ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާންގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު ހުސްވެފައިވާ އެ ގޮނޑީގެ ބައި-އިލެކްޝަން 6 ޖޫންގައި ބާއްވާ ގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.
ވީކިހިނެއް؟ - ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ސީނާންގެ މެންބަރުކަން ގެއްލުނީ، ސާބިތު ދަރަންޏެއް އޮވެ، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާ ކުރަމުން ނުދިޔުމުން މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން އިއްޔެ ގޮތެއް ކަނޑައެޅުމުންނެވެ.
ގާނޫނުއަސާސީގައިވާ ގޮތުން:
މެންބަރެއްގެ ގޮނޑި ގެއްލޭތާ 60 ދުވަސް ނުވަތަ ދެ މަސް ދުވަސް ތެރޭ ބައި-އިލެކްޝަން ބާއްވަން ޖެހޭ
އަދި ފަސް ދުވަސް ތެރޭ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލަން ޖެހޭ
ތަފްސީލް - އީސީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އަންނަ 6 ޖޫންގައި އޮންނަ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހެނދުނު 10 އިން ފެށިގެން މި މަހުގެ 29ގެ ހަވީރު 3 ޖެހުމާ ހަމައަށް އެ ކޮމިޝަނުން ހުޅުވާލާނެ އެވެ.
ބައި-އިލެކްޝަން ބާއްވާާނީ 6 ޖޫންގެ ހެނދުނު 8 އިން ހަވީރު 4 ޖަހަންދެން ކަމަށް އީސީން ބުންޏެވެ. އަދި ރަސްމީ ނަތީޖާ އިއުލާންކުރާނީ 8 ޖޫންގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މަޖިލީހުގެ މެންބަރަކަށް ވުމުގެ އަސާސީ ޝަރުތުތަކަކީ:
ދިވެހި ރައްޔިތަކަށްވުން
ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން
މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން
އުމުރުން 18 އަހަރު ފުރިފައިވުން
ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން
މީގެ އިތުރުން މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިނުލެވޭނެ ހާލަތްތަކަކީ:
އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއްކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރިތާ 3 އަހަރު ނުވާ މީހަކު ކަމުގައިވުން
ފާހަގަކޮށްލެވޭ - މި ގޮނޑިއަށް ކުރިމަތިލާން އިދިކޮޅު އެމްޑީޕީން ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ އައްޑޫގެ މޭޔަރުކަން 10 އަހަރު ދުވަހު ކުރައްވާފައިވާ އަހުމަދު ސޯދިގު (ސޯބެ) އެވެ. ސޯދިގަށް ތާއީދު އޮތްކަން އެމްޑީޕީގެ ގިނަ ލީޑަރުން ވެސް ވަނީ ހާމަކުރައްވައިފަ އެވެ.
އޭގެ ތެރޭގައި އެމްޑީޕީގެ އެންމެ ވާދަވެރި ދެ ލީޑަރުން ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި މިދިޔަ ތިން ދައުރު ހިތަދޫ އުތުރު ގޮނޑި ފުރުއްވި، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ވެސް ސޯބެއަށް ތާއީދުކުރައްވާކަަމަށް ވަނީ ވިދާޅުވެފަ އެވެ.
ސޯދިގުގެ އިތުރުން މީގެ ކުރިން މަޖިލީހުގެ އިންތިހާބުގައި ދެ ފަހަރެއްގެ މަތިން ވާދަކުރައްވައި ނާކާމިޔާބުވި އަހުމަދު ސައީދު (ނަޔާ) އަދި މުހައްމަދު އަލީ ވެސް ވަނީ ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. ނަމަވެސް ވާދަކުރައްވާނީ ޕާޓީއަކުން ކަމެއް ނުވަތަ އަމިއްލަ ގޮތުން ކަމެއް އަދި އެ ބޭފުުން ނުނިންމަވަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑީގެ ބައި-އިލެކްޝަން 6 ޖޫންގައި ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ