އެމްޑީޕީގެ ފާޑުކިޔުން ވެލިދޫ ދާއިރާގެ މެމްބަރު ޔާމިންއަށް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނެގި ވޯޓުގައި ބައިވެރިވުމަށް ވަޑައިނުގަނެ، އަދި ވޯޓުގައި ބައިވެރި ނުވުމުގެ ސަބަބުން އެމްޑީޕީގެ ފަރާތުން، އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދަށް ފާޑު ކިޔައިފިއެވެ.
އެ ޕާޓީގެ އިދާރީ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ޗެއަރޕާސަންގެ ނާއިބު އަލީ ނިޔާޒް ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީގެ ޤައުމީ ހިންގާ ކޮމިޓީއިން ވަނީ، މިއަދުގެ ވޯޓުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ވަކި ގޮތަކަށް ޢަމަލުކުރުމަށް ނިންމާފައި ކަމަށާއި، އެ ނިންމުން ވަގުތުން ވާނީ އެމްޑީޕީ ޕީޖީގެ ހުރިހާ މެމްބަރުންނާ ހިއްސާ ކުރެވިފައި ކަމަށެވެ.
"ހިންގާ ކޮމިޓީގެ ނިންމުމަކަށް ވާތީ އެ ނިންމުން ހިއްސާ ކުރުމަށް، ކޮމިޓީ ނިމުމާ އެކު އަވަސް ވެގަތީ. އެވަގުތު ބައެއް ބޭފުޅުން ފުރާވަޑައިގަތުމަށް އެއާޕޯޓުގައި ތިއްބެވި ބޭފުޅުންނަށް ވެސް ޗެއަރޕާސަން ގުޅުއްވައި ވިދާޅުވި، މިއީ މިހެން އޮތް ކަމެކޭ، ރާއްޖެއިން ބޭރަށް ވަޑައި ނުގަންނަވާށޭ،" އަލީ ނިޔާޒް ވިދާޅުވިއެވެ.
އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހިންގާ ކޮމިޓީގެ ޖަލްސާއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވަމުން ދިޔަ ވަގުތު، އެމްޑީޕީގެ ޕީޖީގެ މެމްބަރު، ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދަށް، ޗެއަރޕާސަން އަލީ ވަހީދު ގުޅުއްވައިގެން ހުންނެވި މަންޒަރު "ވަގުތު" ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.
"ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދު ވިދާޅުވަނީ ޑިސެމްބަރު 12 އިން 25 އަށް ތިމަންނާ ހުރީ ޗުއްޓީގައޭ. ޕާޓީއަށް އަންގާފައޭ އޮންނާނީ. ތެދެއް، އެހެން އެންގެވި. ބުރާސްފަތި ދުވަހުގެ ރޭ އެބޭފުޅާ އެއާޕޯޓުގައި ހުންނަވަނިކޮށް ޗެއަރޕާސަން ގުޅުއްވައި ވިދާޅުވީ، ތިހެން ނުހައްދަވާށޭ، ނުފުރުމަށް ހިނގާ ޚަރަދުތައް އަމިއްލަ ޖީބުންވެސް ދޭ ގޮތަށޭ މިހުރީ، އެހެންވީމާ ވޯޓުގައި ބައިވެރިވެދޭން މަޑުކޮށްދެއްވާށޭ،" އަލީ ނިޔާޒް ވިދާޅުވިއެވެ.
އެހެން ނަމަވެސް، ވޯޓު އޮންނަ ދުވަހަށް އެނބުރި އަންނާނެ ކަމަށް މެމްބަރު ޔާމިން ވިދާޅުވި ކަމަށާއި، ނަމަވެސް އެމްޑީޕީއިން ވަނީ އެދުވަހަށް އެނބުރި އައުމަށް ސީޓު ނުލިބުމަކީ އެކާށީގެންވާ ކަމެއް ކަމަށް ބުނެފައި ކަމަށާއި، ކަން ވީ ވެސް އެގޮތަށް ކަމަށް އެމްޑީޕީ ޗެއަރޕާސަންގެ ނާއިބު ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ، ވެލިދޫ ދާއިރާގެ މެމްބަރު ޔާމިން ޗުއްޓީގައި ހުންނެވި ނަމަވެސް، މިފަދަ މުހިންމު ވޯޓެއް ނުވަތަ ކަމެއް އޮތުމުގެ ސަބަބުން ޗުއްޓީ ކުރެވިފައި އާދެވެން ޖެހޭނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީސް އޮތީ ޗުއްޓީގައެއް ނޫން އިނގޭތޯ. މިއަދު 17 މެމްބަރުން ހިތްވަރު ކުރައްވައިގެން، އެބޭފުޅުންނަށް ވެސް ޗުއްޓީ ނެގުމުގެ ހައްޤު އެބައޮތް. މިވަރުގެ ބޮޑު ކަމެއްގައި، ޗުއްޓީ ކުރު ކުރައްވާފައި ވަޑައިނުގެންނެވޭ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގައި ނުތިއްބެވިއްޔާ ކަންނޭނގެ ރަނގަޅީ. ހަމަ ގައިމުވެސް އެމްޑީޕީއިން ދެކެނީ އެގޮތަށް. އެ ދާއިރާގެ [ވެލިދޫ ދާއރިާގެ] ރައްޔިތުންގ ވެސް ދެކެނީ އެގޮތަށް. ސިޔާސީ ގޮތުން މަސައްކަތް ކުރާއިރުގައި ކުރިޔަށް ރޭވިފައި އޮތް ކަންކަން މަޑުޖައްސާލަން އެބަ ޖެހޭ. މިފަދަ ކަންކަމަކީ ޕާޓީއިން ޤަބޫލުކުރާނެ އުޒުރެއް ނޫން،" ޗެއަރޕާސަންގެ ނާއިބު އަލީ ނިޔާޒް ވިދާޅުވިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދުގެ އިތުރުން ދެން ވަޑައިނުގަންނަވަނީ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރާއި، ފެލިދޫ ދާއިރާގެ މެމްބަރު އަހުމަދު މަރުޒޫގާއި، ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ