ބަންދުގައި ހުރި ޝައްމާން، އެސްޓީއޯއަށް ލައްކައެއްހާ ރުފިޔާ ދައްކަން ޖެހޭ މައްސަލައެއް

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު، ހާބަރު ފުޑްކޯޓުގައި ހިންގާ ކެފޭގެ ކުލި ނުދައްކައި އޮވެގެން ކުރި ދައުވާ އެސްޓީއޯއިން އަނބުރާ ގެންގޮސްފިއެވެ. މިއީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެސްޓީއޯއާއި ޝައްމާނާ ދެމެދު ވެފައިވާ ފުޑްކޯޓުގެ ކުއްޔާ ގުޅޭ އެއްބަސްވުމެއްގެ މައްސަލައެވެ. ސިވިލް ކޯޓުން ބުދަ ދުވަހު ނިންމި މި މައްސަލައިން އެނގޭ ގޮތުގައި ޝައްމާނާ އެކު އެސްޓީއޯން އެ އެއްބަސްވުން ހަދާފައިވަނީ އޮކްޓޫބަރު އަށެއް، 2023 ގައެވެ. އެއީ ރިޔާސީ އިންތިހާބު ނިމި، ވެރިކަން ބަދަލުވުގެ މަރުހަލާ ތެރެއެވެ. މި މައްސަލައިގައި އެސްޓީއޯއިން ޝައްމާނާ ދެކޮޅަށް ދައުވާކުރި މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ މިދިޔަ މަހެވެ. މާރިޗު މަހު ފަހުކޮޅުން ފެށިގެން ޝައްމާން ހުރީ، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ވާނުވާ ބަންދު ޖަހައިފައެވެ. މި މައްސަލައިގައި އެސްޓީއޯއިން އެދިފައިވަނީ ޝައްމާން އަތުން ޖުމްލަ 97،399 ރުފިޔާ ހޯދާށެވެ. އެއީ، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުއްޔަށްވާ 75،823 ރުފިޔާއާއި ކުލި ދައްކާފައިނުވާތީ ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 21،575 ރުފިޔާއެވެ. އެސްޓީއޯއިން ދައުވާކުރީ މި ފައިސާ އެއް ފަހަރާ ބަންދުގައި ހުރި ޝައްމާންގެ އަތުން ހޯދުމަށެވެ. އެހެންނަމަވެސް، ޝަރީއަތަށް މައްސަލަ ހުށަހެޅި ފަހުން، ފައުސާ ދައްކާނެ ގޮތާއި މެދު އެސްޓީއޯއާއި ޝައްމާނާ މެދު އެއްބަސްވުމަކަށް އާދެވި، އަދި ފައިސާ ދައްކާނެކަމުގެ ޔަގީންކަން ޝައްމާން ދިނުމުން އެސްޓީއޯއިން ބޭނުންވީ ދައުވާ އަނބުރާ ގެންދާށެވެ. އެސްޓީއޯއިން މައްސަލަ އަނބުރާ ގެންދަން ބޭނުންވުމުން ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ހުކުމްކުރައްވާފައިވަނީ އެސްޓީއޯއިން އެދުނު ގޮތަށް މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ މައްސަލަ ޝައްމާގެ ފަރާތުން ސުޕްރީމް ކޯޓާ ހަމައަށް ހުށަހެޅި ނަމަވެސް އެ ކޯޓުން ވެސް ވަނީ ޝައްމާން މިނިވަންކުރާނެ ތަނެއް ކަމަށް ކަނޑައަޅައިފައެވެ. ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝައްމާންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރުވަނީ ފަށައިފައެވެ. ޝައްމާން މައްޗަށް ދައުލަތުންވަނީ ތިން ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ