މިދިޔަ މަހު ތާރީޚު ދިން ނަމަވެސް، ގޯއްޗާއި ފުލެޓަށް ހުޅުވާލުން އާދިއްތައަށް ފަސްކޮށްފި

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން މާލޭ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް މިދިޔަ މަހު ސަރުކާރުން އިއުލާނުކުރި ނަމަވެސް، އެ ތާރީޚު އާދިއްތަ ދުވަހަށް ފަސްކޮށްފިއެވެ. މިދިޔަ މަހު 30 ގައި ހައުސިން މިނިސްޓްރީން ވަނީ މި މަހު 15ގައި [މިއަދު] މާލޭ ސަރަހައްދުން ފުލެޓާއި ގޯއްޗަށް ހުޅުވާލާނެ ކަމަށް ބުނެފައެވެ. އެކަމަކު، މިއަދު ހައުސިން މިނިސްޓްރީން ވަނީ ކުއްލި ގޮތަކަށް އެ ތާރީޚަށް ބަދަލު ގެނެސްފައެވެ. ހައުސިން މިނިސްޓްރީން ބުނީ ފަސްކުރަން ނިންމީ މާލޭ ސަރަހައްދުން ދޫކުރާއި ބިމާއި ފުލެޓަށް އެދި ވަރަށް ގިނަ އަދަދެއްގެ މީހުން އެޕްލައިކުރާނެ ކަމަށް ލަފާކުރެވޭތީއާއި، ހަފުތާ ބަންދާ ދިމާކޮށް ފުރުސަތު ހުޅުވާލުމުން މައުލޫމާތު ދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ ކަމަށެވެ. އެހެންވެ، ފުލެޓާއި ގޯއްޗަށް އެދި ކުރިމަތިލާ ޕޯޓަލް އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި އާންމުކޮށް ހުޅުވާލާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. https://x.com/mocimv/status/2011670069911437569 ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިއުލާނުކުރި "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ފުލެޓާއި ގޯތި ދޭނެ ގޮތުގެ އުސޫލު މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ. އެ އުސޫލާ ގުޅުވައި ހައުސިން މިނިސްޓްރީން އޭރު ނެރުނު އިއުލާނެއްގައިވަނީ ގޯއްޗާއި ފުލެޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ ޖަނަވަރީ 15 އިން ފެށިގެން އޭޕްރިލް 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ކަމަށް އިއުލާނުގައިވެއެވެ. އެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 7900 ފުލެޓު ކަމަށްވާއިރު، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން ގޯތި ދޫކުރަނީ ދެ ކެޓަގަރީން ކަމަށްވާއިރު މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ. https://sun.mv/216030 ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް ގިނަ އަދަދެއްގެ ގޯއްޗާއި ފުލެޓު ދޫކުރުމަށް އިއުލާންކުރިއިރު، އެ މަރުހަލާ ކުރިއަށްގެންދިޔަ ގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. މި ސަރުކާރުން އަދިވެސް އަންނަނީ އެ ސަރުކާރުން ދޫކުރަން ނިންމި ގޯއްޗާއި ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވެއެވެ. އަދި، އެ މަނިކުފާނުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެކުލަވާލި އުސޫލުގައި، ކުރީ ސަރުކާރުގެ އުސޫލާ ތަފާތު ބައެއް ކަންކަން ހިމަނައިފައިވެއެވެ. އޭގެ ތެރޭގައި، ފުލެޓަށް ކުރިމަތިލާ ފަރާތުން ޝަރުތު ހަމަވަނީ ކިތައް ކޮޓަރިއަށްކަން ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށް ފުލެޓު ދިނުމުގެ އުސޫލުގައި ހިމެނުމާއި އެހެން ބައެއް ބަދަލުތައް ވެސް ހިމެނެއެވެ. ރައީސް މުއިއްޒު 2024 ވަނަ އަހަރު އިއުލާން ކުރެއްވި ގޮތުގައި ނިމިދިޔަ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމަށް ޚާއްސަ އަހަރެކެވެ. އެ އަހަރު ގިނަ މަޝްރޫއުތަކެއް ފައްޓަވާނެކަން އެތައް ފަހަރެއްގެ މަތިން އިއުލާން ކުރެއްވެވިއެވެ. ނަމަވެސް އަހަރު ނިމިގެން ދިޔައީ އެކަމަށް ކަނޑައެޅި ބަޖެޓުން ވެސް ބޮޑު ބައެއް އަތްނުލައި އޮއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ