އިނގިލީގެ ނިޝާން ނެތް ކަމަށް ބުނެ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުން އެތައްހާސް ބަޔަކު ވަކިކުރި މައްސަލާގައި ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން އިލެކްޝަންސް ކޮމިޝަނަށް ފާޑު ކިޔާ އެކޮމިޝަނުން އަމަލުކުރި ގޮތް ކުށްވެރިކޮށްފި އެވެ.
ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ލެޓާހެޑްގައި މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހަކާއި ގުޅިގެން އެކަށީގެންވާ ވަގުތު ނުދީ އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީ ތަކުގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުން އުނިކޮށްފައިވާތީ ޕީޕީއެމް އިން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
"މިޕާޓީން ދެކޭގޮތުގައި އިނގިލީގެ ނިޝާން މެންބަރުން ކަމަށް ކަނޑައަޅައި ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުން އެތައް ހާސް މެންބަރުންނެއް ވަކިކޮށްފައިވަނީ އިނގިލީގެ ނިޝާނާއެެކު ފޯމް ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ދިނުމެއް ނެތި އެވެ،" ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ޕާޓީތަކުގެ ދަފްތަރުން އުނިކުރި މެންބަރުންނަށް ދަފްތަރުން އުނިކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވެސް ނުވާ ކަމަށާއި އެއީވެސް ޕީޕީއެމް އިން ހިތާމަކުރާ ކަމެއް ކަަމަށެވެ. އަދި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުންތައް ވާންޖެހޭނީ ޒިންމާދާރު ނިންމުންތަކަކަށް ކަމަށެވެ.
ރައީސް މައުމޫންގެ ފެކްޝަންގެ ބަޔާނުގައި ބުނެފައިވަނީ އެކަށީގެންވާ ވަގުތު ނުދީ ސިޔާސީ ޕާޓީތަކުން މެންބަރުން އުނިކުރުމާ ގުޅިގެން އެންމެ މެންބަރުން ގިނަ ޕާޓީގެ މަގާމު ޕީޕީއެމް އަށް ލިބިފައިވީ ނަމަވެސް ޕީޕީއެމްގެ ފިކުރާއި ވިސްނުމަކީ އެހެން ސިޔާސީ ޕާޓީތަކަށް ގެއްލުންދީގެން ޕީޕީއެމް ކުރިއެރުވުން ނޫން ކަން ހިތާމަޔާއެކު ފާހަަގަކުރާ ކަމަށެވެ. ޕީޕީއެމް އިން ގަބޫލުކުރާ ފަލްސަފާއަކީ މިނިވަންކަމާއެކު ހުރިހާ ސިޔާސީ ޕާޓީ ތަކަށް ވެސް ހަރަކާތްތެެރިވެވޭނެ މާހައުލެއްގައި ވާދަކޮށްގެން އެހެން ޕާޓީ ތަކަށް ވުރެ ކުރިއަރައިގެން ދިއުން ކަމަށްވެސް ބަޔާނުގައިވެ އެވެ.
"އެހެންކަމުން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ މަގާމު މިޕާޓީއަށް ލިބިފައިވީ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރައްވާފައިވާ ގޮތް މިޕާޓީން ކުށްވެރިކުރަމެވެ. އަދި ހުރިހާ ސިޔާސީ ޕާޓީ ތަކަކަށް ވެސް މިނިވަންކަމާއެކު ވާދަވެރި ސިޔާސީ ވެއްޓެއްގައި ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް މިޕާޓީން އިލެކްޝަންސް ކޮމިޝަނަށް ގޮވާލަމެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެންބަރުންގެ ތެރެއިން އިނގިލީގެ ނިޝާން ހުށަހަޅާފައި ނުވާ މެންބަރުން ޕާޓީ ތަކުގެ ދަފްތަރުން އުނިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަލުން އެކުލަވާލާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.
ސިޔާސީ ޕާޓީ ތަކުގެ ދަފްތަރު އަލުން އެކުލަވާލުމާ ގުޅިގެން އެމްޑީޕީގައި މީގެ ކުރިން 46،608 މެންބަރުން ތިބި ނަމަވެސް އަލަށް އެކުލަވާލި ދަފްތަރުގައި އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބީ 27،805 މީހުންނެވެ. އެހެންކަމުން އިނގިލީގެ ނިޝާން ނެތް ކަމަށް ބުނެ އެޕާޓީން ވަނީ 18،803 މީހުން ވަކިކޮށްފަ އެވެ.
އަލަށް އެކުލަވާލި ދަފްތަރުގައި ޖުމްހްރީ ޕާޓީގައި މިހާރު ތިބީ 10،989 މީހުންނެވެ. އިނގިލީގެ ނިޝާން ނެތް ކަމަށް ބުނެ އެޕާޓީން ވަނީ 3،000 މީހުން ވަކިކޮށްފަ އެވެ. ޑީއާރްޕީގައި މީގެ ކުރިން 14،750 މީހުން ތިބި ކަމަށް ދެއްކި ނަމަވެސް އަލަށް އެކުލަވާލި ދަފްތަރުގައި ޑީއާރްޕީގައި ތިބީ 3،966 މީހުންނެވެ.
އަދާލަތު ޕާޓީގައި މީގެ ކުރިން 9،009 މީހުން ތިބި ނަމަވެސް މިހާރު އެޕާޓީގައި ތިބީ 7،595 މެންބަރުންނެވެ. އެމްޑީއޭ އިން 53 މެންބަރުން މަދުވެ އެޕާޓީގައި މިހާރު ތިބީ 10،639 މެންބަރުންނެވެ. އަދި ވެރިކަން ކުރާ ޕީޕީއެމްގައި މިހާރު ތިބީ 37،633 މީހުންނެވެ. އެހެންކަމުން މިހާރު ޕީޕީއެމް ވެފައިވަނީ އެންމެ ބޮޑު ސިޔާސީ ޕާޓީ އަށެވެ. އަދި އަލަށް ދަފްތަރު އެކުލަވާލިއިރު މެންބަރުންގެ އަދަދު ދަށްނުވެ އޮތް ހަމައެކަނި ޕާޓީއަކީ ވެސް ޕީޕީއެމް އެވެ.
ޕާޓީތަކުން އެތައް ހާސް މެންބަރުން ވަކިކުރުމުން މައުމޫން ފެކްޝަނުން އިލެކްޝަންސް ކޮމިޝަން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ