ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އަންނަ އެޕްރީލް 4، ގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އަށް ހޭލުންތެރިނުކުރާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން އިއްޔެ ބުނެފި އެވެ.
ރެފެރެންޑަމްގެ ކުރިން ޓްރާންސްޕޭރެންސީން ހެދި ރިވިއުގައި ބުނީ އާންމު ފެންނަ ނުފެންނަ ވޯޓުގެ ގާނޫނުގެ ދަށުން އެ ކަރުދާސް ޝާއިއުކުރަންޖެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް އިލެކްޝަންސް ކޮމިޝަނުން އެކަން ފުރިހަމަކުރި ނަމަވެސް، އެކަށީގެންވާ މިންވަރަށް އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރެވިފައި ނުވާކަމަށް އެ ކޮމިޝަނުން ހާމަކޮށްފައިވާ ކަމަށެވެ.
ވޯޓުލާ މީހުންނަށް ޝާއިއުކުރާ ރަސްމީ މައުލޫމާތު ކަރުދާހުގައި އެއްވެސް ތަނެއްގައި އިސްލާހާ ދެކޮޅު ހުއްޖަތެއް ނުވަތަ ބަހެއް ހިމަނާފައި ނުވާ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.
"ރިޔާސީ ގަރާރެއްގެ މަގުން މިފަދަ ވޯޓެއް ނަގާއިރު، ގާނޫނު ލާޒިމްކުރަނީ ހަމައެކަނި އެކަމަށް ތާއީދުކުރާ/އެއްކޮޅަށް ހުރި ހުއްޖަތްތައް ހިމެނުމަށް ކަމަށްވާތީ. ރަސްމީ މައުލޫމާތުތައް މިފަދަ ގޮތަކަށް، އެއްކޮޅަށް ބުރަވެފައި އޮތުމުގެ ނަތީޖާއަކީ، ގާނޫނުއަސާސީއާ ގުޅޭ މިފަދަ މުހިންމު ނިންމުމެއް ނިންމާއިރު، ހަމަހަމަ ގޮތެއްގައި މިކަމާއި ގުޅޭ މައުލޫމާތު ނެތި ރައްޔިތުން ވޯޓުލާން ޖެހުން،" ޓްރާންސްޕޭރެންސީން ބުންޏެވެ.
އިންތިހާބާ ގުޅިގެން ވޯޓު ފޮށިތަކަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން، ވޯޓުގެ ސިއްރުކަން ގެއްލުމުގެ ނުރައްކާ އޮތް 6،176 ވޯޓުލާ މީހުން ތިބިކަން އިލެކްޝަނުން ފާހަގަކޮށްފައިވާއިރު، މައްސަލަ ދިމާވި މީހުންނަށް އެހެން ފޮށްޓަކަށް ރަޖިސްޓްރީވުމަށް ދީފައިވަނީ 48 ގަޑިރުކަން ޓްރާންސްޕޭރެންސީން ވަނީ ފާހަގަކޮށްފަ އެވެ.
މިގޮތުން ޓްރާންސްޕޭރެންސީން ބުނީ އޭގެ ތެރޭގައި ގިނައީ ރިސޯޓުތަކާއި، ސިނާއީ ރަށްތަކާއި، ޖަލުތަކުގެ އިތުރުން އިންޓަނެޓުގެ ހިދުމަތް ހޯދަން ދަތި ދުރު ރަށްތަކުގައި ދިރިއުޅޭ މީހުން ކަމަށްވުމުން، އެ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށް އެކަށީގެންވާ ފުރުސަތެއް ނުލިބޭ ކަމަށެވެ.
ކެމްޕެއިންގެ މާލީ ކަންކަމާގުޅޭ ގޮތުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ލޯކަލް ކައުންސިލް އިންތިހާބުގައިކަން ފާހަގަކޮށް ޓްރާޏްސްޕޭރެންސީން ބުނީރެފެރެންޑަމްއާ ގުޅޭގޮތުން ކެމްޕެއިން ފައިސާއާ ގުޅޭ ފްރޭމްވޯކެއް ވެސް ނެތް ކަމަށެވެ.
އެޕްރީލް 4، ގައި ރެފެރެންޑަމްއާއެކު ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިހާބުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އިންތިހާބުގައި ޖުމްލަ ތިން ކަރުދާސްކޮޅު ކޮންމެ މީހަކަށް ދޭނެ އެވެ.
އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން 294،937 ރައްޔިތަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.
ރެފެރެންޑަމަށް ހޭލުންތެރިނުކުރާތީ ޓްރާންސްޕޭރެންސީގެ ކަންބޮޑުވުން ރެފެރެންޑަމަށް ހޭލުންތެރިނުކުރާތީ ޓްރާންސްޕޭރެންސީގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ