ހިކަނދިފަތުގެ ވާހަކަ ދެކެވޭއިރަށް ހަނދާންވާނީ ރިހަތެލިމަތިންނެވެ. ނަމަވެސް ހިކަނދިފަތުން ލިބެންހުރި ފައިދާތައް މާގިނައެވެ. ތިރީގައިވާ ލިޔުމުން އެކަން ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. އިން ޝާ ﷲ
ހިކަނދިފަތަކީ ކާއެއްޗެހީގައި ރަހަލެއްވުމަށްޓަކައި ޒަމާނުއްސުރެން ބޭނުން ކުރަމުން އަންނަ ފަތެކެވެ. މިއީ ޞިއްހީ ގޮތުން އެތައް ފައިދާތައް އެކުލެވޭ ފަތެކެކެވެ. މި ފަތަކީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް ލިބެން ހުންނަ ބުރަ މަސައްކަތަކާ ނުލައި ހެދޭ ފަތެކެވެ. ހިކަނދި ފަތަކީ ވަރަށް ރަހަ ގަދަ ފަތެކެވެ. ކުޑަ ހުތް ރަހައެއްވެސް ހުރެއެވެ. އޭޝިއާގެ ވަރަށް ގިނަ ގައުމުތަކުގައި ކާއެއްޗެހީގެ ރަހަ މީރު ކޮށްލުމަށްޓަކައި މިފަތް ބޭނުން ކުރަމުންދެއެވެ.
ހިކަނދިފަތް ނިސްބަތްވަނީ ރުޓޭސީ ( އާންމުކޮށް ހުތް އެއްޗެހި ނިސްބަތްވާ އާއިލާއެއް) އާއިލާއަށެވެ. މިފަތް އެންމެ ފުރަތަމަ ފެނިފައިވަނީ އިންޑިޔާއިން ކަމަށް ގިނަ ލިޔުންވުންތަކުގައި ވެއެވެ. މި ފަތުން ކާރބޯހައިޑްރޭޓް، ފައިބަރ، މިނެރަލަސް، ވިޓަމިން އޭ އަދި ސީ ލިއްބައިދެއެވެ. މީގެ އިތުރުން ކެލްޝިއަމްއާއި ހަށިގަނޑަށް މުހިއްމު ބައެއް އިތުރު މާއްދާތައް ލިއްބައިދެއެވެ.
ހިކަނދިފަތުން ލިއްބައިދޭ ބައެއް ފައިދާތައް:
ދުޅަހެޔޮ އިސްތަށިގަނޑަކާއި ހަންގަނޑަކަށް:
ރީތިވަން ބޭނުންކުރާ ސާމާނު އުފެއްދުމަށްޓަކައި ހިކަނދިފަތް ވަރަށް ކުރިއްސުރެން ބޭނުންކުރެއެވެ. އެގޮތުން ތެޔޮ ފޮދެއްގައި ހިކަނދިފަތް ކަށްކައިގެން އެ ބޮލުގައި އުނގުޅުމަށް ބޭނުން ކުރެއެވެ. މީގެ ސަބަބުން އިސްތަށިގަނޑުގައި އިސްތަށި ފަޅާ މިންވަރު އިތުރު ކޮށްދެއެވެ. އަދި އިސްތަށިގަނޑުގެ ގުދުރަތީ ކުލަ ދަމަހައްޓައި ދިނުމަށް އެހީތެރިވެދެއެވެ. ހިކަނދިފަތުގައި އެންޓިއޮކްސިޑެންޓް މާއްދާ ހިމެނެއެވެ. މީގެ ސަބަބުން ހަންގަނޑު ހަލާކުވުމުން ސަލާމަތް ކޮށްދެއެވެ.
ބަރުދަން ލުއި ކުރުމަށް އެހީތެރިވެ ދިނުން:
ހިކަނދިފަތުގައިވާ މާއްދާއަކުން ހިކުމަށް އެހީތެރިވެދޭ ކަމަށް ބުނެވެއެވެ. މި މާއްދާއިން ހަށިގަނޑުގެ ޓިޝޫތަކުގައި ފެޓްސް އެކުވިޔަ ނުދީ ހިފަހައްޓަދެއެވެ. އަދި އަޅުގަނޑުމެން ކާކެއުމުގެ ތެރޭގައި ހިމެނޭ ފެޓްސްގެ ބައި ހަށިގަނޑަށް ނަގައިދޭ މިންވަރު ދަންކޮށްދެއެވެ.
ދިވެހި ބޭސްވެރިއަކު ވިދާޅުވި ގޮތުގައި ހިކަނދިފަތު ދިޔަ ބުއިމުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހިކޭނެއެވެ. ނަމަވެސް މިހެން ހިކުމަކީ އެންމެ އެދެވޭ ގޮތެއް ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކެރެވެއެވެ. މަހަކު 4 ކިލޯއަށް ވުރެން ބޮޑަށް ނުހިކުމަށް ޞިއްހީ މާހިރުން ލަފާ ދެއްވައެވެ.
ބަނޑުގެ ބަލިތަކަށް:
ތާޒާ ހިކަނދިފަތު ޖޫސް، ލުބޯ ޖޫހާއި އެއްކޮށްލައިގެން ކުޑަ ހަކުރު ކޮޅެއް އަޅައިގެން ބޭނުން ކުރުމުން މޭނުބައި ކުރުމުންނާއި ހޮޑުލެވުމުން ދުރުކޮށްދޭ ކަމަށް ބައެއް ލިޔުންވުންތަކުގައި ވެއެވެ. ހޮޑުލެވި، ކާއެއްޗެހި ރަނގަޅަށް ހަޖަމް ނުކޮށްދީ އަދި ވައިގެ ސަބަބުން ބަނޑަށް ތަދުވާނަމަ ހިކަނދިފަތުން ޕޭސްޓެއް ( ޗަސްކޮށްލާފައި ) ބަޓަރ މިލްކް އާއި އެއްކޮށްލައިގެން ހުސްބަނޑާ ބޭނުންކުރެވިދާނެއެވެ.
ހަކުރު ބައްޔަށް އަދި ކޮލޮސްޓުރޯލްއަށް ރަނގަޅު ފަތެއް:
ދާދި ފަހުން ޓައިޕް 2 ހަކުރުބަލި ހުންނަ އަދި ލިޕިޑް ޕޮރޮފައިލް ( ކޮލޮސްޓުރޯލް) ކުޑަކޮށް މަތި 60 މިހުންނާއިއެކު ކުރެވުނު ދިރާސާއެއްގައި 30 މީހުންނަށް އެއް މަސް ވަންދެން 10 އެމް އެލް ފެނުގެ ތެރެއަށް 12 މިލިގުރާމް ހިކަނދިފަތުގެ ޕައުޑަށް ( މުގުރާފަ ހުންނަ ހިކަނދިފަތު ކުނޑި ) އަޅާ އެއްކުރުމަށްފަހު ކޮންމެ ދުވަހަކު ހެދުނު ނާސްތާގެ ބައި ގަނޑިއިރު ކުރިން ދެވުނެވެ. ދެން ހުރި 30 މީހުންނަށް ހިކަނދިފަތު ޕައުޑަރ ނުދެއެވެ. އެއްމަސް ފަހުން ނަތީޖާއިން ދެއްކީ ހިކަނދިފަތު ޕައުޑަށް ފެނަށް އަޅައިގެން ބޮއިމީހުންގެ ލޭގައި ހަކުރު ހުރި މިންވަރު ދަށްކަމަށެވެ. އަދި ލިޕިޑް ޕޮރޮފައިލްވެސް ދަށްވެފައިވާ ކަމަށެވެ. ހަކުރު ބައްޔަކީ ރާއްޖޭގައި ވަރަށް އާންމު ބައްޔެކެވެ. ހިކަނދިފަތަކީ ރަންފުށުން ވަރަށް ފަސޭހައިން ލިބެން ހުންނަ ފަތެކެވެ. ޑޮކްޓަރާ މަޝްވަރާ ކުރުމަށްފަހު މި ފަތުގެ އަޖުމަ ބަލާލުން އެދެވިގެންވެއެވެ. ޞިއްހީ ތަޖުރިބާކާރެއްގެ ލަފާ ނުހޯދައި މަތީގައި ބުނެދެވިފައިވާ ހިކަނދިފަތުގެ ޕައުޑަށް ބޭނުން ނުކުރުމަށް ހުރިހާ ކިޔުންތެރިންގެ ފަރާތުން އަޅުގަނޑު އިލްތިމާސް ކުރަމެވެ.
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުންދޭ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ.
- އުންމު ނަވާރު
މަސްދަރު:
Gohain, I. (2016) Medicinal properties of curry leaf, View of medicinal properties of Curry Leaf. Available at: https://www.innovativefarming.in/index.php/IF/article/view/127/150.
Khan, S. (2022) 10 amazing health benefits of Curry leaves, eMediHealth. Available at: https://www.emedihealth.com/nutrition/curry-leaves-health-benefits.
Singh, S., More, P. K., & Mohan, S. M. (2014). Curry leaves (Murraya koenigii Linn. Sprengal)-a mircale plant. Indian Journal of Scientific Research, 4(1), 46-52.
Suganthi, S. G., & Kalabarathi, S. (2022). Efficacy on curry leaves powder consumption on blood glucose and lipid profile among type ii diabetes patients with mild elevated lipid profile-experimental study. Cardiometry, (25), 1118-1124.
ހިކަނދިފަތަކީ ގިނަ ބަލިތަކަކަށް ޝިފާ ލިބޭ އިސްތަށިގަނޑަށް ފައިދާކުރާ، ޒުވާންކަން ދަމަހައްޓައިދޭން އެހީތެރިވާ ފަތެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ