ޓެކްސީގެ އަގަށް ބަދަލެއް ގެންނާނީ މަޝްވަރާއަށްފަހު: ސައީދު

ޓެކްސީގެ ޚިދުމަތްދިނުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގަށް އެއްވެސް ބަދަލެއް ގެންނާނީ، އެކަމަށްޓަކައި ފުޅާދާއިރެއްގައި މަޝްވަރާކުރުމަށްފަހުގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އައި ބަދަލާ އެކު ޓެކްސީކުރާ އަގުތައް މުރާޖައާކޮށްދިނުމަށް ޑްރައިވަރުން އެދިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
އެހެންނަމަވެސް މިހާރު ކަނޑައަޅާފައިވާ އަގަށް އެއްވެސް ބަދަލެއް ގެންނަނަމަ، އެކަމަށްޓަކައި ކަމާއި ގުޅުންހުރި އެކިފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަންޖެހޭނެ ކަމަށާއި، އެއްވެސް ބަދަލެއް ގެންނަނަމަ ގެންނާނީ އެ މަޝްވަރާތަކަށްފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިގޮތުން، ޓެކްސީ ސެންޓަރުތަކާއި، ޓެކްސީ ދުއްވާ ފަރާތްތަކުގެ އިތުރަށް ކެބިނެޓް ލެވެލްގައިވެސް މަޝްވަރާކުރަންޖެހޭނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ދެން އެ ބޭފުޅުންނަށް ދަންނަވާފައި އޮންނާނެ، ޓެކްސީ ޑްރައިވަރުންގެ ފަރާތުން ސިޓީ އައިސްފައި ހުރިއްޔާ އަޅުގަނޑު ބޭނުމޭ ބަލަން، ބަލާފައި ކެބިނެޓް ލެވެލްގައިވެސް ވާހަަކަދައްއިގެން، އަދި އިތުރަށް ކުރަން ޖެހޭ ކޮންސަލްޓޭޝަން ގެންދަން ޖެހޭ ފަރާތްތަކުގެ ތެރޭގައި އެބޭފުޅުންވެސް ހިމެނޭނެ، ޓެކްސީ ޑްރައިވަރުންނާއި ޓެކްސީގެ ހިދުމަތްދޭ ސެންޓަރުތަކާއި، އަދި ސަރުކާރުގެ ކަމާ ބެހޭ ހިދުމަތްދޭ އިދާރާތަކާއި،". މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިއާއެކު، ޓެކްސީކުރުމަށް ބޭނުންކުރާ އުޅަނދުތައްވެސް ވަކި މިންގަނޑެއްގައި ހިފެހެއްޓެންޖޭހެނެކަމަށް ގަބޫލުކުރާކަމަށާއި، ސަރުކާރުން ގަސްދުކުރަނީ އާންމުންނާއި ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުގެ ވާހަކަތައް އަޑުއަހައި، ހުރިހާ ފަރާތްތަކަކުންވެސް ދިމާވާ މައްސަލަތަކާއި ހައްލު ހުށަހަޅައި، ގައުމީ ފެންވަރުގައި މަޝްވަރާކުރުމަށް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ