އުމުރުން 40 އަހަރަށް ވުރެ މަތިވި ފަހުން ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅާ އެކު، އެ އާއިލާގެ އުފާވެރިކަން ހުރީ އިންތިހާގަ އެވެ. ކުރިން ދެ އަންހެން ދަރިން ލިބުނު ނަމަވެސް، އެ ދެމަފިރިންނަށް ފިރިހެން ކުއްޖެއް މި ލިބުނީ 15 އަހަރު ފަހުންނެވެ. އެހެންވެ، އެ ދެމަފިރިންނާއި ހުރިހާ ކުދިންގެ ވެސް ދިރިއުޅުން ވަށައިގެން އެނބުރުނީ، ކޮއްކޮ ޔޫނުސް ހުސައިން އަބްދުﷲ ވަށައިގެންނެވެ.
އެކަމަކު އެއީ ކުރު މުއްދަތެއްގެ ހިތްހަމަޖެހުމެކެވެ. މާ ބޮޑަށް ކެއްސާތީ އުމުރުން އަށް މަހުގެ ޔޫނުސް ހޮސްޕިޓަލަށް ގެންދިޔަތާ ހަފުތާއެއް ފަހުން އެތަނުން ނެރުނީ ކުއްޖާގެ ފުރާނަ ނެތް ހަށިގަނޑެވެ. ކޮއްކޮއާ އެކު އާއިލާގެ ހުރިހާ އުފަލެއް ވެސް ވަޅުޖެހުނީ އެވެ.
"އެއީ ހަމަ އަޅުގަނޑުމެންގެ ފެމެލީގެ ޖޯއީ. އެހާ ދުވަސްކޮށްފައި ކޮއްކޮއެއް ލިބުނީމާ އެންމެން ވެސް އުޅުނީ ވަރަށް އުފަލުން،" ޔޫނުސްގެ ދޮށީ ދައްތަ ޔުނާލް ހުސައިން ބުންޏެވެ.
"ހެނދުނު ހޭލައިގެން ކޮއްކޮ ކައިރިއަށް ނުގޮސް، އެކަކު ވެސް އެއްތާކަށް ވެސް ނުދާނެ."
ޔުނާލް ބުނި ގޮތުގައި، ކޮއްކޮއަކީ އުފަންވީއްސުރެ ސިއްހަތު ރަނގަޅު ކުއްޖެކެވެ. ކާންދޭން ފަސޭހަ، އެއްގޮތަކަށް ވެސް ނުރޯ، އުފާވެރި މިޒާޖެއްގެ ކުއްޖެކެވެ. އެކަމަކު މި މަހުގެ 18 ވަނަ ދުވަހު ފުރަތަމަ ކޮއްކޮ އައިޖީއެމްއެޗުގެ އީއާރަށް ގެންދިޔައީ މާ ބޮޑަށް ކެއްސައި ހޮޑުލައި އާދަޔާހިލާފަށް ރޯތީ ކަމަށް ބުންޏެވެ.
ފުރަތަމަ ދުވަހު ބޭސް ދީފައި ދޫކޮށްލި ނަމަވެސް ދެ ވަނަ ދުވަހު އެޑްމިޓް ކުރި އެވެ. އެކަމަކު ކޮއްކޮގެ ހާލަތު ދިޔައީ ދަށަށެވެ. އައިވީ ގުޅާފައި ބޭއްވިތާ ދެ ދުވަސް ފަހުން ކުއްޖާގެ ސިފަ ވެސް ނޭނގޭ ވަރަށް ދުޅަވާން ފެށި ކަމަށާއި އޭރު ވެސް ކޮންމެ ދުވަހަކު ވެސް ޓެސްޓުތައް ހެދުމަށް އެކި ކަހަލަ ސާމްޕަލްތައް ނަގަމުން ދިޔަ ކަމަށް ޔުނާލް ބުންޏެވެ.
"އައިވީ ހުއްޓާލާފައި ބުނީ ލިވާގެ އެންޒައިމެއް ވަރަށް ބޮޑަށް މަތިވެގެން ދުޅަވަނީ ކަމަށް. އެކަމަކު އެއީ ކޮން އެންޒައިމެއް، ކީއްވެގެންވާ ކަމެއް، މަތިވަނީ ކިހިނެއް ވެގެން ކަމެއް ވެސް ނުބުނޭ. އެއްވެސް ތަފްސީލެއް ނުދޭ،" އޭނާ ބުންޏެވެ.
އައިވީ ހުއްޓާލުމުން، ޔޫނުސްގެ ހާލު ކޮންމެވެސް ވަރަަކަށް ރަނގަޅުވި އެވެ. ބަނޑު ފިޔަވައި ހަށިގަނޑުގެ އެހެން ތަންތަނުން ދުޅަ ތިރިވި އެވެ.
އެކަމަކު ޔުނާލްގެ ޝަކުވާއަކީ އެހާ ހިސާބަށް ވެސް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކޮއްކޮ ބަލަން އައިސްފައިނުވުމެވެ. އަބަދު ވެސް އަންނަނީ، މެޑިކަލް އޮފިސަރެއް ނޫނީ ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ކަމަށާއި "ޗާޓް ޗެކްކޮށް، ކޮއްކޮގެ ބުރަކަށީގައި ކަށިގަނޑު ޖައްސާލައި މާ ބޮޑު އެއްޗެއް ނުބުނެ ދަނީ" ކަމަށް ބުންޏެވެ.
ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް އައީ ކޮއްކޮގެ ހާލަތު އަނެއްކާވެސް ދަށްވާން ފެށުމުން، ބައްޕަ ނަރުހަކާ ދިމާއަށް ހަޅޭއްލަވައިގަތުމުން ކަމަށް އޭނާ ބުންޏެވެ.
"ޑޮކްޓަރު އައިސް ރިޕޯޓުތައް ބަލާފައި ބުނީ، ލިވާ ހަލާކުވަނީއޭ ބޭރަށް ދާން ތައްޔާރުވާށޭ. އެހާ ތަނަށް އަޅުގަނޑުމެންނަކަށް ނޭނގޭ މިހާ ސީރިއަސްވަމުންދާ ކަމެއް،" ޔުނާލް ބުންޏެވެ.
އޭނާ ބުނީ މިދިޔަ ބުރާސްފަތި ދުވަހަކީ ބަންދު ދުވަހެއް ކަމުން، ރާއްޖޭން ބޭރަށް ދިޔުމަށް އާސަންދަ ހަމަޖެއްސުމާއި ޕާސްޕޯޓު ހެއްދުމަށް ވެސް ދަތިތައް ކުރިމަތިވި ކަމަށެވެ. ރިފަރެލް ލެޓާ އާއި އާސަންދަ އާއި އެހެން އިންތިޒާމްތައް ވެސް ހަމަޖައްސަން ޖެހުނީ 'ވަރަށް ބޮޑަށް އާދޭސްކޮށްގެން' ކަމަށް ބުންޏެވެ.
ޔޫނުސް ފުރަން ހަމަޖެހުނީ ހޮނިހިރު ދުވަހެވެ. އެކަމަކު ހުކުރު ދުވަހު ކުއްޖާ އަނެއްކާވެސް މާ ބޮޑަށް ދުޅަވެ، ފުުރާނަ ދިޔައީ އެވެ. އެންމެ ފަހު ވަގުތު ސީޕީއާރު ދޭން މަސައްކަތް ކުރި ނަމަވެސް، އެ ވަގުތު އަނގަޔާއި ނޭފަތުން އައީ ހުސް ލޭ ކަމަށް ބުންޏެވެ. ޝޮކް ޖައްސުވާ މެޝިން ހުރި ނަމަވެސް، އެ ހުރީ ބޭނުން ކުރެވޭ ހާލަތެއްގައެއް ނޫން ކަަމަށާއި ހުރިހާ ކަމެއް ކުރަން ޖެހުނީ މެނުއަލްކޮށް ކަމަށް ބުންޏެވެ.
ޔޫނުސްގެ މަރުގެ ސެޓްފިކެޓްގައި އޮތީ، އަށް މަހުގެ ތުއްތު އެ ކުއްޖާ މަރުވީ ލިވާ ފެއިލްވެގެން ކަމަށެވެ. އަދި އެ ކުއްޖާގެ ހާލަތު ދެނެގަނެވުމާއި މަރުވުމާ ދެމެދު ހަތް ދުވަސް ހޭދަވި ކަމަށް އޭގައި އޮތެވެ.
"ދެން ވިސްނާލައްވާ. ހަތް ދުވަސް ކުރިން ޑޮކްޓަރުންނަށް އެނގިއްޖެ ކޮއްކޮގެ ލިވާ ފެއިލްވަމުންދާ ކަމަށް. އަޅުގަނޑުމެން ގާތު އެހެން ބުނި ނަމަ، މިއަށް ވުރެ ރަނގަޅު ފަރުވާ ހޯދުމަށް، އެހެން ހޮސްޕިޓަލަކަށް ނޫނީ ރާއްޖޭން ބޭރަށް ދާން މަސައްކަތް ކުރެވުނީސް ނޫންތޯ،" ޔުނާލް ބުންޏެވެ.
"މިއީ ހަމަ ވަރަށް ބޮޑު އިހުމާލެއް."
އާއިލާގެ މި ތުހުމަތުތަކާ ގުޅޭ ގޮތުން އަދި އައިޖީއެމްއެޗުގެ ބަހެއް ނުލިބެ އެވެ.
ޔުނާލް ބުނީ ކޮއްކޮގެ މަރުން މަންމަ އާއި ބައްޕައަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. ފަނަރަ އަހަރަށް ފަހު ލިބުނު ފުރަތަމަ ފިރިހެން ދަރިފުޅުގެ މަރަށް ފަހު، އެންމެންނަށް ވެސް ލިބިފައިވަނީ ޝޮކެކެވެ.
ޔުނާލްގެ ދެކޭ ގޮތުގައި އެންމެ ބޮޑު ހިތްދަތިކަމެއް ލިބެނީ، އެންމެ ރަނގަޅަށް ފަރުވާ ދިން ނަމަ، ކޮއްކޮގެ ފުރާނަ ސަލާމަތްކުރެވުނީސް ކަމަށް ހިތަށް އަރާފަ އެވެ.
ދަރިއަކު ލިބުނީ 15 އަހަރު ފަހުން؛ ގެންގުޅެން ލިބުނީ 8 މަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ