އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫޢު ހިމެނޭހެން އިތުރު މަޝްރޫޢުތަކެއްގެ ނިމުން ވަނީ ވާޗުއަލްކޮށް ފާހަގަކޮށްފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫޢަކީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ޙަވާލުކޮށްގެން ތަންފީޒުކުރި މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ 6 އަވަށް އެކުލެވޭހެން 40 ކިލޯމީޓަރުގެ މަގު ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ. އަދި މި މަޝްރޫޢުގެ ތެރެއިން އައްޑޫ ސިޓީގެ ހުރިހާ އަވަށެއް ހިމެނޭގޮތަށް ޑްރެއިނޭޖް ސިސްޓަމެއްވެސް ވަނީ ޤާއިމްކޮށްފައެވެ.
މީގެއިތުރުން، މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި 3.4 ކިލޯމީޓަރުގެ މަގު އަލުން ރިސަރފެސްކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.
މި މަޝްރޫޢުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ބޭނުންވާ މަގުބައްތިތައް ހަރުކުރުމާއި، ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ސަވައިލަންސް ކެމެރާތައް މަގުގެ އެކި ސަރަޙައްދުތަކުގައި ހަރުކުރުމުގެ މަސައްކަތް ފުރިހަމަކޮށްފައިވުމެވެ. މި މަޝްރޫޢު ނިމުމާއެކު އައްޑޫ ސިޓީގެ މަގުތަކުގެ ވިއުގަ އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.
އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫޢު ހިމެނޭހެން އިތުރު މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ