ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ޕީއެސްއެމުން ގެންދާ ޕްރޮގްރާމްގައި މި ވަގުތު ފުރުސަތު ދެނީ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނަށް ކަމަށް ޕީއެސްއެމުން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ޕީއެސްއެމުން "ހޭލުން" ނަމުގައި ގެންނަ ޕްރޮގްރާމްގައި މިހާތަނަށް ވާހަކަ ދައްކަން ފުރުސަތު ދެނީ ސަރުކާރުގެ ހުށަހެޅުމާ އެއްގޮތަށް މައި ދެ އިންތިހާބު އެކުގައި ބާއްވަން ތާއީދުކޮށް ވާހަކަ ދައްކާ ބަޔަކަށެވެ. އެ ގޮތުން:
މިހާތަނަށް ޕްރޮގްރާމްގެ ތިން އެޕިސޯޑެއް ގެނެސްދީފައިވާއިރު، މެހެމާނުންގެ ގޮތުގައި ބައިވެރިވެފައިވަނީ ސަރުކާރުގެ ސްޓޭންޑް ޕްރޮޕޯޓު ކުރައްވާ ބޭފުޅުން
ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މެންބަރުންނަށްވީ ނަމަވެސް އެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ އިތުރުން އިދިކޮޅު ސްޓޭންޑަށް ކެމްޕެއިންކުރައްވާ ބޭފުޅުންނަށް އަދި ފުރުސަތެއް ނުދެއްވާ
ތަފްސީލް - އެމްޑީޕީއަށް ފުރުސަތު ދިނުމަށާއި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީބާ ބައްދަލުކުރުމަށް އެދި ފޮނުވި ސިޓީގެ ޖަވާބުގައި ޕީއެސްއެމުން ފޮނުވި ސިޓީ ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ސޮއިކުރައްވައި، އެމްޑީޕީއަށް ފޮނުވި ސިޓީގައި ވެސް ބުނީ އެ ޕްރޮގްރާމްގައި މި ވަގުތު ފުރުސަތު ދެނީ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނަށް ކަމަށެވެ. އެއީ:
އެ ޕްރޮގްރާމަކީ މިފަދަ ކަމެއްގައި ފަންނީ އަދި އިޖުރާއީ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެއް
މި ޕްރޮގްރާމްގައި ސިޔާސީ ޕާޓީތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި އިސްކަން ދެނީ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ތަޖުރިބާކާރު ބޭފުޅުންނަށް
ޕީއެސްއެމުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ޕަބްލިސް ސާވިސް މީޑިއާގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް ބުންޏެވެ.
އަދި އެމްޑީޕީ ވެރިކަމުގައި އޮތް އިރު ވެސް ޕީއެސްއެމް މި ގޮތުގައި ހިދުމަތް ކުރުމުގައި ދެމިއޮތް ކަމަށާއި އާންމު ރައްޔިތުންގެ މެދުގައި ޕީއެސްއެމްއާ މެދު ނަފްރަތު އުފެއްދުމުގެ މަސައްކަތް ނުކުރުމަށް ވެސް އެ ސިޓީގައި ޕީއެސްއެމުން ބުނެފައިވެ އެވެ.
މި ވަގުތު މެނޭޖިން ޑިރެކްޓަރު ޝަކީބް ރާއްޖޭގައި ނޫޅުއްވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ފަސްމަންޒަރު - ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1ޑިސެމްބަރު 2028ގައި ހަމަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ދައުރު ބަދަލުކުރާ އިސްލާހެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.
އެހެންވެ، މިދިޔަ މަހު 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ނިންމެވީ އަންނަ 4 އޭޕްރީލްގައި މި ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އޮންނަ ދުވަހެވެ.
ރެފެރެންޑަމް ޕްރޮގްރާމަށް މި ވަގުތު ފުރުސަތު ދެނީ ހާއްސަ މަޖިލިސް މެންބަރުންނަށް: ޕީއެސްއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ