ފޭރާއެކު، ފޭރުގެ ފަތުން ވެސް ސިއްހީ ގިނަ ފައިދާތަކެއް
ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު މޭވާއެއް ކަމަށްވާ ފޭރަކީ ކާލަން ވަރަށް މީރު މޭވާއެކެވެ. މި މޭވާއަކީ ސިއްހީގޮތުން ގިނަ ގުނަ ފައިދާތަކެއް އެކުލެވޭ މޭވާއަކަށްވާއިރު ފޭރު ގަހުގެ ފަތަކީ ވެސް އޭގައި ވަރަށް މުހިއްމު ސިއްހީ މާއްދާތަކެއް އެކުލެވޭ ބާވަތެކެވެ. ފޭރާއި ފޭރުފަތަކީ ވިޓަމިން ސީ އާއި ޕޮޓޭސިއަމް ފަދަ ހަށިގަނޑަށް މުހިންމު މާއްދާތަކުން މުއްސަނދިވެފައިވާ އެއްޗެހި ކަމަށްވުމުން، މިއީ ހިތުގެ ސިއްހަތާއި، ހަޖަމުކުރުމުގެ ނިޒާމުގެ އިތުރުން ހަށިގަނޑުގެ އެހެނިހެން ނިޒާމުތަކަށް ބޮޑެތި ފައިދާތަކެއް ކޮށްދޭ އެއްޗެއް ކަމަށް، ނިއުޓްރިޝަނިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޖެރިލީން ޖޯންސް ވިދާޅުވެފައިވެއެވެ. މީގެިއތުރުން ފޭރުފަތަކީ ހާބަލް ސައި ތައްޔާރުކުރުމަށާއި ސިއްހީ ސަޕްލިމެންޓެއްގެ ގޮތުގައި ވެސް ވަރަށް ގިނަ ޤައުމުތަކުގެ މީހުން ބޭނުންކުރެވޭ އެއްޗެކެވެ. ފޭރުން ސިއްހީ ގިނަ ފައިދާތަކެއް ލިބޭއިރު އެ ގަހުގެ ފަތަކީ ވެސް ސިއްހީ ގިނަ މާއްދާތަކެއް އެކުލެވޭ ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް ފޭރުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް، ވިޓަމިން ސީ، ޕޮޓޭސިއަމް އަދި ފައިބަ އެކުލެވިގެންވެއެވެ. މި މާއްދާތަކުގެ ސަބަބުން ފޭރުން ލިބޭ ބައެއް މުހިންމު ފައިދާތަކުގެތެރޭ: ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދިނުން:ފޭރު އަދި ފޭރު ފަތުން ލިބިދޭ ސިއްހީ ފައިދާތަކުގެ މައްޗަށް ބިނާކޮށް ޖެރލީން ޖޯންސް ލިޔުއްވާފައިވާ ލިޔުމެއްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ފޭރުފަތުގެ އެކްސްޓްރެކްޓް ބޭނުންކުރުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށާއި، އިންސިއުލިން ރެސިސްޓެންސް ރަނގަޅުކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސައިންޓިފިކް ގިނަ ހޯދުންތަކުން ވަނީ ދައްކާފައެވެ. ހިތުގެ ސިއްހަތު ރަނގަޅުކޮށްދިނުން:ފޭރުފަތުގައި ހުންނަ އެންޓިއޮކްސިޑެންޓްތަކާއި ވިޓަމިންތަކުގެ ސަބަބުން ހިތުގެ މަސްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދެއެވެ. އަދި ފޭރުގައި ހުންނަ ޕޮޓޭސިއަމް އާއި ފައިބަރަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ނުރައްކާތެރި ކޮލެސްޓްރޯލް (LDL) މަދުކުރުމަށް އެހީވެދޭ މާއްދާތަކެކެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. މައްސަރު ކަންތަކުގެ ތަދު ކުޑަކޮށްދިނުން:ގިނަ އަންހެނުންނަށް މައްސަރު ދުވަސްވަރު ދިމާވާ ބަނޑުގައި ރިއްސުން ފަދަ އުނދަގޫތަކަށް ފޭރުފަތުގެ އެކްސްޓްރެކްޓަކީ ފައިދާހުރި ފަރުވާއެކެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި މިއީ އާދައިގެ ތަދުކަނޑުވާ ބޭސްތަކަށްވުރެ ވެސް ބޮޑަށް ތަދު ކުޑަކޮށްދޭ އެއްޗެެއް ކަމަށް ޖެރިލީން ވަނީ ވިދާޅުވެފައެވެ. ހަޖަމުކުރުމުގެ ނިޒާމަށް ލިބޭ ފައިދާ:ފޭރަކީ ފައިބާއިން މުއްސަނދި މޭވާއަކަށް ވުމުގެ ސަބަބުން ބަނޑު ހިކުމުން ސަލާމަތްކޮށްދީ، ބޮޑުކަމުދިއުން ފަސޭހަކޮށްދެއެވެ. އަދި ފޭރުފަތަކީ ބަނޑުދިޔާވުން (ޑައިރިއާ) ކުޑަކޮށްދީ، ބަނޑުގެ ތެރޭގައި ހުންނަ ގެއްލުންދެނިވި ޖަރާސީމުތައް ނައްތާލުމަށް އެހީވެދޭ އެއްޗެކެވެ. ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން:ފޭރަކީ ކެލޮރީ މަދު، ނަމަވެސް ބަނޑު ފުރޭ ފަދަ މޭވާއެކެވެ. މީގައި ގިނަ އަދަދަކަށް ވިޓަމިންތަކާއި މިނަރަލްތައް އެކުލެވިގެންވާތީ، ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް މިއީ ސިއްހަތަށް ފައިދާހުރި ރަނގަޅު ކެއުމެކެވެ. ކެންސަރާ ދެކޮޅަށް މަސައްކަތްކުރުން:ބައެއް ދިރާސާތަކުން ދައްކާގޮތުގައި ފޭރުފަތުގެ އެކްސްޓްރެކްޓަކީ ކެންސަރު ސެލްތައް އުފެދުމާއި ފެތުރުން ހުއްޓުވުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެއްކަން ދެނެގަނެވިފައިވާ ކަމަށް ޖެރިލީންގެ ލިޔުމުގައި ފާހަގަކުރައްވާފައިވެއެވެ. މިއީ އޭގައި ހުންނަ ބާރުގަދަ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ލިބިދޭ ފައިދާއެކެވެ. ނަމަވެސް، އިންސާނުންގެ ހަށިގަނޑުގައި ކެންސަރު ބައްޔަށް ފަރުވާކުރުމަށް މީގެ ބޭނުންތެރިކަން ކަށަވަރުކުރުމަށް އިތުރު އިތުރު ދިރާސާތައް ބޭނުންވާކަން ވެސް ނިއުޓްރިޝަނިސްޓް ޖެރިލީން ފާހަގަކުރައްވާފައިވެއެވެ. ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުން:ފޭރަކީ އޮރެންޖަށް ވުރެ ވެސް ގިނައިން ވިޓަމިން ސީ އެކުލެވޭ މޭވާއެކެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، އަރިދަފުސް ރޯގާ ފަދަ ބަލިތަކުގެ އަސަރު ކުޑަކޮށްދޭ މުހިންމު މާއްދާއެކެވެ. މީގެ އިތުރުން ބެކްޓީރިއާ އާއި ވައިރަސްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުވެސް މީގެ ސަބަބުން ލިބިދެއެވެ. ހަމުގެ ރީތިކަން ދެމެހެއްޓުން:ފޭރުގައި ހުންނަ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން އުމުރުން ދުވަސްވުމުން ހަމަށް އަންނަ ބަދަލުތައް ދުރުކޮށްދީ، ރޫޖެހުން ކުޑަކޮށްދެއެވެ. އަދި ފޭރުފަތުގެ އެކްސްޓްރެކްޓް ހަމުގައި އުނގުޅުމަކީ މޫނުގައި ބިހި ނެގުން (އެކްނީ) ކުޑަކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ފޭރަކީ ހަމައެކަނި މީރު މޭވާއެއް ނޫނެވެ. މިއީ ހަށިގަނޑަށް ބޭނުންވާ އެތައް ފައިދާތަކެއް އެކުލެވިގެންވާ، ސިއްހަތަށް ފައިދާހުރި ކާނާއެކެވެ. ހިތުގެ ބަލިތަކުން ރައްކާތެރިވުމާއި، ހަޖަމުކުރުން ރަނގަޅުކުރުމާއި، ދިފާއީ ނިޒާމު ވަރުގަދަކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ކެއުމުގައި ފޭރު ހިމެނުމަކީ ނުހަނު ފައިދާހުރި ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ