ކަފާލާތުގެ ދަށުން ރާޖްޕަލް ޔާދަވް ދޫކޮށްލައިފި
ޗެކެއް ބައުންސްވި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ ކޮމެޑީ އެކްޓަރު ރާޖްޕަލް ޔާދަވް ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ. ރާޖްޕާލް ޖަލުން ދޫކޮށްލާފައިވަނީ ކަފާލާތުގެ ގޮތުގައި 1.5 ކްރޯޑު ރުޕީސް (2.5 މިލިއަން ރުފިޔާ)ގެ ފީއެއް ދެއްކުމުން އިއްޔެގެ ވަގުތެއްގައެވެ. ރާޖްޕަލް ކަފާލާތުގެ ދަށުން ދޫކޮށްފައިވަނީ ކޯޓުން އަންގާ ގަޑިތަކަށް ހާޒިރުވުމަށް ޝަރުތުކޮށްފައި ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ސްޓޭޓްސްމަންގައި ވަނީ ބަޔާންކޮށްފައެވެ. ވަރަށް ގިނަ ފިލްމުތަކެއްގައި ކޮމެޑީ ރޯލްތައް ކުޅެފައިވާ އެކްޓަރަށް ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހުނީ 2010 ވަނަ އަހަރު ރާޖްޕަލް ޑައިރެކްޓްކުރި ފިލްމު "އަތާ ޕަތާ ލާޕަތާ" އުފެއްދުމަށް ލޯނެއްގެ ގޮތުގައި ނެގި ފައިސާ, އެ ލޯނު ނެގި ކުންފުންޏަށް އަނބުރާ ނުދެއްކުމާ ގުޅިގެންނެވެ. މުރާލީ ޕްރޮޖެކްޓްސް ކިޔާ ކުންފުންޏަކުން ރާޖްޕާލް ނެގި ފަސް ކްރޯޑު ރުޕީސްގެ ލޯނު ނުދައްކާ އޮތުމުގެ ސަބަބުން އެ ކުންފުންޏަށް އޭނާ އަނބުރާ ދައްކަންޖެހޭ އަދަދު މިހާރު ވަނީ ނުވަ ކްރޯޑު ރުޕީސްއަށް އަރާފައެވެ. އެކްޓަރު ރާޖްޕަލް ޔާދަވް ކުޅެފައިވާ ބައެއް ފިލްމުތަކުގެ މަންޒަރުތަކެއް--ފޮޓޯ/މިޑްޑޭ ރާޖްޕަލްގެ މާލީ ހާލަތު ތަން ނުދިނުމުގެ ގޮތުން އޭނާއަށް އެ ފައިސާ އަނބުރާ ދެއްކުމުގައި ކުރިމަތިވި ދަތިތަކާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ފިލްމީތަރިން ވެސް ވަނީ އެކްޓަރަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. ރާޖްޕަލް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ފަހު ދެން އެންމެ އަވަހަށް މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ 18 ވަނަ ދުވަހެވެ. މި މުއްދަތުގެ ތެރޭގައި އާއިލާއާ އެކު ވަގުތު ހޭދަކޮށް އޭނާ ކުރިން ބައިވެރިވާން އެދުނު އާއިލީ ކައިވެނީގެ ހަފްލާގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ދިއްލީ ހައިކޯޓުން ވަނީ އަންގާފައެވެ. ރާޖްޕަލް މި ފަހުން މަސައްކަތްކުރި ފިލްމުތަކުގެ ތެރޭ "ބޫލް ބުލައްޔާ 3" އަދި ފިލްމު "ހަންގާމާ"ގެ އިތުރުން "ބޭބީ ޖޯން" ހިމެނެއެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭ މި އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރާ އަކްޝޭ ކުމާރުގެ ފިލްމު "ބޫތު ބަންގްލާ" ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ