދި އަޅުކަމުގައި ދެމިތިބޭ އަޅުތަކުންނަށް ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ޘަނާކިޔުއްވަވާފައިވެއެވެ.  
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ﴾ سورة المعارج:23 
މާނައީ: "އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ".  
މިއާޔަތުގައި ﷲ ތަޢާލާ މިބަޔާންކުރައްވާ ފަދައިން މުއުމިނުންގެ ސިފައަކީ އެމީހުންގެ ކިބައިން ތަކުލީފު އުފުލެންދެން އަޅުކަމުގައި ދެމިތިބުމެވެ. ﷲ ތަޢާލާ ނަބިއްޔާ ﷺ އަށް އަމުރުކުރެއްވީ މިފަދައިން އަޅުކަމުގައި ދެމިހުންނެވުމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:  
﴿وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ﴾ سورة الحجر:99 މާނައީ: "އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!".
 
- ޝައިޚް އަޙްމަދު ރިމާޒްގެ ލިޔުއްވުމަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ