ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު ދައްކާފައިވާ ވާހަކައިން އުމައިރުގެ އަބުރަށް އަރައިގެންފައިވާކަން ސާބިތުވާކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެމްޑީޕީގެ އެއްވުމެއްގައި އުމައިރު އާއި ގުޅުވައިގެން މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކާއި ގުޅިގެން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވަނީ އެމްޑީޕީއާއި، މަރިޔަމް ޒުބައިރުގެ އިތުރުން އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލްގެ މައްޗަށް މަދަނީ ދަޢުވާ ކޮށްފަ އެވެ.
އެމްޑީޕީގެ އެއްވުމުގައި އެޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު ބުނެފައިވަނީ ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދޮށީ ދަރިކަލުން ވޭޕް ބޭނުން ކުރާތީކަމަށާއި ސާޖިދާ ވަނީ މަންމައެއްގެ ހައިސިއްޔަތުން ފެއިލް ވެފައިވާކަމަށް އޭނާ ވަނީ ބުނެފަ އެވެ. މި މައްސަލައާއި ގުޅިގެން ސާޖިދާ ވަނީ ސިވިލް ކޯޓްގެ އިތުރުން ފެމެލީ ކޯޓަށް ވެސް މައްސަލައެއް ހުށަހައްޅުއްވާފައިވެ އެވެ.
މަރިޔަމް ޒުބައިރު ދެއްކި ވާހަކައަކީ ވަކި ކުއްޖަކަށް ނިސްބަތްކޮށް ދެއްކި ވާހަކައެއް ނޫން ކަމަށާއި، ކުއްޖާގެ ޒާތީ މައުލޫމާތު ހާމަކުރީ ސާޖިދާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށް މިކަމާއި ގުޅިގެން އެމްޑީޕީން ވަނީ ބުނެފަ އެވެ.
މި މައްސަލަ ސާބިތުވާކަަމަށް ކޯޓުން ނިންމާފައިވަނީ މައްސަލަ ރައްދުވާ ފަރާތުގެ ވެސް ޣައިރު ހާޒިރުގައިކަން ފާހަގަކޮށްލަންޖެހެ އެވެ.
ރައީސްގެ ދަރިކަލުންގެ އަބުރަށް އަރައިގަތްކަން ސާބިތުވާކަމަށް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ