ރައީސަށް އިންޒާރުދިންކަމަށް ތުހުމަތުކުރެވޭ މަސީހްގެ ބަންދަށް 10 ދުވަސް

ރައީސަށް މަރުގެ އިންޒާރުދިނުމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ތ. ތިމަތަފުއްޓަށް އުފަން، މަލަސް، މަސީހް މޫސާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ. ރައީސަށް ހުތުރު ބަހުން މުޚާތަބުކޮށް މަރުގެ އިންޒާރުދިން ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ރައީސް ހުށަހެޅުއްވުމުންނެވެ. https://sun.mv/209343 ފުލުހުން ރޭ ބުނީ މަސީހު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. އަދި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުންޏެވެ. ރައީސްގެ ހުށެހެޅުއްވުން ހާމަކުރެއްވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިކަމާ ގުޅިގެން ނޫހަކުން ހަދާފައިވާ ޚަބަރެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، މަސީޙް ވަނީ ރައީސަށް ހުތުރުބަހުން މުޚާތަބުކޮށް "މަރާލަން ޖެހޭ"ކަމަށް ލިޔެފައެވެ. މި ޕޯސްޓުގެ ސްކްރީންޝޮޓް ސޯޝަލްމީޑިއާގައި ދައުރުވަނިކޮށް ފުލުހުން ރޭ ބުނީ އެ މައްސަލަ ބަލަމުންދާކަމަށެވެ. ޑްރަގުގެ މައްސަލަތަކަށް މަރުގެ އަދަބު ދިނުމާ ގުޅިގެން ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ. https://sun.mv/209337 އެހެންކަމުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް މިހާރު ދަންނަވާފައި ވާކަމަށް އެ ޕޯސްޓުގައި ވެއެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރިމާންޑް ސެންޓަރުތައް ގާއިމްކޮށް، ފަރުވާގެ ނިޒާމު ވަރުގަދަކުރުމުގެ މަސައްކަތް ކުރާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. މީގެ ކުރިން ވެސް ރައީސަށް ސޯޝަލްމީޑިއާގައި މީހަކު މަރުގެ އިންޒާރުދިން މައްސަލައެއް ފެންމަތިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ