އަޅުގަނޑުގެ އެންމެ ދޮށީ ބޭބެއަކީ ތަނަވަސް މީހެކެވެ. އަބަދުވެސް އަޅާލައި އެހީތެރިވާ މީހެކެވެ. ކޮންމެ އިރަކު ގުޅައިލިޔަސް ބަލައިވެސް އަންނާނެއެވެ. ފިރިމީހާގެ ކަންކަމަށް ކެތްތެރި މިވަނީ އަލަތު ކައިވެނިކަމަށްވުމުން ކެތްތެރިވެގެންވެސް ކާމިޔާބުކުރެވޭތޯއެވެ. ނަމަވެސް އެކުވެރިން ދެކެނީ އެއީ އަޅުގަނޑުގެ ބަލިކަށިކަން ކަމަށެވެ. މިޙާލަތުގައި ކެތްތެރިވުމަކީ އަޅުގަނޑުގެ ބަލިކަށިކަންކަމަށްވާނެތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަހެން ބުނާ އެކުވެރިންގެ ބަހަށް ނުހެއްލޭށެވެ! އެބުނަނީ އެއްވެސް ބުރަދަނެއް ހުރި ބަހެއް ނޫނެވެ. ޝައިޠޯނާ ދޭވަސްވާސްތައް ފަދަ ވާހަކައެކެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!
އަޅުގަނޑުމެންގެ ކައިވެންޏަށް 3 ދަރިން ލިބުނީ 7 އަހަރުގެ ތެރޭގައެވެ. ފުރަތަމަ ކޮޅުގައިވެސް ފިރިމީހާގެ އަޅައިލުން ލިބެންވާވަރާއި ގާތަކަށްވެސް ނުލިބެއެވެ. ނަމަވެސް ކަންކަން ވިސްނި އިޞްލާޙްވެދާނެ ކަމުގެ އުންމީދުގައި ހުރީއެވެ.
3 ވަނަ ދަރިފުޅު ލިބުނުތަނާ ފިރިމީހާ ދެވަނަ ކައިވެނިކޮށް އަނބިމީހާ ގެއަށް ގެނެސްފިއެވެ. ޝަކުވާއެއް ނުކުރަމެވެ. ޒުވާބެއްވެސް ނުކުރަމެވެ. އެދެމީހުންކުރެ މީހަކު ކުރާ އެއްވެސް ކަމަކާއި ނުވެސްބެހެމެވެ.
އެކަމަކު މިހާރު ކެތްކުރަން އެބަ ވަރަށް އުނދަގޫވެއެވެ. އެއީ އަޅުގަނޑު މަޑުން ހުންނަނީ ގޮތެއް ނެތިގެން ކަމަށް ބުނާތީއެވެ. މިބާވަތުގެ ނިކަމެތި ބަސްތައް އަޑުއަހަން ވަރަށް އުނދަގުލެވެ. އެބާވަތުގެ އަޑުތައް އިވުމުން ހިތަށް ވަރަށް އަސަރުކުރެއެވެ.
އަޅުގަނޑުގެ މައިންބަފައިންގެވެސް ގެދޮރު އެބަހުއްޓެވެ. އުޅެނީވެސް ފުދިގެންނެވެ. މިހާރު ދިއަޔަސް މަރުޙަބާވެސް ކިޔާނެއެވެ. ނުގޮސް މިހުންނަނީ ބައްޕަގެ ލޯބިން 3 ދަރިން މަޙްރޫމްކުރަން ބޭނުންނުވާތީއެވެ. ނުކުމެގެން ހިނގައްޖެނަމަ ދަރިންގެ ލޮލަށް ބައްޕަ ނުވެސް ފެންނާނެކަން އެނގޭތީއެވެ؟
ދަރިންނަށްޓަކައި މިގޮތަށް ކެތްތެރިވެގެން ހުރުމަކީ ގޮތެއް ނެތިގެން ހުރުންކަމަށްވާނެތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކެތްތެރިވުމަކީ ކިތަންމެ މަތިވެރި ކަމެއް ނަމަވެސް ދަރިންނަށްޓަކައި ކެތްތެރިވުންވެސް އޮތީ ވަކިމިންވަރަކަށެވެ. އެމީހެއްގެ ނަފްސަށް ގެއްލުން ނުވާނެ ވަރަށެވެ. ތިއަ ހުރެވޭ ޙާލަތު ބޮޑަށް އެނގޭނީ ކިޔުންތެރިޔާއަށެވެ.
ތިރީގައިވާ ލިޔުމުން ވަރަށް ގިނަ ކަންކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ. އެލިޔުން ނިޞްބަތްވަނީ ކިޔުންތެރިޔާއަށް ކަމަށް ވިސްނައިގެން ކިޔައިލައްވާށެވެ!
ކެތްތެރިވެ މަޑުންހުރުމަކީ ބަލިކަށިމީހުންނަށް ކުރެވޭނެ ކަމެއް ނޫން! އެމީހުންގެ އެތެރެ މާވަރުގަދަވާނެ!: މުފްތީ މެންކް
ކަންކަން ދިމާވުމުން ކެތްތެރިވެ މަޑުން ހުންނަނަމަ އެމީހަކަށް މަލާމާތް ކުރެއެވެ. އެއީ ފިނޑިމީހެއްކަމަށްވެސް ބުނެއެވެ. ނަމަވެސް އެއީ ކަމުގެ ޙަޤީޤަތެއް ނޫނެވެ.
މީހަކު މަޑުން ހުރުމަކީ އެމީހާގެ ބަލިކަށިކަމެއް ނޫނެވެ! ވީމާ ތިބާ ވެސް މަޑުން ހުރުމަކީ ތިބާގެ ބަލިކަށިކަން ކަމުގައި ނުދެކޭށެވެ! ކަންކަން ކުރުމުގައި ބޭރުފުށުން މަޑުން ތިބޭ މީހުންގެ އެތެރޭގެ ބާރު މާ ވަރުގަދަވާނެއެވެ! އަދި އެމީހުން މަޑުން ތިބޭކަމުން އަނގައިދެނީ އެމީހުންގެ އެތެރޭގެ ކޮންޓްރޯލް ވަރުގަދަކަމެވެ. (އިޙްޞާޞްތައް ކޮންޓްރޯލު ކުރުމުގެ ބާރު ލިބިގެންވާ ކަމެވެ.
އެމީހުންނަށް އެމީހުން ވާހަކަ ދައްކަން ޖެހޭ ވަގުތާއި އަޑުއަހަން ޖެހޭ ވަގުތު އެނގޭނެއެވެ. އަދި ކެތްތެރިވާން ޖެހޭ ވަގުތާއި ފިޔަވަޅު އަޅަން ޖެހޭ ވަގުތު ވެސް އެނގޭނެއެވެ. އެފަދަ މީހުންގެ އަގު ވަޒަން ކުރުމުގައި އެމީހުންނަކީ ބައެއް ނޫން ކަމަށް ހީނުކުރާށެވެ! އެމީހުން ބިންމަތީގައި ހިނގައި އުޅެނީ (ދުނިޔޭގައި އުޅެނީ) އެންމެ ބާރުގަދަ މީހުންގެ ގޮތުގައެވެ.
- މުފްތީ މެންކްގެ ދަރުސަކުން
އަނބިން ކޮންމެ ޙާލެއްގަވިޔަސް ކެތްތެރިވާނަމަ އެއީ އޭނާގެ ނިކަމެތިކަމެއް ނޫން! ހިތްވަރުގަދަކަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ