ހަވަނަ ބައި
ރަދުންނާއި ކަނބާ މަރިޔަމް ރަނިކިލަގެ އަވަހާރަކޮށްލެވުނީ ކަމުގައި ބެލެވިދާނެ ކިތަންމެ ޖާގައެއް އެބޭފުޅުންގެ ޒަމާނަށް ތަހުގީގީ ނަޒަރަކުން ބަލާ މީހަކަށް ފެންނާނެއެވެ. އިސްކަންދަރު ރަސްގެފާނު އަވަހާރަވެ ދިވެހި ރަސްކަން ތުއްޕުޅު ބޭފުޅަކަށް ވާރުތަކުރުމުން ތިމާމެންގެ އާރާއި ބާރު ގަދަވާނޭކަމަށް ދެކެވަޑައިގެން ތިއްބެވި ބޮޑުންތަކެއް ތިއްބެވިއެވެ. ދައުލަތުގެ ކަންކަން ހިންގުމުގައި ތިމާމެންގެ މައްޗަށް ބަސްކިޔާނޭ އަނެކުން ނުހުންނާނެކަމަށް ދެކި ވެރިކަމުގެ މުޅި ލަގަން ތިމާމެންގެ އަތަށް އަރައްޖެޔޭ ހީކުރައްވައިގެން ތިއްބެވި ބޭބޭކަލުންވެސް ތިއްބެވިއެވެ. އެކަމަކު ކަންވެ ދިޔައީ އެހެނެއް ނޫނެވެ. އެެއްވެސް ސިޔާސީ ހިކުމަތެއް ނުވަތަ ސިޔާސީ އުކުޅެއް ބަކުޅެއް ނުދަންނާނެ ކަމަށް ތިމާމެން ހީކޮށްގެން ހުރި ފަރާތެއް ތިމާމެންގެ މައްޗަށް ގަދަވެގަތީއެވެ. އެފަރާތެއްގެ ސިޔާސީ ރޭވުންތަކާއި އުކުޅުތަކާއި އަދި އޭގެ ހީލަތްތައް ތިމަންނާމެން ހީކުރިވަރަށްވުރެވެސް ގަދަވެފައި މާމޮޅީވެސްމެއެވެ.
އެފަރާތަކީ ތޯއެވެ؟ އެއީ ޖާރިޔާއެކޭ ހިތާ މާދަށްކޮށް ތިމަންނާމެން ދެކެމުން ދިޔަ ފަރާތެވެ. އަވަހާރަވި ރަދުންގެ އަނބިކަނބަލުންނެވެ. އިސްކުރެވުނު ރަދުންގެ މަންމާފުޅެވެ. ކަނބާ މަރިޔަމް ރަނިކިލަގެއެވެ. ތުއްޕުޅު ރަދުން ރަސްކަމަށް އިސްކޮށްގެން ފުރަތަމަ ދުވަސްކޮޅުގައި އެރަސްކަން ހިންގަވައިދެއްވީ ބޮޑުންނެވެ. އެރަސްކަމުގެ ވަލީ އާއި މަތިވެ އޮތް ވަލީ ކޮމެޓީއަކީ އެއީއެވެ. ގާއިމު މަގާމެއްގެ ގޮތުން ރަސްކަން ހިންގަވާން ހުންނެވީ ފެންފުށީ ވެލާނާ ތަކުރުފާނެވެ. އެކަމަކު އެ ތަކުރުފާނަށް ވީ ކިހިނެތްތޯއެވެ؟ އެ ކަމަނާ ވެލާނާ ތަކުރުފާނު ވައްޓާލީއެވެ. ރަދުންނާ އެކަމަނާއަށް ދަތި ކުރަނީކަމަށް ވިދާޅުވެ ދައުވާ އުފުލައިގެންނެވެ. އެއްވެސް ބޮޑުންގެ ބޭކަލަކަށް ފެންފުށީ ވެލާނާ ތަކުރުފާނަށް ހިމާޔަތެއްވެސް ނުދެވުނެވެ. ދިވެހި ލަޝްކަރު އޮތީ އެކަމަނާގެ ފަޅީގައެވެ. އުއްތަމަ ފަނޑިޔާރުވެސް ހުންނެވީ އެކަމަނާގެ ފަޅީގައެވެ.
ދެންވެސް ބައްލަވާށެވެ! ސިޔާސީ ގޮތުން އެކަމަނާ ބަލި ކުރެވޭނެ މަގުތައް ދިޔައީ އެއްކޮށް ނެތެމުންނެވެ. ބޮޑުންގެ މަގާމުތަކަށް ބަދަލު ގެނަސް އެއްބަނޑު ތިމާގެ މީސްމީހުން ކިލެގެއިންނަށާއި (ލޯޑުންނަށާއި) ވަޒީރުން ކަމުގައި ލެއްވީއެވެ. ލަޝްކަރުގެ އިސް ފަރާތަކާ ކައިވެނި ކުރައްވާ ކައިވެނީގެ ގޮތުންވެސް ލަޝްކަރު އެކަމަނާގެ “ކޮމާންޑުގެ” ދަށަށް ލެއްވީއެވެ. މިހިސާބާއި ހަމަޔަށް ދިޔައިރު މަގާމުތައް ނަގައިގަނެވުނު ބޮޑުންތައް ތިއްބެވީ ކިތަންމެހައިވެސް ރަނގަޅަކަށް އެކަމަނާ އާއި އަދާވާތްތެރިވެފައެވެ. ރުޅިވެރިކަން އިންތިހާ ދަރަޖަޔަށް އުފުލިފައެވެ. މިހިސާބުން ދެން އަވަހާރަވި އިސްކަންދަރު ރަސްގެފާނާ އެއްބަނޑުފުޅުގައި ހުންނެވި ފާށަނާ ކިލެގެފާނުގެ ދަރިކަލުން ގާތަށް މި ބޮޑުން އެއްވެ އުޅޭން ފެއްޓީއެވެ. މިވެސް މިކަމުގެ އެންމެ ކުރީކޮޅުގައި އެކަމަނާ ފޭލިކޮށްލައްވައިފިއެވެ. ފާށަނާ ކިލަގެފާނުގެ ދަރިކަލުން މުހައްމަދު އުޅުއްވަނީ ރަސްކަން ތުއްޕުޅު ރަދުންގެ އަތްޕުޅުން ފިރުކައިގަންނަކަމުގައި ވިދާޅުވެ އެބޭފުޅާ މާލެއިންވެސް ފޮނުވާލީއެވެ. ދެން އިދިކޮޅުވީ ބޮޑުންގެ ތެރެއިން ގިނަ ބަޔަކަށް ޖެހުނީ ރާއްޖެ ދޫކޮށް ދާށެވެ. ހުރިހާ ގޮތަކުން ފޭލިވެގެންނެވެ. ސިޔާސީ ގޮތުން އެކަމަނާ ބަލި ކުރައްވާން އުޅުއްވާމެ، އެކި ހީލަތް ހައްދަވާމެ އެއިން އެއްކަމަކުންވެސް އެކަމަނާ ބަލި ނުކުރެއްވިގެންނެވެ. ތާޖުއްދީނަކީވެސް އެގޮތުން ރާއްޖެ ދޫކުރެއްވި އެއް ފަރާތެވެ.
ހުރިހާ ގޮތަކުން ބަލިވެގެން ރާއްޖެ ދޫކުރި ބޮޑުން ދެން މި ހިޔާރު ކުރެއްވީ އެންމެ ހުތުރު ގޮތެވެ. އެއީ ބޭރުގެ ކަނޑުފޭރޭ ބަޔަކާ އެކު އައިސް ދިވެހި ރަށްތައް ލޫޓުމާރު ކުރުމެވެ. ބެލެވެނީ މިއީ ވަރަށް ބޮޑު ސިޔާސީ ހުތުރު ރޭވުމެއްކަމުގައެވެ. ސިޔާސީ ގޮތުން ބަލިވެގެން ފިލި ދިވެހީންގެ ބަޔަކު ކަނޑު ފޭރޭ މީހުންނައިގެން އައިސް ތިލަދުންމައްޗަށް ހަމަލާ ދިނުމުގެ ހަގީގީ ބޭނުމަކީ ރަށްރަށް ލޫޓުކޮށް ފޭރުން ކަމުގައި ނުބެލެވެއެވެ. ބޭނުމަކީ އެކަމަނާ ވައްޓާލުމެވެ. ފަހަރުގައި އެބައިމީހުން ރާވާފައި އޮތީ ހަނގުރާމައިގެ ހަބަރަށް ލަޝްކަރު މާލެއިން ފުރުމުން ރަސްކަން ބަދަލުކޮށްލުން ކަމުގައިވެސް ވެދާނެއެވެ. އެކަން އެމަގުން ހިންގަން ފުރުސަތު ނުލިބުނީމާ އެންމެ ހުތުރު ގޮތް ހިޔާރު ކުރީ ކަމުގައި ފެނެއެވެ. މިއީ ހިޔާލެއް ކަމުގައި ވިޔަސް ވަރަށް އަސްލާ އެއްގޮތް ހިޔާލަކަށް ވުން ގާތެވެ. ކަނބާ މަރިޔަމް ދެކެ އައި ރުޅީން ދިވެހީންގެ މުދާތައް ފޭރި ކައި ދިވެހިންތައް މަރަމުން ދިޔަ ބޮޑުންތަކެއް ސީދާ އެކަމަނާ އަވަހާރަކޮށްލަން ރާވާފައި ނުއޮންނާނެކަމަށް ބެލެވިދާނެތޯއެވެ.
ގައިމެވެ. އެވަރުގެ ނުބައިކަމެއް ކުރާން ކެެރުނު ބަޔަކަށް ރަސްގެފާނާއި ރަސްގެފާނުގެ މަންމާފުޅު އަވަހާރަކޮށްލަން ރާވަން ނުކެރި ނުތިބޭނެއެވެ. ދެން އެހިނގި ހާދިސާއަށް ބައްލަވާށެވެ. ރަދުންގެ އޮޑިކޮޅު ގޮވި ސަބަބަށް ބައްލަވާށެވެ. އުފާފާޅު ކުރުމަށްޓަކައި ޖެހި ބޮޑު ބަޑިއެއްގެ ބާގަނޑަކުން ކަނިކޮޅެއް ބަޑިބޭސް އަޅާފައި ހުރި ތަނަށް ވެއްޓުނީ ޔޯލައެވެ. ހަސަން ތާޖުއްދީނު ލިޔުއްވާ ގޮތުންނަމަ އޮޑިކޮޅު ގޮވީ އެހެންވެގެންނެވެ.
އެންމެ ރަނގަޅެވެ. އެއީހަމަ ވެދާނެ ގޮތެކެވެ. ހާދިސާއެއް ހިނގާފާނެއެވެ. އެހެންނަމަވެސް އިސްވެ ދެންނެވުނު އެތައް ސަބަބަކާއި އެކު އެކަމަނާގެ މައްޗަށް އަދާވާތްތެރިވެގެން ތިއްބެވި އެތައް ބޮޑުންނެއް އެބަތިއްބެވެ. ހަމައެހެންމެ އޭގެން ބަޔަކަށް އެކަމަނާއަށް ޖެއްސުން ކުރުމަށްޓަކައި ކަނޑުފޭރޭ މީހުން ގޮވައިގެން އައިސް ނިކަމެތި ރައްޔިތުން މަރާ އެބައިމީހުންގެ މުދާ ފޭރެންވެސް ކެރިއްޖެއެވެ. ވީމާ އެ އޮޑިކޮޅު ގޮވި ގޮވުމާއި މެދަށް އެހެން ނަޒަރަކުން ވިސްނާލަން ޖެހެނީއެވެ.
ދިވެހީންނަކީ ވެސް އެޒަމާނުގައި ކަންކަމުގެ އާޖުފާޖު ނުދަންނަ މަށް ޖާހިލު ބައެއް ނޫނެވެ. އަމުދުން އޮޑިދޯނިފަހަރުގެ ކަންކަމުގައެވެ. ނައުފަހަރާ އޮޑިފަހަރުގައި ބޮޑު ބަޑި ބަހައްޓައިގެން ހަނގުރާމަ ކުރުމަކީ އެޒަމާނުގެ އާދައެވެ. ވީމާ ނައުފަހަރުގެ އެތެރޭގައި ބޮޑު ބަޑި އާއި ބަޑިބޭސް ގެންގުޅޭ ގޮތާއި އެ ދޭތިމެ ބަހައްޓާފައި ހުންނަ އުސޫލުތަކެއްވެސް ހުރެއެވެ. އަނެއްކާ ރަސްރަސްކަލުން ދަތުރުފުޅު ކުރައްވާ މިބާވަތުގެ އޮޑިތަކުގައި އަބަދުވެސް ބޮޑު ބަޑި ބަހައްޓާފައި ހުރެއެވެ. ސަލާމުގެ ގޮތުން ބަަޑިތައް ޖަހާވެސް އުޅެއެވެ. ދުވަހަކުވެސް މި ހާދިސާ ނޫނީ އެފަދައިން ރަސްކަލަކު ހުންނެވި އޮޑިއެއްގައި މިފަދަ ހާދިސާއެއް ހިނގާފައި ނެތެވެ. މި ދެންނެވީ ރާއްޖެ އިސްލާމުވީ ފަހުން ލިޔެވުނު އެއްވެސް ތާރީހެއްގައި މި ނޫނީ އެފަދައިން ރަސްކަލަކު އަވަހާރަވެފަ ނެތް ވާހަކައެވެ. ކަނި ކޮޅެއް ވެއްޓިގެން އޮޑި ގޮވީ ކަނބާ މަރިޔަމް އިންނެވި އޮޑިކޮޅެވެ. އަޅުގަނޑަށް ބެލެވެނީ ހަމަ އަވަހާރަކޮށްލެވުނީ ކަމުގައެވެ.
ކޮންމެ ގޮތެއްކަމުގައި ވިޔަސް އެކަމަނާއީ ދިވެހި ސިޔާސީ ތާރީހުގައި ފާހަގަކުރަން ޖެހޭ ފަދަ މޮޅު ސިޔާސީ ޝަޚުސިއްޔަތެކެވެ. އެކަމަނާ އެވަނީ ޖާރިޔާއެއްގެ ގޮތުގައި ގަނޑުވަރުތެރޭގައި އުޅުއްވި ދުވަސްވަރު ވަރަށް ރަނގަޅަށް ގަނޑުވަރުތެރޭގެ “ޕޮލިޓިކްސް” ދަސްކުރައްވާފައެވެ. އެއްވެސް ފަރާތަކަށް އެކަމަނާ ބަލި ނުކުރެވުނީ އެހެންވެގެންނެވެ. ސީދާ ގޮތުން ތަހުތުގައި އިށީނދެވަޑައިގެން އިންނެވި މަހާރަދުންނެއް ކަމުގައި އެކަމަނާ ވެވަޑައިނުގެންނެވިއެއް ކަމަކު އެއީ އުތީމު ދަރިކޮޅުގެ އެންމެ ފަހު ދުވަސްވަރު އެދަރިކޮޅުގެ ރަސްކަން ހިންގެވި ކުޅަދާނަ މޮޅު ޝަޚުސިއްޔަތެކެވެ. ސިޔާސީ މައިދާނެއްގައި ސިޔާސީ ބާރު އެކި މީހުން ހޯދައިގެން ތިބެނީ އެކި އެކި ދާއިރާތަކުގެ ތެރެއިން އެކަންކަން އާއްމުންގެ ލޯމައްޗަށް ދައްކައިގެން ނޫންތޯއެވެ. މިފަދަ ހުރިހާ ޒާތެއްގެ ބަޔަކަށްވެސް ޖެހުނީ އެކަމަނާގެ ކުރިފުޅުމަތީގައި އިސްދަށަށް ޖައްސަވާށެވެ. އާދޭހެވެ! ކަނބާ މަރިޔަމް ރަނިކިލަގެ ހިންގެވި ވެރިކަން މޮޅުވެފައި ގަދައެވެ. އެއީ ރާއްޖެޔަށް އަދާވާތްތެރިންގެ ހަމަލާއެއް އައި ހިނދު ހަނގުރާމަކުރައްވަން ކެރި ވަޑައިގެންނެވި ފަރާތެކެވެ. އަވަސްވެވަޑައިގެންނެވީ ފިއްލަވާކަށް ނޫނެވެ.
ޝައްކެއް ވެސްނެތެވެ! ކަނބާ މަރިޔަމް ރަނިކިލަގެއީ ބަތަލެއްވެސް މެއެވެ. ބަތަލަކަށް ނުވާންވީ ކީއްވެތޯއެވެ. ހަނގުރާމަ ޖެހުމުން ރައްޔިތުންނާ ދައުލަތް ދޫކޮށް ފިއްލަވައިގެން ވަޑައިގަންނަވަނިކޮށް އެ ހަނގުރާމައަށް އައި މީހުން ފަހާ ގޮސް އަތުލައިގެން ޝަހީދު ކުރި ރަސްކަލަކު ބަތަލަކަށް އެބަވެއެވެ. ކަނބާ މަރިޔަމް ރަނިކިލަގެ ބަތަލަކަށް ނުވެއެވެ. އެކަމަކު އެކަމަނާއީ ފަހަށް ޖެހިވަޑައި ނުގެން ލަޝްކަރު ފޮނުއްވާ ހަނގުރާމައިން މޮޅާ ނަސްރު ހޯއްދެވި ފަރާތެވެ. އެއީ ވެސް ޣާޒީއެކެވެ. އެކަމަނާގެ ތުއްޕުޅު ދަރިކަލުންނާއި އެކަމަނާ އަށް ޣާޒީ ކިޔުން މާ އައުލާވެގެންވެއެވެ.
ރަނިކިލަގެ ގެ މައްޗަށް އެންމެ އަދާވާތްތެރިވީ އެއް ބޭކަލަކީ މީލާދުން 1600 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ދިވެހި ސިޔާސީ މައިދާނުގައި އުޅުއްވި އެއް ސިޔާސީ ފަރާތްކަމުގައިވާ އަލްޤާޟީ ހަސަން ތާޖުއްދީނެވެ. ތާޖުއްދީނު އޭނާގެ ތާރީހުގައި އެކަމަނާގެ ނަންފުޅު ހުތުރު ކުރެވޭނެ އެންމެ މަތީ ދަރަޖަޔަށް ވަނީ ހުތުރު ކޮށްފައެވެ. ކަނޑައެޅިގެން ބުހުތާނުކަން އެނގޭފަދަ ތުހުމަތުތައްވެސް ކޮށްފައެވެ. މިހުރިހާ ވާހަކައެއް މި ސިލްސިލާގެ އިސްވެދިޔަ ބައިތަކުގައި ވާނީ އަލިއަޅުވާލައިފައެވެ. ޣާޒީގެ ލަގަބުތަކުންނާ ބަތަލުންގެ ޝަރަފުން އެކަމަނާ ބޭރުކޮށްފައި އެވަނީ ހަސަން ތާޖުއްދީނުގެ ތައައްސަބީ ގަލަމުގެ ދެލިންނެވެ. ތާޖުއްދީނު ދުރުވީ ސިޔާސީ ރުޅިއެކެވެ. އެރުޅި އެޒަމާނުން ނިމެން ވާނެތެވެ.
އޮޑިކޮޅު ގޮވައިގެން ކަނބާ މަރިޔަމް އަވަހާރަވެ އެ ހާދިސާގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ދެނިކޮށް ރަދުން އަވަހާރަވުމުން ތަހުތު ހުސްކަމަކަަށް އައީއެވެ. އަދި އެހައިރަށް އުތީމު ދަރިކޮޅުން ރަސްކަން ހިނގަމުން އައިސްފައި އޮތް ފަޅި ހުލިވީއެވެ. މިހާ ހިސާބުން ދެން ސުވާލު އުފެދުނީ ރަސްކަމަށް އިސްކުރާނީ ކޮން ބޭފުޅަކުތޯއެވެ. މިކަމުގެ ސައްލާ ކުރުމަށްޓަކައި އެއިރު ކުރިޔަށް ތިއްބެވި ބަސްކިޔޭ ބައެއް ބޮޑުންނާ ލަޝްކަރުގެ ބައެއް ބޭކަލުން މުހައްމަދު ޚަތީބުގެ ގެޔަށް އެއްބިއެވެ. ދެން މިބައިމީހުން އެއްބަސްވެލެއްވީ ހަސަން ފާށަނާ ކިލަގެފާނުގެ ދަރިކަލުން މުހައްމަދަށް ރަސްކަމުގެ ބައިއަތު ހިފާށެވެ.
މި ދެންނެވި މުހައްމަދަކީ ދެންނެވިފައިވާނޭ ފަދައިން ކަނބާ މަރިޔަމް ވަރަށް ބޮޑު ތުހުމަތެއް ރައްދު ކުރެއްވި ފަރާތެކެވެ. އެއީ އެކަމަނާގެ ދަރިކަލުން މަނިރަންލޯކަ މަހާރަދުންގެ ރަސްކަން އަތުލައްވަން އުޅުއްވާކަމުގެ ތުހުމަތެވެ. ކޮންމެއަކަސް ބޮަޑުން މި ގޮތަށް އެއްބަސްވެލެއްވުމަށްފަހުގައި ހެނދުނު ޝާހީ ގަނޑުވަރުގެ ކުރިމައްޗަށް އެއްވިއެވެ. އަދި ގޮވައިލިއެވެ. ބޮޑު ކަނބާގެ އާއިލާގެ ބޭފުޅަކަށް ނޫނީ ތިމަންނާމެން ބައިއަތު ނުހިފާނޫއެވެ. އޭގެ އަދި އެއް ފިރިހެން ބޭފުޅަކު އެބަހުންނެވިއެވެ. އެއީ އަވަހާރަވި އިސްކަންދަރު ރަސްގެފާނުގެ އަހުގެ ދަރިކަލުން މުހައްމަދެވެ. ދެން މި މުހައްމަދު ދިވެހި ސިންގާ ސަނާއަށް އިސްކޮށްފޫއެވެ.
ރާއްޖޭގެ ކުލަގަދަ ސިޔާސީ ތާރީހުން ހާދިސާއެއް: އުތީމު ދަރިކޮޅުގެ ނިމުން (ހަތްވަނަ ބައި) ރާއްޖޭގެ ކުލަގަދަ ސިޔާސީ ތާރީހުން ހާދިސާއެއް: އުތީމު ދަރިކޮޅުގެ ނިމުން (ހަތްވަނަ ބައި)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ