އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކޮށްގެން ބާއްވާ "ރާރާ ޕްރޯ 2026" ގެ އެމްސެޑެރަކަށް ކުރިއަރަމުން އަންނަ ކައިޓް ބޯޑަރ ވިސާމް މުހަންމަދު ހަމަޖައްސައިފިއެވެ.
ސްލާލޮމް ރޭހެއްގޮތަށް ކުރިއަށްގެންދާ "ރާރާ ޕްރޯ"ގެ ދެވަނަ އެޑިޝަން މިއަހަރުގެ ޖޫންމަހުގެ 1 އިން 6 އަށް ކ. ދިއްފުށީގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ފާއިތުވެދިޔަ އަހަރުގެ މުބާރާތުގެ އެމްބެސެޑަރއެއްގެ ގޮތުގައި ހުރީ މުޙަންމަދު ރާއިފް ޝަނީޒްއެވެ.
ފްރީސްޓައިލް ކައިޓްބޯޑިން އިތުރުކޮށް "ރާރާ ޕްރޯ"ގެ ދެވަނަ އެޑިޝަން ލޯންޗުކޮށްފަވާއިރު، އެރަސްމިއްޔާތުގައި އައިކޯނިކް އިވެންޓްސްގެ ފައުންޑަރ ހަސަން ރަޝީދު ވަނީ މިއަހަރުގެ މުބާރާތުގެ އެމްބެސެޑަރަކަށް ވިސާމް ހަމަޖެއްސިކަން އިއުލާންކުރައްވާފައެވެ.
ހަސަން ވިދާޅުވީ "ރާރާ ޕްރޯ"ގެ ދެވަނަ އެޑިޝަނުގެ އެމްސެޑެރަކަށް ވިސާމް ހަމަޖެއްސީ އޭނާއަކީ މޫދު ކުޅިވަރުގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނަކަށްވުމުގެ އިތުރުން މިކުޅިވަރުގައި ކުރިއަރަމުން އަންނަ އުންމީދީ ކައިޓްބޯޑަރަކަށްވާތީކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން މޫދު ކުޅިވަރުގައި ހަރަކާތްތެވަމުން އަންނަ ވިސާމްއަކީ ހދ. ވައިކަރަދޫއަށް ނިސްބަތްވާ ޒުވާނެކެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ މި ކުޅިވަރުގެ ތެރެއަށް ވަދެވުނީ ކޮވިޑްގެ ދުވަސްވަރު ފޫހިފިލުވާލުމަށް ކައިޓްބޯޑްކުރަންފެށި ހިސާބުންކަމަށެވެ. އެރަށަކީ ރީތި ރާޅު ނަގާ ރަށަކަށްވުމުން މިކަމުގެ ތެރެއަށް ވަދެވުނު ގޮތަށް މިހާރު އޭނާގެ މިސްރާބުހުރީ މިކުޅިވަރުން ރަނގަޅު ވަނަތަކެއް ހޯދުމާ ދިމާލަށެވެ.
"ފުރަތަމަ މިކަމަށް މިވަދެވުނީ ކޮވިޑް ތެރޭގަ. އެންމެން ހަމަ ރަށުގަ ކަރަންޓީންވެގެން އުޅުނީ. އަޅުގަނޑުމެން ބެލީ ގިނަ ކުދިންނަށް މިކަން ދަސްކޮށްދީ މިކަމުގެ ތެރެއަށް ވެއްދޭތޯ. ކޮވިޑަށްފަހު ރާއްޖޭގެ އެކި ހިސާބުތަކުން އިވެންޓްތައް ކުރިއަށް ދިޔަ. އެގޮތުން "ރާޅު ގުޑި" އަދި "ރާރާ ޕްރޯ" ފާހަގަކޮށްލަން. "ރާރާ ޕްރޯއިން ގިނަ ރައިޑާސްއާ އެއްކޮށް ދުއްވާލަން ލިބި، ޕޯޑިއަމް ފިނިޝިންއަކަށް ދެވުނީމަ މިކަމަށް ބޮޑަށް މި ވަދެވުނީ" ވިސާމް ބުންޏެވެ.
ކުރިއަރަމުން އަންނަ ކައިޓްބޯޑަރ ބުނެފަވަނީ މިކުޅިވަރުގެ ތެރެއަށް އައު ކުދިން ވަނުމަކީ އޭނާ އަބަދުވެސް ދެކެން ބޭނުންވާ މަންޒަރެއްކަމަށެވެ. މިކަން ޒުވާނުންނަށް ދަސްކޮށްދީ އައު ކައިޓްބޯޑަރުން އުފެއްދުމަށް އޭނާގެ ފަރާތުން ބޭނުންވާ އެހީތެރިކަން ލިބޭނެކަން ފާހަގަކުރަމުން ވިސާމް ބުނީ މިކުޅިވަރު ދޫކޮށްލާ ވިސްނުމެއް ނެތްކަމަށާ އޭނާގެ އަމާޒަކީ ކައިޓްބޯޑިންއިން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަށް މަސައްކަތްކުރުންކަމަށެވެ.
"މިކަމުން ދެވެން އިން އެންމެ މައްޗަކަށް ދެވޭތޯ އަޅުގަނޑު ކުރިއަށް އޮތްތާވެސް މަސައްކަތްކުރާނަން. އެއީ ކުރިއަށް އޮތް ޖެނެރޭޝަންއަށް އެބަޖެހޭ މިކަމަކީ ކިހިނެތްވާކަމެއްކަން ދައްކާލަދޭން" ވިސާމް ބުނެފަވެއެވެ.
"ރާރާ ޕްރޯ 2026" އަކީ މޫދު ކުޅިވަރުގައި ހަރަކާތްތެރިވަމުން އަންނަ ވިސާމްގެ ތިންވަނަ މުބާރާތެވެ. މިދިޔަ އަހަރު ބޭއްވި "ރާރާ ޕްރޯ" ގެ ފުރަތަމަ އިވެންޓުގައި ގިނަ ރައިޑަރުންތަކަކާ ވާދަކޮށް ތިންވަނަ ލިބުމަކީ މިކުޅިވަރުގައި ކުރިއަށް ދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރުކަމަށް އޭނާ ބުންޏެވެ. އަދި މިއަހަރުގެ މުބާރާތުގައި އިތުރު ރޭސްތައް ހިމަނާފައިވާއިރު މިއަހަރަށް ކުރެވޭ އުންމީދުތައް މާ ބޮޑުކަމަށް އޭނާ ބުނެފަވެއެވެ.
"ބޮޑަށް މިކުޅިވަރަށް މިވަދެވުނީ "ރާރާ ޕްރޯ"ގެ ސަބަބުން. އެއީ (މިދިޔަ އަހަރު) ޕޯޑިއަމް ފިނިޝިންއެއްގައި ނިމުނީމައާއި އެއްކޮށް. ދެން އަނެއްކާވެސް މިފަހަރު "ރާރާ ޕްރޯ"އަށް އަލަށް މިގެންނަނީ ފްރީސްޓައިލް އަދި ރޭސިން ސްލާލޮމް. އެހެންވީމަ މިބަލަނީ ގިނަ ރައިޑަރުން މިކަމަށް އަންނާނެކަމަށް މިފަހަރުވެސް" ވިސާމް ބުންޏެވެ.
"ރާރާ ޕްރޯ 2026" ގައި ބައިވެރިވުމަށް މިމަހުގެ 4 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އަދި މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް އާރލީބާރޑް ޑިސްކައުންޓް ރޭޓްގައި މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެކަމަށް އައިކޯނިކް އިވެންޓްސްއިން ބުނެފައިވެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަމަހުގެ 10 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވިފައެވެ.
އައިކޯނިކް އިވެންޓްސްއިން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ކައިޓް ބޯޑިން އިތުރަށް ފުޅާކޮށް، މޫދު ކުޅިވަރާއި ފަތުރުވެރިކަން ގުޅުވާލުންކަމަށެވެ. އޭގެ އިތުރުން މިކުޅިވަރު އިތުރަށް ފުޅާކުރެވޭނެ ގޮތްތައް ދެނެގަނެ މިކަމުގެ ތެރެއަށް އައު އެތުލީޓުން ވެއްދުމަކީ މިފަދަ އިވެންޓެއް ރާއްޖޭގައި ބޭއްވުމުގެ މުހިންމު މަގްސަދެއްކަމަށް އައިކޯނިކް އިވެންޓްސްއިން ބުނެއެވެ.
"ރާރާ ޕްރޯ"ގެ އެމްބެސެޑަރަކަށް ވިސާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ