އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ކެތެޓަރައިޒޭޝަން ލެބޯޓަރީ (ކެތު ލެބް)ގެ ހިދުމަތް ހަތަރު މަހެއްހާ ދުވަސް ތެރޭ ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަޖިލީހަށް ލިޔުމުން ފޮނުއްވި ޖަވާބުގައި ނާޒިމް މިގޮތަށް ވިދާޅުވީ، ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ނާޒިމް ފޮނުއްވި ޖަވާބު ވަނީ އިއްވާފަ އެވެ.
ތަފްސީލު - އަޒާން މިނިސްޓަރާ ކުރައްވަން ހުށަހެޅުއްވި ސުވާލުގައި އޮތީ އައްޑޫ ހޮސްޕިޓަލްގެ ކެތު ލެބުގެ ހިދުމަތް ނުފެށި ލަސްވާ ސަބަބު ސާފު ކުރުމަށާއި އެ ހިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ ތާރީހު ބެލުމަށެވެ.
މިނިސްޓަރު ފޮނުއްވި ޖަވާބުގައި ވިދާޅުވީ:
ކެތު ލެބް ގާއިމްކުރުމަށް އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ބަހައްޓަންޖެހޭ ސާމާނު ބެހެއްޓުމުގެ %98 މިހާރު ނިމިފައިވޭ
ކެތު ލެބް ފުރިހަމަ ގޮތުގައި ހިންގައި ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު ވަނީ އިއުލާން ކުރެވިފައި
"ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކުގެ ޕްރޮޕޯސަލް ހޯދައި އެ ފަރާތްތަކާއި ކެތު ލެބް ހިންގުމުގެ ކަންކަން ހަވާލުކޮށް، ހަތަރު މަހެއްހާ ދުވަސް ތެރޭ ހިދުމަތް ފެށޭނެ ކަމަށް ލަފާ ކުރެވޭ،" މިނިސްޓަރުގެ ޖަވާބުގައި ލިޔުއްވާފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އައްޑޫ ކެތު ލެބް ހިންގާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކުރީ މި މަހު 12ގަ އެވެ. އެގޮތުން:
މައުލޫމާތު ސާފުކުރުން - 18 ޖޫންގެ މެންދުރު 1ގެ ކުރިން
އީއޯއައި ހުށަހެޅުން - 29 ޖޫންގެ މެންދުރު 2ގެ ކުރިން
މި ކެތު ލެބް ހަދަން ބީލަމަށްލީ ސެޕްޓެމްބަރު 2022ގަ އެވެ. އަދި އެ މަސައްކަތް ނިންމައި މުވައްޒަފުން ތަމްރީން ކުރަން ފެށީ އޮކްޓޫބަރު 2023ގަ އެވެ.
އައްޑޫ ކެތު ލެބުގެ ހިދުމަތް 4 މަސް ތެރޭ ފެށޭނެ: ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ