ސަރުކާރުން ދަނީ ގައުމު ނޮޅަމުން: ގަފޫރް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ގައުމު ނޮޅައި ވީދަމުން ކަމަށާއި މި ސަރުކާރު ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ބޮޑު ދެ އިންތިހާބުކޮށް އެެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ވޯޓްގައި ވެސް ނޫނެކޭ ބުނަން ޖެހޭ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުއްގަފޫރު މޫސާ އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
އިއްޔެ ހަވީރު އެ ޕާޓީން މާލޭގައި ބޭއްވި 'ޕިކަޕް ޖަލްސާ'ގައި ގަފޫރު ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި އެއާ އެކު ނަގާ ހިޔާލު ހޯދުމުގެ ވޯޓަށް ރައްޔިތުން އާއެކޭ ބުނެފި ނަމަ، ރާއްޖޭގެ މުޅި ޑިމޮކްރެޓިކް ނިޒާމް ފުޑާލައި ހުދުމުހުތާރު ވެރިކަމެއް ކުރާތަން ފެންނާނެ ކަމަށެވެ.
"އެއްގޮތަކަށް ވެސް މި އިންތިހާބުގައި ދެ އިންތިހާބު އެއްކޮށްލަން ހެޔޮ ނުވާނެ ވޯޓުލާން،" އޭނަ ވިދާޅުވި އެވެ. "ވޯޓުލައިފިއްޔާ ރާއްޖޭގެ މުޅި ޑިމޮކްރެޓިކް ނިޒާމު ފުޑާލާފައި ފެންނާނީ ހުދުމުހުތާރު ވެރިކަމެއް މި ގައުމުގައި ކުރާ ތަން."
ގަފޫރު ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލުމުގެ ނަމުގައި ސަރުކާރުން އުޅެނީ ގައުމު ފުނޑާލުމަށެވެ. އަދި މި ސަރުކާރުން ދަނީ ކަންކަމުގައި އޮޅުވާލައި މަކަރު ހަދަމުން ކަމަށާއި މި ގައުމު ގޮސް ހުއްޓޭނެ ހިސާބެއް ދެން ރައްޔިތުންނަށް ނުވެސް އެނގޭނެ ކަމަށް ވިދާޅުވި އެވެ.
"ގައުމު މިދަނީ މަޑުމަޑުން ފުޑުފުޑުވަމުން؛ ސަރުކާރުން ފުނޑާނުލައި އެއްވެސް އިދާރާއެއް ވެސް ނެތް. އެކި މުއައްސަސާތަކުގައި ހުރި ރައްޔިތުންގެ ފައިސާތައް ނަގައި ސަރުކާރުން މިދަނީ އެގޮތް މިގޮތަށް ލޫޓުވަމުން،" ގަފޫރް ވިދާޅުވި އެވެ. "
މި ސަރުކާރު ހަމަ މަގަށް އަޅުވައި ގާނޫނީ އިމުގެ ތެރެއަށް ވައްދަން ޖެހޭ؛ އެކަން ކުރެވޭނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި ބޮޑުތަނުން ނޫނެކޭ ބުނެގެން."
އޭނަ ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުން ތިބި ގޮތް ބަލާލަން ވަކަރަށް ޖެހުން ކަމަށެވެ.
"އަޅުގަނޑުމެން މިއަށް އާއެކޭ ބުނެފި ނަމަ ދެން އަންނާނީ ވެރިކަމުގެ ދައުރު ދަންމާލަން،" ގަފޫރް ވިދާޅުވި އެވެ. "އެހެން ނޫނީ ވެރިކަމުގެ ކުރިން ސަރުކާރު ހުވާކުރުން 11 ނޮވެމްބަރަށް ބަދަލުކުރާނަމޭ ބުނެ، އެކަން ނައިސް މި ހުރިހާ ކަންކަން އަންނަންޏާ އޭގެ މާނައަކީ މީގައި އެބައޮތޭ ފޮރުވިފައި އޮތް ވަރަށް ނުބައި ކަންތައްގަނޑެއް."
އެހެންވެ އިންތިހާބުގައި ވޯޓުލާއިރު ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ގަފޫރު އެދިވަޑައިގަތެވެ. އަދި ސަރުކާރުން ކުރަން އުޅެނީ ކުޑަކަމެއް ނޫން ކަމަށާއި އޭގެ ނަތީޖާއަކަށް ވާނީ ރައްޔިތުންގެ ބަސް ބުނަން އޮންނަ ވޯޓ ލުމުގެ ހައްގު ގެއްލިގެން ދިއުން ކަމަށް ވިދާޅުވި އެވެ.
"ދެން ހަޑިމުޑުދާރުކަމުގެ ހައްދެއް ނެތް. އަތު ޖެހުނު ކަމެއް ކުރަމުން މިދަނީ. ގައުމު ނޮޅާ ވީދަމުން މިދަނީ. މި މީހުން ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ. ރައްޔިތުން ގަބޫލުކުރޭ މިވަގުތު ތިލިބޭ ވަޒީފާތަކުގައި ތިގޮތަކަށް ނުތިބެވޭނެ މި އިންތިހާބު ނިމުމުން. ހަމަ ހުރިހާ މީހުން ކަނޑާލާނެ،" ގަފޫރް ވިދާޅުވި އެވެ. " އެހެންވީމާ މި މީހުން ދައްކާ ވާހަކަ އަޑުއަހަން މި ގައުމުގެ ރައްޔިތުން ހެޔޮ ނުވާނެ."
ދެ އިންތިހާބު އެއްކޮށްލާ ވޯޓް އޮންނާނީ އެޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ އެކީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ