ހުޅުމާލޭގެ ގޯތިތައް 10 ބުރިއަށް އިމާރާތްކުރެވޭ ގޮތް ހަދައިފި؛ ތިރީ 2 ބައި ދިރިއުޅުމަށް ބޭނުމެއް ނުކުރެވޭނެ

ހުޅުމާލޭގައި 900 އަކަފޫޓުގެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް ހަދައި، 'ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު' މިއަދު އާންމުކޮށްފި އެވެ. އެކަމަކު އެފަދަ އިމާރާތެއްގެ އެންމެ ތިރީ ދެ ބައި ދިރިއުޅުމުގެ ބޭނުންތަކަށް ބޭނުންކުރުން މި ގަވާއިދުގެ ދަށުން ވަނީ މަނާކޮށްފަ އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިދިޔަ ޑިސެމްބަރުގައި ހުޅުމާލެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ، އެންމެ ތިރީ ދެ ބައި ޕާކިން އާއި އާމްދަނީ ހޯދޭނެ ކަމަކަށް ހާއްސަކުރަން މަޖުބޫރުވާ ގޮތަށް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށް ވިދާޅުވެފަ އެވެ.
ފިނޭންސް މިނިސްޓްރީން އެކުލަވާލައި މިއަދު އާންމުކުރި 'ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު'ގައި ވަނީ އެކަމަށް ހުއްދަ ދީފަ އެވެ.
ތަފްސީލް - މި ގަވާއިދަކީ، ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމަށް ހަރުދަނާ އޮނިގަނޑެއް ތައާރަފުކޮށް، ތަރުތީބުވެފައިވާ އާބަން ތަރައްގީއަކަށް މަގުފަހިކުރުމަށާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން ބިންވެރިންނާއި ޑިވެލޮޕަރުންނަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.
ބިމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުގައި ހުޅުމާލޭގެ ރެސިޑެންޝަލް ޕްލޮޓްތަކުގައި އިމާރާތްކުރުމުގެ އިޖުރާއަތްތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވާއިރު، ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި ކުރާ އިމާރާތްތަކުގެ ޑިޒައިން އެޕްރޫވަލް އާއި އިމާރާތްކުރުމުގެ ހުއްދަ ހޯދަންޖެހޭނީ އެޗްޑީސީ މެދުވެރިކޮށެވެ. އިމާރާތްކުރުމުގެ މަސައްކަތް ފެށޭނީ ބޭނުންވާ ހުއްދަތައް ލިބުމުންނެވެ.
އާ އޮނިގަނޑުގެ ދަށުން އިމާރާތްތަކުގެ ފަންގިފިލާތައް ބޭނުންކުރާނެ ގޮތާއި އުސްމިނާއި ފްލޯ ސްޕޭސް އިންޑެކްސް (އެފްއެސްއައި) އާއި އިމާރާތުން ދޫކުރަންޖެހޭ ހުސް ޖާގަ (ސެޓްބެކް) އަދި ޕާކިންއާ ގުޅޭ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފަ އެވެ. 
މި ގަވާއިދުގައި އިމާރާތުގެ ބައްޓަމާއި ބިން ބޭނުންކުރާނެ ގޮތުގެ ތަފްސީލީ މިންގަނޑުތަކެއް ހިމަނާފައިވެ އެވެ. އެޗްޑީސީން އާންމުކުރާ ސެޓްބެކް ޕްލޭންތަކާ އެއްގޮތަށް ބިންތައް ތަރައްގީކުރަންޖެހޭއިރު، އިމާރާތްތަކުގެ އެންމެ އުސްމިނަކީ 30.5 މީޓަރު ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން:
400 އަކަފޫޓަށް ވުރެ ކުޑަ ނަމަ އިމާރާތްކުރެވޭނީ 6 މީޓަރަށް؛ އެއީ 1 ފަންގިފިލާއަށް
500 އަކަފޫޓަށް ވުރެ ކުޑަ ނަމަ އިމާރާތްކުރެވޭނީ 6.5 މީޓަރަށް؛ އެއީ 2 ފަންގިފިލާއަށް
600 އަކަފޫޓަށް ވުރެ ކުޑަ ނަމަ އިމާރާތްކުރެވޭނީ 9.5 މީޓަރަށް؛ އެއީ 3 ފަންގިފިލާއަށް
700 އަކަފޫޓަށް ވުރެ ކުޑަ ނަމަ އިމާރާތްކުރެވޭނީ 12.5 މީޓަރަށް؛ އެއީ 4 ފަންގިފިލާއަށް
800 އަކަފޫޓަށް ވުރެ ކުޑަ ނަމަ އިމާރާތްކުރެވޭނީ 15.5 މީޓަރަށް؛ އެއީ 5 ފަންގިފިލާއަށް 
801 އަކަފޫޓާއި 900 އަކަފޫޓާ ދެމެދު ނަމަ 24.5 މީޓަރަށް؛ އެއީ 8 ފަންގިފިލާއަށް
900 އަކަފޫޓަށް ވުރެ ބޮޑު ނަމަ 30.5 މީޓަރަށް؛ އެއީ 10 ފަންގިފިލާއަށް
މީގެ އިތުރުން، 18.5 ނުވަތަ 6 ފަންގިފިލާއަށް ވުރެ ތިރިކޮށް ހަދާ ނަމަ ސައިކަލު ޕާކިންއަށް ޖާގަ ދޫކުރަންޖެހޭނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ. އެއަށް ވުރެ މައްޗަށް ހަދާ ނަމަ، އެ އިމާރާތެއްގެ މުޅި ގްރައުންޑް ފްލޯ ހާއްސަކުރަންޖެހޭނީ ޕާކިންގެ ބޭނުމަށް ކަމަށް ވެސް ގަވާއިދުގައިވެ އެވެ.
ގަވާއިދުގައިވާ ގޮތުން، 6 ބުރިއަށް ވުރެ މައްޗަށް އިމާރާތްކުރާ އިމާރާތްތަކުގެ ތިރީ ދެ ފަންގިފިލާ ހާއްސަ ކުރަންވާނީ ދިރިއުޅުން ނޫން އެހެން ބޭނުމަކަށެވެ. ބޭސްމަންޓުގައި ޕާކިންއެއް ހިމެނިޔަސް، އެންމެ ތިރީ ފަންގިފިލާ އަދި ފުރަތަމަ ފަންގިފިލާ ދިރިއުޅުމުގެ ބޭނުމަކަށް ހުއްދައެއް ނުދެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ.
ބަދަލުގައި އެތަންތަން ބޭނުންކުރަންޖެހޭނީ ޕާކިން ނުވަތަ އާމްދަނީ ހޯދުމަށް ކުރާ ކަންކަމަށް ގަވާއިދުގައިވެ އެވެ. އެކަމަކު އެތަންތަނުގައި ހިންގޭނީ ހުއްދަދެވޭ ވަކި ވިޔަފާރިތަކެކެވެ. އެގޮތުން، އެތަންތަނުގައި ސިނާއީ މަސައްކަތްތަކާއި ގުދަންކުރުމާ އަދި އާންމުންނަށް އުނދަގޫވާ ފަދަ ގަދަ އަޑު، ވަސް، ދުން ނުވަތަ ހިރަފުސް އުފެދޭ ފަދަ ކަންކަން ކުރުން މި ގަވާއިދުގެ ދަށުން މަނާކުރެ އެވެ.
ގަވާއިދުގައިވާ ގޮތުން، އިމާރާތްތަކުގެ އިންފާރު ނެގޭނީ 1.2 މީޓަރަށެވެ. އަދި އެކަން ކުރަންޖެހޭނެ މިންގަނޑުތައް ވެސް މި ގަވާއިދުގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން:
ޒަމާނީ އާބަން މާހައުލަކަށް ބޭނުންވާ ޕާކިން، ކުނި ބަހައްޓާނެ ޖާގަ، ވައި ދައުރުވުން، ރައްކާތެރިކަން އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗާއާ ގުޅޭ ޝަރުތުތައް ގަވާއިދުގައި ހިމެނޭ
ފުރާޅުލާފައިވާ ޓެރަސްތަކަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި ސޯލާ ޕެނަލް ހަރުކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަނަށް ވާންޖެހޭނެ 
އެޗްޑީސީގެ ހުއްދައާ އެކު، މުވާސަލާތީ ޓަވަރުތަކާއި އެންޓަނާ އަދި ސެޓެލައިޓް ޑިޝްތައް ތަރުތީބުން ހަރުކުރުމާ ގުޅޭ އުސޫލުތައް ވެސް ގަވާއިދުގައި ހިމަނާފައިވޭ
މި އާ ގަވާއިދު މިއަދު ޝާއިއުކޮށް އަމަލުކުރަން ފެށުމާ އެކު، ކުރިން އަމަލުކުރަމުން އައި 'ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު' ވަނީ އުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ