ފްލައިން ސްކޫލް ބޭރު ބަޔަކަށް ވިއްކާލީ އައިއޭއެސް އަށް ގެއްލުންވާ ގޮތަށް! ފްލައިން ސްކޫލް ބޭރު ބަޔަކަށް ވިއްކާލީ އައިއޭއެސް އަށް ގެއްލުންވާ ގޮތަށް!

އައްޑޫ ގަމުގައި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ހިންގި މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީ، ބޭރު ބަޔަކަށް ވިއްކާލީ އެ ކުންފުންޏަށް ބޮޑު މާލީ ގެއްލުމެއް ވާގޮތަށް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ފްލައިން ސްކޫލް ވިއްކާލި މުއާމަލާތުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، އައްޑޫ ފްލައިން ސްކޫލް ގާއިމުކުރުމަށްޓަކައި އައިލެންޑް އޭވިއޭޝަނުން 2 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 30.8 މިލިއަން ރުފިޔާ) އިންވެސްޓްކުރި އެވެ. ނަމަވެސް، އެ ހުރިހާ ވަސީލަތްތަކަކާއެކު ބޭރު ބައެއްގެ ހިއްސާ އޮންނަ 'ޒެނިތު އޭވިއޭޝަން އެކެޑެމީ' އަށް އެ ތަން ވިއްކާލީ ގާތްގަނޑަކަށް 900,000 ޑޮލަރަށެވެ.
އޭވިއޭޝަން ދާއިރާގެ އޮފިޝަލަކު ބުނީ "މިއީ ހަމައެކަނި އިންވެސްޓްމަންޓް ނުއަގުގައި ވިއްކާލުމެއް ނޫން ކަމަށާއި، މިއީ ދައުލަތުގެ ކުންފުންޏަކަށް ދާއިމީ ގޮތެއްގައި ލިބޭނެ ވަރަށް ބޮޑު އާމްދަނީއެއްވެސް ދޫކޮށްލުން" ކަމަށެވެ.
ޒެނިތު އޭވިއޭޝަން އެކެޑެމީ އަކީ މިދިޔަ އަހަރު ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. ބިޒްނަސް ޕޯޓަލުން އެނގޭ ގޮތުގައި މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަކީ ސަންދީޕު ކުމާރު އެވެ. ޒެނިތު އުފައްދާފައި ވަނީ އެޓޯލް ކޮންސަލްޓެންސީ ޕްރައިވެޓް ލިމިޓެޑް އަދި ސިމްޕްލިފައި ހޯލްޑިންގްސް ގްރޫޕު ލިމިޓެޑު ގުޅިގެންނެވެ. ޒެނިތުން މިހާރު ވަނީ އެ އެކެޑެމީގެ ކޯސްތައް ފަށައިފަ އެވެ.
ފްލައިން ސްކޫލް ޒެނިތަށް ވިއްކާލި މުއާމަލާތާ ގުޅޭ ގޮތުން އައިއޭއެސްގެ ބަހެއް ނުލިބުނެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ފްލައިން ސްކޫލް ވިއްކާލީ އެ އެކެޑެމީގެ ސަބަބުން އައިއޭއެސްއަށް ގެއްލުން ވަމުންދާތީ ކަމަށެވެ. އަދި އެއާލައިނާއި ފްލައިން ސްކޫލެއް އެކުގައި ހިންގުމަކީ ދުނިޔޭގައި އާންމުކޮށް ކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގެއްލުމުގައި ނުހިންގަން ވެގެން ވިއްކާލީ. އެކަމަށް ޝައުގުވެރިވާ މީހުން ހޯދަން ހުޅުވާލި މީހުންގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ފަރާތަށް ވިއްކާލީ. އަޅުގަނޑަކަށް އެއީ ކިހާ ވަރެއްގެ އަގެއް ކަމެއް ނޭނގޭ." އަމީން ވިދާޅުވި އެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީ ހިންގަން ފެށީ 2022 ވަނަ އަހަރު، އޭރު އައްޑޫގައި އޭޝިއަން އެކެޑެމީ އޮފް އެއިރޮނޯޓިކްސް އިން ހިންގި ސްކޫލްގެ މައްސަލަ ބޮޑުވެ، ކިޔަވާ ކުދިންގެ ކިޔެވުން މެދުކެނޑިފައި ވަނިކޮށެވެ. އޭރު ސަރުކާރުން އެކަން އައިއޭއެސްއާ ހަވާލުކުރީ ކުދިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި އޮފިޝަލުން ބުނި ގޮތުގައި މިހާރު ވެސް ޒެނިތު އެކެޑެމީއަށް ބޭރުގެ ދަރިވަރުން ގިނަ އަދަދަކަށް ލިބިފައިވާ ކަމަށެވެ. އަދި ކުންފުންޏަށް ފައިދާވާ ގޮތަށް ފްލައިން ސްކޫލް ހިންގާނެ ކަމަށް ވެސް އެ މީހުން ގަބޫލުކުރެ އެވެ.
"މިއީ ރާއްޖެއަށް ލިބެން އޮތް ފުރުސަތެއް ގެއްލުވާލުން. މިހާރު ވެސް މުޅި ދުނިޔޭގައި ޕައިލެޓުން މަދުވެގެން އުޅޭއިރު ހަމައެކަނި އިންޑިއާ އަށް އަމާޒު ކުރިޔަސް ދަރިވަރުން ހުސް ނުވެ ލިބޭނެ. ޒެނިތުން ކުރަމުން އެދަނީ އެކަން،" އަދަދު ނޫހާ ވާހަކަ ދެއްކި އޭވިއޭޝަން ދާއިރާގެ އޮފިޝަލް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ