ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރެކޯޑް މިންވަރެއްގެ މާލީ ކުރިއެރުމެއް ހޯދައިފިއެވެ. މި ކުއާޓަރުގައި ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ބޭންކުގެ 43 އަހަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި 2025 ވަނަ އަހަރު ނިންމާލުމަށްފަހު، 2026 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ނެރުނު ނަތީޖާއަކީ ބޭންކުގެ މާލީ ހާލަތު ވަރުގަދަކަން ހާމަކޮށްދޭ ހެއްކެކެވެ. ބޭންކުން ހޯދާފައިވާ މި ބޮޑު ކުރިއެރުމަކީ ބޭންކުގެ މާލީ ދުޅަހެޔޮކަމާއި އެސެޓްތަކުގެ ފެންވަރު ރަނގަޅުކަމުގެ ހެއްކެއް ކަމަށް ބޭންކުން ފާހަގަކުރެއެވެ.
މި މުއްދަތުގައި ބޭންކުގެ ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މީގެ ތެރޭގައި ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު 796 މިލިއަން ރުފިޔާއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު 332 މިލިއަން ރުފިޔާ ހިމެނެއެވެ. ބޭންކުގެ ހިންގުމުގެ ޚަރަދުތައް ހަރުދަނާކަމާއެކު މެނޭޖްކުރެވުމުގެ ސަބަބުން، އާމްދަނީއާ އަޅާބަލާއިރު ޚަރަދު ހުރި މިންވަރު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް ރަނގަޅު ކުރެވިފައެވެ.
ބޭންކުގެ ތާރީޚުގައި ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރަކީ މިއީއެވެ. މި ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީގެ އިތުރުން ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ ޢަދަދު 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ދޫކޮށްފައިވާ ލޯނުގެ ޖުމްލަ ޢަދަދު ވަނީ 27.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަން ވަރުގަދަ މިންވަރެއްގައި ހިފެހެއްޓިފައިވުމަކީ، ރެގިއުލޭޓަރީ މިންގަނޑުތަކަށް ފެތޭގޮތަށް ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ބޭންކުން ދެކެއެވެ.
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލް އަށް 631 މިލިއަން ރުފިޔާގެ ސާފު ފައިދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ