މިއަހަރުގެ ދެވަނަ ކުއާޓަރގައި މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫއު ނިމޭނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ބުނެފިއެވެ.
މާލޭ ސަރަހައްދުގައި ފޯރުކޮށްދެވޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކުރިއަށް ގެންދާ، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢުގެ 65 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. 2016 ވަނަ އަހަރު ފަށާފައިވާ، މި މަޝްރޫޢުގެ ބައެއް މުހިންމު މަސައްކަތްތައް، ތަފާތު އެކި އެކި ސަބަބުތަކާއި ހުރެ ގިނަދުވަސްތަކެއްވަންދެން ހުއްޓިފައި އޮތުމަށްފަހު، 2024 ވަނަ އަހަރު މިމަސައްކަތްތައް ވަނީ އަލުން ފަށައިގަނެވިފައެވެ.
މި މަޝްރޫއުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާފައިވާ، 20 އިންޗި ޑައިމީޓަރ، 5 ކިލޯމީޓަރ ދިގު މައި ހޮޅި ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި، ޕްރެޝަރ ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
އަދި މާލެއާއި ހުޅުމާލޭގައި ޤާއިމްކުރެވޭ ޓްރާންސްފަރ ޕަމްޕް ސްޓޭޝަންތަކުގެ ފައުންޑޭޝަން މަސައްކަތްތައް ނިންމާ އިމާރާތުގެ އޮނިގަނޑުގެ މަސައްކަތްތައް ފަށާފައިވާއިރު މާލޭގެ ޕަމްޕް ސްޓޭޝަންގެ މުޅި މަސައްކަތުގެ %25 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ %60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަންވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
ޕަމްޕްސްޓޭޝަންތަކުގެ ޢިމާރާތްތަކުގެ މަސައްކަތް ނިންމުމަށް އަމާޒުކުރެވިފައިވަނީ މާރޗް މަހުގެ ނިޔަލަށެވެ. ޢިމާރާތްތަކުގެ މަސައްކަތްތައް ނިމުމުން ޕަމްޕްތައް ބަހައްޓާ ނިމުމަށްފަހު 2025 ވަނައަހަރުގެ ދެވަނަ ކުއާޓަރ ގައި މި ނިޒާމްގެ ބޭނުންކުރަން ފެށުމަށްވަނީ އަމާޒު ކުރެވިފައިވާ ކަމަށާއި ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢު ނިމުމުން،މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް، ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލްކަން ލިބިގެންދާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ބުންޏެވެ. އަދި މީގެ ސަބަބުން، މާލެ ސަރަހައްދުގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުވެގެން ދާނެއެވެ.
މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫއު ދެވަނަ ކުއާޓަރގައި ނިމޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ