ޖެޓު ޓާމިނަލް ޖެޓެކްސް އަށް ދިނުމުގެ މަޝްވަރާ ފެށީ ރައީސްގެ އެންގުމަށް! ޖެޓު ޓާމިނަލް ޖެޓެކްސް އަށް ދިނުމުގެ މަޝްވަރާ ފެށީ ރައީސްގެ އެންގުމަށް!

ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓްތަކަށް ހާއްސަ ޓާމިނަލެއް އަޅައި އެތަން ހިންގުމާއި ގްރަންޑު ހޭންޑްލިންގެ އެންމެހައި މަސައްކަތް، 25 އަހަރަށް ޑުބާއީގެ ޖެޓެކްސް ކުންފުންޏަށް ދޭން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގުމަށް ކަން އެނގިއްޖެ އެވެ.
ޖެޓެކްސްގެ ހުށަހެޅުން އެމްއޭސީއެލްގެ ބޯޑަށް ހުށަހެޅީ މެއި 29، 2024 ގަ އެވެ. އެ ބައްދަލުވުމުގެ ޔައުމިއްޔާ މި ނޫހަށް ލިބިފައި ވާއިރު، ޖެޓެކްސް އަށް ޓާމިނަލް ދިނުމުގެ މަސައްކަތް ފެށީ ރައީސް އޮފީހުން ފޮނުވި ސިޓީއަކާ ގުޅިގެން ކަން އެ ލިޔުންތަކުން އެނގެ އެވެ.
ޖެޓެކްސް އާއެކު މަޝްވަރާކުރުމަށް ފަހު އެ ކުންފުނީގެ ހުށަހެޅުން ހިމެނޭހެން ބޯޑު ބައްދަލުވުމަށް ކަރުދާހެއް ހުށަހެޅީ އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދު އެވެ. އެ ކަރުދާސް ތައްޔާރުކުރީ ޕްރޮގްރާމް މެނޭޖަރު ފާތިމަތު މުހައްމަދު ސައީދު އެވެ. ރިވިއު ކުރީ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަހުމަދު އަސަދު ހާޝިމް އެވެ. އެ ކަރުދާސް އެޕްރޫވް ކުރީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު އެވެ.
ވީއައިޕީ ޓާމިނަލް ހިންގުން ޖެޓެކްސް ކުންފުންޏާ ހަވާލު ކުރުމުގެ ޕްރޮޕޯސަލް ގެނައީ މަޝްހޫރު ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާ (ޖަނާ) މެދުވެރިކޮށެވެ. އެކަން އޭނާ ދޮގެއް ނުކުރެ އެވެ.
ޖެޓްކްސްއަށް ވީއައޕީ ޓާމިނަލް ދޭން އުޅޭ ވާހަކަ އެމްއޭސީއެލްއިން ދޮގު ކުރި ނަމަވެސް، މިއީ އެމްއޭސީއެލްގެ ވެރިންނަށް ރަނގަޅަށް އެނގިތިބެ، ރައީސް އޮފީހުގެ އެނގުމަށް ކުރިޔަށް ގެންގޮސް، ބުރަކި ޖެހިފައި އޮތް މުއާމަލާތެއްކަން އެނގެ އެވެ.
ޖަނާ އާއި ނޫރައިން. -- ފޮޓޯ: ރައީސް އޮފީސް
ނަމަވެސް ޖަނާގެ ދަރިކަނބަލުން ނޫރައިން، އެމްއޭސީއެލްގެ ޗެއާމަނަކަށް އައްޔަން ކުރި ފަހުން ޖެޓެކްސް ގެންނަން އުޅޭ ވާހަކަތަކުގެ އަޑުގަދަވި އެވެ. އެކަމަށް ފާޑުކިޔުން އަމާޒުވުމުން އެއީ ދޮގެއްކަން އެމްއޭސީއެލްއިން ބުނެފައިވެ އެވެ.
ނަމަވެސް ޖެޓްސްގެ ހުށަހެޅުން ސަރުކާރުގެ އެންމެ މަތިން ފޮނުވައިގެން އެމްއޭސީއެލް ބޯޑުގައި އޮތީ މަޝްވަރާކުރަން ފަށައިފަ އެވެ. ޖެޓެކްސް އިން ހުށަހަޅާފައި އޮތީ ފިކްސްޑް ބޭސް އޮޕަރޭޝަން (އެފްބީއޯ) ޓާމިނަލެއް އަޅައި ހިންގުމަށާއި އެކަމަށް ބޭނުންވާ އޭޕްރަން ޖާގަ ދިނުމުގެ އިތުރުން ލައުންޖު ހިންގުމުގެ ހުއްދަ އާއި ގްރައުންޑް ހޭންޑްލިން ހިދުމަށް ތަރައްގީ ކުރުމަށެވެ. އެކަންކަމަށް ޖުމްލަ 10،000 އަކަ ފޫޓުގެ ބިމަކަށް އެ ކުންފުނިން އެދިފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ބޯޑު ބައްދަލުވުމުގައި މިހާދު ވަނީ ވީއައިއޭގެ އައު މާސްޓަޕްލޭނުގައި އެފްބީއޯ ޓާމިނަލް އެޅުމަށް ދެ ސަރަހައްދެއް ކަނޑައަޅާފައި އޮތްކަން ފާހަގަކޮށްފަ އެވެ. އެއީ އެއާޕޯޓުގެ އިރުމަތީ އޮތް 8،000 އަކަ ފޫޓުގެ ބިމަކާއި ހުޅުލޭ އައިލެންޑް ހޮޓެލް ހިންގާ ބިމެވެ. އޭގެތެރެއިން އިރުމަތީ ބިމާ އިންވެގެން 3،000 އަކަފޫޓުގެ ބިމެއް ހުހަށް އޮތް ކަން ފާހަގަކޮށް އެ ބިން ޖެޓެކްސް އަށް ދެވިދާނެކަން އޭނާ ފާހަގަކުރި އެވެ.
މި ސަރުކާރުން އެކުލަވާލި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އައު މާސްޓަ ޕްލޭނުގައި ހިމެނޭ ޖެޓު ޓާމިނަލްގެ ތްރީޑީ ކުރެހުމެއް ---- ފޮޓޯ: ރައީސް އޮފީސް
ޖެޓެކްސްގެ ހުށަހެޅުމުގައިވާ ގޮތުން 25 އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން 25 މިލިއަން ޑޮލަރު އިންވެސްޓު ކުރާނެ އެވެ. އަދި، ގްރައުންޑް ހޭންޑްލިން އާއި ޕާކިން ރިވެނިއުއިން ލިބޭ އާމްދަނީން 55 ޕަސެންޓުގެ ފީއެއް ކޮންމެ އަހަރަކު ވެސް އެމްއޭސީއެލްއަށް ދޭނެ ކަމަށެވެ. ފައިދާ ދަށްވި ނަމަވެސް، އެންމެ މަދުވެގެން ކޮންމެ އަހަރަކު އެމްއޭސީއެލްއަށް ދޭ ފައިސާ ފަސް މިލިއަން ޑޮލަރަށްވުރެ ކުޑައެއް ނުވާނެ ކަމަށް ބުނެފައިވެ އެވެ.
އެމްއޭސީއެލްގެ ބޯޑަށް ހުށަހެޅި ކަރުދާހުން އެނގޭ ގޮތުގައި އަހަރަކު ލިބޭނެ ކަމަށް ބުނާ ފަސް މިލިއަނުގެ އާމްދަނީ އަކީ މިވަގުތު އެ ކުންފުނިން ޖެޓް ހޭންޑްލިންގެ ހިދުމަތް ދީގެން ލިބޭ އާމްދަނީއަށްވުރެ ދަށް މިންވަރެކެވެ. 2023 ގައި އެ ހިދުމަތުން އެމްއޭސީއެލް އަށް 5.6 މިލިއަނުގެ އާމްދަނީއެއް ލިބުނެވެ. ޖެޓުތަކަށް އަޅާ ތެލުން ލިބޭ އާމްދަނީއާއެކު މި އަދަދު ދެގުނަވެ އެވެ.
މިފަދަ ބޮޑު އެއްބަސްވުމަކަށް އަންނަންވާނީ ކުންފުނީގައި ހަދާފައި ހުންނަ އުސޫލުތަކާއި އެއްގޮތަށް ދެފުށް ފެންނަ ގޮތަކަށް ބޯޑުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ނޫރައްދީން ވިދާޅުވެފައިވާކަން ޔައުމިއްޔާއިން އެނގެ އެވެ. އެއާޕޯޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް މުހިންމު ނަމަވެސް މިފަދަ ކަމެއް ކުރަން ވާނީ ގިނަ ފަރާތްތަކަށް ހުޅުވާލައިގެން ކަމަށް ދެކޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ނޫރައްދީނަށް ރައްދު ދީ، ޖެޓެކްސް ކަރުދާސް ރިވިއު ކުރެއްވި ސީއެފްއޯ އަސަދު ބައްދަލުވުމުގައި ވަނީ މިއީ ރައީސް އޮފީހުން އަންގައިގެން ކުރާ ކަމެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަސަދަށް ފަހު މިހާދު ވަނީ ރައީސް އޮފީހުން އަންގައިގެން ފެށި ނަމަވެސް، ބޯޑަށް ހުށަހެޅި ކަރުދާހަކީ ވިޔަފާރީގެ ވިސްނުމަކުން ޖަސްޓިފައި ކުރެވޭނެ ހުށަހެޅުމެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
ނަމަވެސް، ބޯޑުގެ އެހެން މެންބަރުން ވަނީ މިފަދަ މަޝްރޫއެއް ހިންގުމަށް ހަމައެކަނި އެއް ފަރާތް [ޖެޓެކްސް] އާއެކު މަޝްވަރާކޮށް، އެންމެ ފަރާތެއްގެ ހުށަހެޅުން ދިރާސާކުރުމަކީ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށް އެއްބަސްވެފަ އެވެ. މިއާއެކު ވެސް އަސަދު، މިހާދު އަދި ޝަރީފު ވަނީ ރައީސް އޮފީހުގެ އެންގުން ދިފާއުކޮށް ވާހަކަދައްކަވާފަ އެވެ.
ބޯޑު ބައްދަލުވުމުގައި މިހާރުގެ އެމްޑީ ޝަރީފު ދެއްކެވި ވާހަކައިގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރެއްވީ މިއީ ވީއައިއޭ އިން ޖެޓުތަކަށް ދޭ ހިދުމަތް ރަނގަޅުކުރުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ނ. މާފަރު އެއާޕޯޓަށް ވެސް މިހާރު ޖެޓުތައް ޖައްސާކަން ފާހަގަކުރައްވާ އޭނާ ވަނީ ވީއައިއޭ އިން މިކަން ނުކޮށްފިނަމަ ޖެޓުތައް ޖެއްސުން މަދުވެދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މާފަރު އެއާޕޯޓާ ގުޅޭ ގޮތުން ޝަރީފު ފާހަގަކުރެއްވި ކަންކަމާ ދެކޮޅު ހެއްދެވީ ވެސް ނޫރައްދީން އެވެ. އޭނާ ވިދާޅުވީ ސީޕްލޭން އޮޕަރޭޝަން އަދި ޑޮމެސްޓިކް ފްލައިޓުތައް އޮޕަރޭޓުކުރަނީ ވީއައިއޭއިން ކަމުން ޖެޓު ޖައްސާ އަދަދަށް ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ބޯޑު ބައްދަލުވުމުގައި ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް އަދި ސަހާރު ވަހީދު ވެސް ވަނީ ހަމައެކަނި ޖެޓެކްސް އާއެކު މަޝްވަރާކޮށް، ކަރުދާހެއް ތައްޔާރުކުރުމަށްފަހު ބޯޑުން ފާސްކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެ ދެ ބޭފުޅުން ވެސް ވިދާޅުވީ މިފަދަ ކަމެއް ކުރަންވާނީ ކުންފުނީގެ އުސޫލުތަކާ އެއްގޮތަށް، ދެފުށް ފެންނަ ގޮތަށް ކަަމަށެވެ.
ޑިރެކްޓަރުންގެ ކަންބޮޑުވުންތަކާއެކު ޝަރީފު އެ ދުވަހު ވިދާޅުވީ ބޯޑުން ފާސްނުކޮށް މިފަދަ ކަމެއް ކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ. އެ ދުވަހުގެ ބޯޑު މީޓިން ނިންމާލީ ކަންބޮޑުވުންތައް ރައީސް އޮފީހަށް ހިއްސާކޮށް އެ އޮފީހުގެ ސިޓީއަށް ޖަވާބު ދިނުމަށް މެނޭޖްމަންޓަށް ލަފާދިނުމަށް ފާސްކުރުމަށްފަހު އެވެ.
ރާއްޖޭގައި ޖެޓުތަކަށް ހިދުމަތް ދޭން ފެށީ އެކަމަށް ޝައުގުވެރިވި ދިވެހިންތަކެއްގެ އަމިއްލަ އިސްނެގުމަށެވެ. އެފަދަ ވިއްސަކަށް ކުންފުނި ހަރަކާތްތެރި ވާއިރު، އެންމެ ކުރީގައި އުޅެނީ ހަތަރު ވަރަކަށް ކުންފުންޏެވެ. އެ ކުންފުނިތަކުގެ ވެރިން ވެސް ޖެޓެކްސްއަށް ޓާމިނަލް ޖެޓްސްއަށް ދިނުމާ ދެކޮޅެވެ.
"މިއީ މަޝްވަރާކުރަންޖެހޭ ކަމެއް ވެސް ނޫން. 25 މިލިއަން ޑޮލަރު އެމްއޭސީއެލް އަށް އިންވެސްޓު ކުރެވޭނެ. އަދި ބަޔަކަށް ވީއައިޕީ ޓާމިނަލް ދެންޏާ އެކަން ބިޑަށް ހުޅުވާލަންވީ،" ޖެޓުތަކަށް ހިދުމަތްދޭ ކުންފުންޏެއްގެ ވެރިޔަކު ބުންޏެވެ.
ޖެޓްކްސް ނުވަތަ ބޭރު ބަޔަކަށް ވީއައިޕީ ޓާމިނަލް ދީފި ނަމަ އެމްއޭސީއެލްއަށް ލިބޭ ގެއްލުމުގެ އިތުރުން، އެ ދާއިރާގެ ވިޔަފާރިގައި ތިބި ދިވެހި ކުންފުނިތައް ބަނގުރޫޓުވުން ގާތް ކަމަށް، އެ ކުންފުނިތަކުން ދެކެ އެވެ.
"އޭރުން އަޅުގަނޑުމެން ޖެހޭނީ ޖެޓެކްސް ދިން އަގެއްގައި ހިދުމަތް ހޯދަން، ތެޔޮވެސް އަޅަން،" ކުންފުންޏެއްގެ ވެރިޔަކު ބުންޏެވެ.
"އަނެއްކާ ޖެޓެކްސްއަކީ މާވަރުގަދަ ކުންފުންޏެއް ވެސް ނޫން."
ދިވެހި ކުންފުނިތަކުން ގަބޫލުކުރާ ގޮތުގައި ޖެޓެކްސްގެ ޕްރޮޕޯސަލް މިވަގުތު ހުއްޓިފައި އޮތަސް، އަދިވެސް އެކަން ކުރާނެ ކަމަށް ގަބޫލުކުރެ އެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވޭ ޖޭވީއެއް ހަދައިގެން ނަމަވެސް ޖެޓެކްސްއަށް މި ހިދުމަތް ދޭނެ ކަމަށް. ކުންފުނި ހެދުމަކީ އެމްއޭސީއެލްއަށް ކުރެވޭނެ ކަމެއް،" ވިޔަފާރިވެރިޔަކު ބުންޏެވެ.
ހަނދާނަށް ގެންނަންވީ ޖީއެމްއާއަރު ކުންފުންޏަށް އެއާޕޯޓު ދިނުމެވެ. އެކަން ކުރީ ބީލަމަށް ލައިގެނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ފަހު ދެން އުފެދުނު ސަރުކާރުން ގަބޫލު ކުރީ ޖޭއެމްއާރުގެ އެއްބަސްވުމަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުމެއް ކަމަވެ. އެހެންވެ، އެއްބަސްވުން ބާތިލްކޮށް ޖީއެމްއާރު ރާއްޖޭން ފޮނުވައިލި އެވެ. އޭގެ ގެއްލުމުގެ ބަދަލު ވެސް ބޮޑެވެ.
މިފަހަރު ސަރުކާރުން މަސައްކަތް މި ކުރެއްވީ ބީލަމަކަށް ވެސް ނުލައި، ތަބަކަކަށް ލާފައި ޖެޓެކްސްއަށް ވީއައިޕީ ޓާމިނަލް ދޫކޮށްލުމަށެވެ. މިއީ ގޯހެކެވެ.
މި މުއާމަލާތުގައި ހިޔާނާތުގެ އެތައް އަމަލެއް ހިމެނެ އެވެ. ދައުލަތަށް ލިބެން އޮތް މަންފާއެއް އެހެން ބަަޔަކަށް ދިނުމެވެ. އަދި ބީލަމަކަށް ނުލައި ވަކި ބަޔަކަށް ޓާމިނަލް ދޭން އުޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ