ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށްޓަކައި، މަޝްވަރާތައް ފެށުމާ ބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިއްޖެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ.
އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމާއި، އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ޤާއިމުކުރުމެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ހުރި ވިޔަފާރީގެ ހުރަސްތައް ކުޑަވެ، އިންވެސްޓްމަންޓުގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރައްވައެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
އިޤްތިޞާދީ ވުޒާރާއިން އިތުރަށް ފާހަގަކުރައްވާފައިވަނީ، މި މުހިންމު އެއްބަސްވުމަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު ދިގު މުއްދަތެއް ވަންދެން ދެމިގެން އައިސްފައިވާ ވިޔަފާރީގެ ގުޅުމަށް އައު މަރުހަލާއެއް ގެނެސްދޭނެ ކަމެއް ކަމުގައެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް، މަޝްވަރާތައް ފެށުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ