ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ގެއްލިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "ޚަބަރު އެމްވީ" އަށް ވިދާޅުވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޕީޕީއެމްއިން ވަކި ކުރެއްވުމަށް އެދި އެ ޕާޓީއިން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ބެލުމަށްފަހު ޕާޓީއިން، އަބްދުﷲ އަހުމަދު ވަކިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ ހަ ދާއިރާއެއްގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ވަނީ މީގެކުރިން އިއުލާންކޮށްފައެވެ. އެ މެމްބަރުންނަކީ ވިލިނގިލީ ދާއިރާ ތަމްޞީލު ކުރައްވަމުން ގެންދެވި ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފު މުހަންމަދާއި މަޑުއްވަރީ ދާއިރާ ތަމްޞީލް ކުރެއްވި މުހައްމަދު އަމީތު އަދި ތުލުސްދޫ ދާއިރާ ތަމްޞީލު ކުރެއްވި މުހަންމަދު ވަހީދު އިބްރާހީމެވެ. އޭގެއިތުރުން ގޮނޑި ގެއްލިފައިވާ ދެ މެމްބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާ ތަމްޞީލުކުރައްވަމުން ގެންދެވި އަބްދުﷲ ޝިނާނާއި ދަނގެތި ދާއިރާ ތަމްޞީލުކުރައްވަމުން ގެންދެވި އިލްހާމް އަހުމަދެވެ.
ހަ މެމްބަރުންގެ ގޮނޑި ގެއްލިފައިވުމުން އެ ހަ ދާއިރާއަށް މެމްބަރުން އިންތިހާބުކުރުމަށް ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް އިން ވަނީ މިދިިޔަ މަހު އިއުލާންކޮށްފައެވެ. އަދި ވަރަށް އަވަހަށް ބައި އިލެކްޝަންގެ އިންތިހާބުގެ ތާރީހު އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރުގެ ގޮނޑި ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ