ކުރިނބީ ބަނދަރު ހެދުން ރައްޔިތުން ނުކުމެ ހުއްޓުވައިފި

ހދ.ކުރިނބީ ބަނދަރު ހެދުމަށް ކުރަމުން އަންނަ މަސައްކަތް އެރަށުން ބަޔަކު ނުކުމެ ހުއްޓުވައިފިއެވެ.
ކުރިނބީ ކައުންސިލް އިދާރާގެ ރައީސް އަހްމަދު މުޖުތަބާ "ވަގުތަށް" ވިދާޅުވީ އެއްވެފައި ތިބި މީހުންގެ ނުފޫޒުގެ ސަބަބުން ބަނދަރުގެ މަސައްކަތް ކުރަމުންދާ ހެވީ ފޯސް ކުންފުންޏަށް މަސައްކަތް ކުރިއަށް ނުގެންދެވިގެން ބަނދަރުގެ މަސައްކަތް މިހާރު ހުއްޓާލާފައި ވާކަމަށެވެ.
ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ބަނދަރުގެ މަސައްކަތް ހުއްޓުވާފައި މިވަނީ ރައީސް ޔަމީނު ކެމްޕޭނު ދުވަސްވަރު އެރަށަށް ވަޑައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރުގެ މަސައްކަތް ކުރިއަށް ގެންގޮސްދޭނެ ކަމަށް ވިދާޅުވެ ވެލެއްވި ވައުދާ އެއްގޮތަށް ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާތީއެވެ. އެގޮތުން ބަނދަރު ނިމުމަކާ ކައިރިވެފައި ވާއިރު، ރައްޔިތުން އެދުނު ގޮތަށް ބަނދަރުގެ ދިގުމިނަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ބަނދަރުގެ މަސައްކަތް ރައްޔިތުން ނުކުމެ ހުއްޓުވާފައި މިވަނީ އެންމެ އެކަށީގެންވާ ގޮތެއްގައި ބަނދަރުގެ ކަންތައް ކުރިއަށް ނުދާތީ. ރައީސް ޔާމީނު ކެމްޕޭނުގައި މިރަށަށް ވަޑައިގެން ވައުދުވެލެއްވީ ރައްޔިތުން ބޭނުންވާ ގޮތަށޭ ބަނދަރުގެ މަސައްކަތް ކުރިއަށްދާނީ. ރައްޔިތުން ބޭނުންވަނީ 400 ފޫޓު 200 ފޫޓު ބަނދަރެއް. އެކަމަކު ބަނދަރުގެ މަސައްކަތް ނިމުމަކާ ހިސާބަށް އައިސްފައިވާއިރު ހަދަން ނިންމާފައިވަނީ 300 ފޫޓޫ 200 ފޫޓުގެ ބަނދަރެއް." މުޖުތަބާ ވިދާޅުވިއެވެ.
ކައުންސިލުން ވިދާޅުވީ ބަނދަރު ބޮޑުކޮށްދިނުމަށް އެދި ހައުސިންގ މިނިސްޓްރީއަށް އެތައް ފަހަރަކު ލިޔުމުން އަންގާފައި ވާނޭ ކަމަށާއި، ކޮންމެ ލިޔުމެއްގައިވެސް ރައްޔިތުން ބޭނުންވަނީ 400 ފޫޓު 200 ފޫޓުގެ ބަނދަރެއް ކަމުގައި އަންގާފައި ވާނޭ ކަމަށެވެ. ނަމަވެސް ހައުސިންގ މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒުއާ މަޖިލީހުގެ ތަޅުމުގައި ބަނދަރުގެ ބޮޑު މިނާ ގުޅޭގޮތުން އެދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ކުރެއްވި ސުވާލައް ޖަވާބު ދެއްވަމުން ބަނދަރު ހަދަމުން ދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި، ބަނދަރު ދިގު ކުރުމަށް އެދިފައި ނުވާކަމަށް ބުނެ އިތުރުފުޅު ހައްދަވާފައި ވާކަމަށް މުޖުތަބާ ވިދާޅުވިއެވެ.
"މިނިސްޓަރު މުޢިއްޒު ވަނީ އިތުރުފުޅު ހައްދަވާފަ. އަޅުގަނޑުމެން ވަރަށް ސާފުކޮށް ލިޔުމުން އެތައް ފަހަރަކު އަންގާފައި ވަނީ ރައްޔިތުން ބޭނުންވަނީ ކިހާ ވަރެއްގެ ބަނދަރެއް ކަން،" މުޖުތަބާ ވިދާޅުވިއެވެ.
މިއަދު މެންދުރު 2 ޖެހި އިރު ފެށި މުޒާހަރާ ހުއްޓާލައި ރައްޔިތުން އެސަރަހައްދު ދޫކޮށްފައި ދިޔަ ނަމަވެސް، ބަނދަރުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށާއި، އަންނަ ހޯމަ ދުވަހާ ހަމައަށް އެދެވޭ ޖަވާބެއް ނުލިބިއްޖެ ނަމަ، ކައުންސިލް އިދާރާ ބަންދުކޮށް ރަށުގެ ހުރިހާ މަސައްކަތެއް ހުއްޓުވާލާނެ ކަމަށް ރައްޔިތުން ބުނެފައި ވާކަމަށް ކުރިނބީ ރައްޔިތަކު ވަނީ "ވަގުތަށް" މައުލޫމާތު ދީފައެވެ.
ކުރިނބީ ލައިވްގެ ނޫސްވެރިއަކު ވަގުތަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ކައުންސިލުން ވަރަށް ސާފުކޮށް ބަނދަރު ބޮޑުކޮށް ދިނުމަށް ލިޔުމުން އެދިފައިވާ ކަމަށާއި، ކައުންސިލުން މިނިސްޓްރީއަށް ފޮނުވި ސިޓީތައްވެސް ފެންނަން އެބަހުރި ކަމަށެވެ.
އަދި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކުރިނބީގެ އިސް ބޭފުޅަކަށް ފޯނުން ގުޅުއްވައި ކުރިނބީ ރައްޔިތުންނަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުން މުޢާމާލާތް ކޮށްފައި ވާކަމަށްވެސް އޭނާ ބުންޏެވެ.
"އަޅުގަނޑު މީ އަޑު އަހަން އިން މީހެއް. ވަރަށް ހުތުރު ބަހުން ސްޓޭޓް މިނިސްޓަރު ވަނީ ރައްޔިތުންނަށް ނިސްބަތްކޮށް ވާހަކަ ދައްކާފަ." އޭނަ ބުނެފައި ވެއެވެ.
ބެނާތަކާއި ބޯޑުތައް ހިފައިގެން ކުރި މިމުޒާހަރާގައި ރަށުގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރި ވެފައި ވާކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ. އަދި މިބެނާ ތަކުގައި ހައުސިންގ މިނިސްޓްރީން ކުރިނބީ ރައްޔިތުންނާ ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ކަމަށް ބުނެ ޝުއޫރު ފާޅުކޮށްފައި ވާކަމަށްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ