ރިޔާސީ ބަޔާން 2026: ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާއި ހިޔާސަރަހައްދަށް އަމާޒުކޮށް 13 ހާސްޓަނުގެ ފެން ރައްކާކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާއި ހިޔާސަރަހައްދަށް އަމާޒުކޮށް 13 ހާސްޓަނުގެ ފެން ރައްކާކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މި މަސައްކަތްތައް 2027 ގައި ނިމޭއިރު، މާލެ ސަރަހައްދުގެ ފެން ރައްކާކުރުމުގެ ޤާބިލުކަން 130 އިން ސައްތައަށް އިތުރު ވެގެންދާނެކަމަށެވެ.
މާލެ ސަރަހައްދުގައި ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން 10 ހާސް ޓަނުގެ ތާނގީއެއްގެ މަސައްކަތް މިދިޔަ އަހަރު ނިންމައި، މިހާރު ބޭނުންކުރަން ފަށާފައިވާކަމަށާއި އިތުރު 13 ހާސް ޓަނުގެ ދެ ތާނގީ މާލޭގައި ބެހެއްޓުމުގެ ޢަމަލީ މަސައްކަތް ވެސް މިހާރު ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމް ކުރެވޭ މިފަދަ ޢުމްރާނީ ވަސީލަތްތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމަކީ، ކަންކުރަންޖެހޭގޮތްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އަތޮޅުތަކަށް ޕަބްލިކް ވަރކްސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިހާރު އެ ޚިދުމަތް ޤާއިމް ކުރެވިފައި ނުވާ 15 އަތޮޅުގެ 19 ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓް ތައް އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިއަހަރުގެ މެދުތެރޭގައި ޤާއިމްކޮށް ނިމޭނެ ކަމަށެވެ.
މި އިންތިޒާމް ހަމަޖެހުމުން ރަށްރަށުގައި ޤާއިމް ކުރާ ޢުމްރާނީ ވަސީލަތްތަކުގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުމުގެ ތެރެއިން ބަނދަރު ތެރެ ތިލަވުމުން ފުންކުރުމާއި، ނެރުމަތި ތިލަވުމުން ނެރު ފުންކުރުމާއި، ބަނދަރުގެ އެކިކަހަލަ މަރާމާތުތައް ކުރުމާއި، މަގުތައް މަރާމާތު ކުރުމާއި، އިމާރާތްތަކާއި އެކިކަހަލަ ޢުމްރާނީ ވަސީލަތްތަކުގެ މެއިންޓެނަންސް އާއި މަރާމާތުގެ މަސައްކަތް މިހާރަށްވުރެ ހަލުވިކޮށް، ކުޑަ ޚަރަދެއްގައި، ކުރިޔަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފެނާ ނަރުދަމާގެ މަސައްކަތްތަކަށް އަލިއަޅުވާލައްވާ އެމަނިކުފާނު ވިދާޅުވީ 17 ނޮވެމްބަރު 2023 ގެ ފަހުން 42 ރަށުގައި ފެނުގެ ނިޒާމު ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައިވާއިރު، 39 ރަށުގައި ނަރުދަމާ ނިޒާމް ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައިވާކަމަށެވެ. އިތުރު 51 ރަށުގައި ފެނުގެ ނިޒާމް އަދި 40 ރަށުގައި ނަރުދަމާ ނިޒާމް ޤާއިމުކުރެވެމުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކޮށް ނިމޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ހުރިހާ މަޝްރޫޢުތައް ނިންމާ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރިޔަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.  
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ