ވިޔަފާރިވެރިންނާއި ރައްޔިތުން ގުޅިގެން ފައިދާއަށް މަސައްކަތްކުރުމަށް މިނިސްޓަރު ގޮވާލައްވައިފި

ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ ރައްޔިތުންނަށް ހެވާ ލާބަ އާއި މަންފާ ލިބިގެންދާނެ ކަމަށާއި ވިޔަފާރިވެރިން ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ އެތެރޭގެ ދަރަނި ވަރަށް ބޮޑުތަން ބޮޑުވެގެން ގޮސްފައިވަނީ ސަރުކާރުން ބޭނުންވާ އާމްދަނީގެ ބިލްތައް ފާސްވެގެން ނުދިއުމުން ކަމަށާއި އެހެންކަމުން މިފަހަރު އެގޮތަށް ކަންކަން ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި އެތެރޭގެ ދަރަނިތައް ކުޑަ ކުރެވޭނީ އާމްދަނީ ލިބޭ ބިލުތައް ފާސް ކުރެވިގެން ކަމަށާއި އެހެން ނޫނީ ޖެހޭނީ ޓީ ބިލު ވިއްކައިގެން އާމްދަނީ ހޯދަން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެތެރޭގެ ދަރަނީގެ ގޮތުގައި ރިކޯޑު ކުރެވިފައިވަނީ 20 ބިލިއަން ރުފިޔާއެވެ. އަދި ބޭރުގެ ދަރަނީގެ ގޮތުގައި ރިކޯޑު ކުރެވިފައިވަނީ 12 ބިލިއަން ރުފިޔާއެވެ. އިންސައްތައަށް ބަލާނަމަ ބޭރުގެ ދަރަނީ 23 ޕަސަންޓުގައިއެވެ. އަދި އެތެރޭގެ ދަރަނި ހުރީ 39 ޕަސަންޓުގައިއެވެ.
"ފުދޭ ވަރަކަށް އެތެރޭގެ ދަރަނި ބޮޑުވަމުން މިދަނީ، އަޅުގަނޑުމެންގެ އިގްތިސާދީ ސިއްހަތަށް ބަލާ ކަމުގައިވަންޏާއި، އިކޮނޮމިކް ހެލްތް އަށް ބަލާ ކަމުގައިވަންޏާއި ރަނގަޅު ކަމެއް ނޫން އެތެރޭގެ ދަރަނި ބޮޑުވެގެން ދިއުމަކީ." މިނިސްޓަރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެތެރޭގެ ދަރަނި ދިގު މުއްދަތަކަށް ދަމާލަން ކަމަށާއި ދައުލަތަށް އާމްދަނީ ހޯދައިގެން މަސައްކަތް ކުރަން ވިސްނަން ޖެހޭ ކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކޮށްގެން ދައުލަތް ހިންގަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިގައުމުގައި މުއްސަނދިކަން އެބަހުރި ކަމަށާއި އެގޮތުން ރާއްޖޭގައި ގިނަ އަދަދެއްގެ ފަޅު ރަށްތައް ހުރިއިރު ފަޅު ރަށްތައް ބޭނުންކޮށްގެން އިތުރަށް އާމްދަނީ ހޯދައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
2015 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ރިކަރެންޓު ހަރަދުގެ ގޮތުގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 15.8 ބިލިއަން ރުފިޔާއެވެ. މިއީ މުޅި ބަޖެޓުގެ 65 އިންސައްތައެވެ. ބަޖެޓުގެ 26 އިންސައްތައަކީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށްދާ ހަރަދެވެ. އަދި ސޯޝަލް ސެކިއުރިޓީ އާއި ވެލްފެއާއަށް 13 އިންސައްތަ، އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ހަރަދަށް 8 އިންސައްތައެވެ.
މި ބަޖެޓުގެ 35 އިންސައްތަ ހަރަދުވާނެ ކަމަށް ބެލެވެނީ ކެޕިޓަލް ހަރަދަށެވެ. ކެޕިޓަލް ހަރަދަށް ބަލާއިރު އެންމެ ބޮޑު ހަރަދެއް ދަނީ ޕަބްލިކް ސެކްޓަރ ޕްރޮގްރާމްސްގެ މަޝްރޫއުތަކަށާއި ލޯން ދެއްކުމަށް ކުރާ ހަރަދެވެ.
2015 ވަނަ އަހަރުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 21.5 ބިލިއަން ރުފިޔާއެވެ. މީގެތެރޭގައި ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރާ 13 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތަށް ލިބޭނެ ކަމަށް ކަމަށް ލަފާކުރާ 6.8 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 1.7 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި އާމްދަނީ ހުށަހަޅާ ކަންތައްތަކުން ލިބޭނެ ކަމަށް ލަފާ ކުރާ 3.4 ބިލިއަން ރުފިޔާ ވެސް ހިމެނިފައިވާނެއެވެ.
ބަޖެޓުގެ ޑެފިސިޓަކީ 1.3 ބިލިއަން ރުފިޔާއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 2.5 އިންސައްތައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ