ނ. އަތޮޅު ވިހަފަރު ފަޅުގައި ތަރައްގީކުރާ އެއާޕޯޓު، އަންނަ އަހަރުގެ ކުރީކޮޅު ފަށައި، ދޮޅު އަހަރުތެރޭ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިކަން އިއުލާން ކުރައްވާފައި ވަނީ، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، އެ އަތޮޅު މާފަރުގައި ވައިގެބަނދަރެއް އޮތްކަމުގައި ވިޔަސް، ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަހައްދުގައި އިތުރު ވައިގެބަނދަރެއް އޮތުން މުހިންމުކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ގޮތުން ކުރިއަރާފައިވާ އަދި ކުރިއަރަމުންދާ އަތޮޅެއްގެ ގޮތުންނާއި، އިގްތިސާދީ ސިންދަފާތު ކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިނގާނޭ އަތޮޅެއްގެ ގޮތުން، މި ވައިގެ ބަނދަރު އޮތުމުން ދުރު ރާސްތާގައި ލުއިފަސޭހައާއި ފައިދާ ލިބޭނޭކަމަށްވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ހޮޅުދޫގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ހޮޅުމީދޫ ބޭނުންކުރަން ފަށަން ފުރިހަމަކުރަންޖެހޭ އަސާސީ އުމްރާނީ ވަސީލަތްތައް ފުރިހަމަކުރުމުގެ މަސައްކަތްތައްވެސް އަންނަ އަހަރު ފެއްޓުމަށް ނިންމަވާފައިވާކަން އިއުލާނު ކުރައްވާފައެވެ. މީގެ އިތުރުން، ނިއު ޕޮލިސީ އިނީޝިއެޓިވްސްގެ ތެރޭގައި ހިމެނިގެން، އެ ރަށުގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތްވެސް އަންނަ އަހަރަށް ތާވަލުކުރެވިފައި ވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ، މި އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރާ ބެޗުގައި ހިމަނުއްވާނޭ މަސައްކަތްތައް ވެސް ހާމަކުރައްވާފައެވެ. އެ ގޮތުން، ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ހިއްކެން އޮތް މިންވަރަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިއުމާއި، ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމާއި، ފުޓްސަލް އަދި ހޭންޑްބޯލް ދަނޑުގެ މަސައްކަތްތައް ކުރުމަށް، އެ ބެޗުގައި ސޮއިކުރެވޭނޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ހޮޅުދޫ މަގު ހެދުމުގެ ދެވަނަ ފިޔަވައްސެއްގެ ގޮތުގައި ރިންގް ރޯޑްގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށާއި، އެ ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭ ނިންމޭނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި ވަނީ، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލް ކަމުގައިވާ، ހޮޅުދޫ މޭނާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި، ތަޢުލީމާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު، ސޮއިކުރައްވާފައެވެ.
ވިހަފަރު ފަޅުގައި ތަރައްގީކުރާ އެއާޕޯޓު އަންނަ އަހަރު ފަށައި، ދޮޅު އަހަރުން ނިންމާނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ