އަވަހާރަވި، ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދުގެ ތައުޒިޔާގެ ދަފްތަރެއް ހުޅުވަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި، އަބްދުﷲ ހަމީދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވާނީ މާދަމާ އެވެ. ރައްޔިތުންގެ މަޖިލީހުން ބުނީ އިދާރާގައި ހުޅުވާފައި ހުންނަ ދަފްތަރު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާފައި ހުންނާނެ ކަމަށެވެ. އެ ދަފްތަރު ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:00 އާ ހަމަޔަށް ކަމަށް ވެސް މަޖިލީހުނގެ އިދާރާ އިން ބުންޏެވެ.
އިންޑިއާގެ ބެންގަލޫރުގައި ފަރުވާދެނިކޮށް އަވަހާރަވި އަބްދުﷲ ހަމީދުގެ ހަށިކޮޅު އިއްޔެ މާލެ ގެނެސް ރަސްމީ އިއްޒަތުގައި ރޭ ވަނީ ފަސްދާނުލައިފަ އެވެ. އެ ޖަނާޒާއަށް ގިނަ ބަޔަކު އެއްވެ، އާއިލާއަށް ވަނީ ތައުޒިޔާ ކިޔައިފަ އެވެ.
އަބްދުﷲ ހަމީދަކީ މައުމޫން އަބްދުލް ގައްޔޫމުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅުގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބެ އެކެވެ.
މައުމޫނުގެ ވެރިކަމުގައި އަބްދުﷲ ހަމީދު ވަނީ އެޓޯލްސް މިނިސްޓަރު ކަމުގެ މަގާމާއި އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމު އަދި މަޖިލީހުގެ ރައީސްކަން ވެސް ގިނަ ދުވަސްތަކެއްވަންދެން ކުރައްވައިފަ އެވެ. މައުމޫނުގެ ޒަމާންވީ ވެރިކަމަށް ފަހު ސްރީލަންކާގައި ދިރިއުޅުއްވި ނަމަވެސް 2013 ވަނަ އަހަރު ދިރިއުޅުން ރާއްޖެ އަށް ބަދަލުކުރެއްވި އެވެ.
ކުއްލިގޮތަށް އިއްޔެ އަވަހާރަވީ ގިނަ ދުވަހު ބެލިވެއުޅުއްވުމަށް ފަހު އިތުރު ފަރުވާޔަށް ބެންގަލޫރަށް ވަޑައިގެން އުޅުއްވަނިކޮށް ހިތްހުއްޓިގެންނެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 76 އަހަރެވެ. އަވަހާރަވީ އިރު، ހަތަރު އަންހެން ބޭފުޅަކާއި ހަ ފިރިހެން ބޭފުޅަކު އަދި ކާފަ ވިދާޅުވާ 23 ބޭފުޅަކު ވެސް ތިއްބެވި އެވެ.
އަބްދުﷲ ހަމީދުގެ ތައުޒިޔާގެ ދަފްތަރު މާދަމާ ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ