ޓޫރިޒަމް ދާއިރާގެ އެންމެންނަށް ކޮވިޑް ވެކްސިން ދޭ ފުރަތަމަ ގައުމަކަށް ރާއްޖެ ހަދަން ކެމްޕޭނެއް

ރާއްޖޭގެ ޓުރިޒަމް ދާއިރާގައި މަސައްކަތްކުރާ އެންމެނަށް ކޮވިޑް ވެކްސިން ދީ، ރާއްޖެއަކީ ދުނިޔޭގެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" މަންޒިލަށް ހަދަން "އައި އެމް ވެކްސިނޭޓެޑް" ގެ ނަމުގައި ކެމްޕޭނެއް މިއަދު ފަށައިފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕޭން ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް ދާއިރާގެ އެކި އެސޯސިއޭޝަންތަކުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފެށި މި ކެމްޕޭނުގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ތެރެއިން ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރާ ކޮންމެ މީހަކަށް ބެޖެއް ލިބޭނެ އެވެ. މި ބެޖުން ޓޫރިސްޓުންނަށް އަންގައިދެނީ އެ މީހާ އަކީ މިވަގުތަށް ހުރި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ހުރި މީހެއްކަމެވެ.
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކެމްޕޭނާ ބެހޭގޮތުން ވާހަކަދައްކަވަނީ. -- ފޮޓޯ: މިހާރު
ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖޭން ކޮވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ އިތުބާރު ލިބިފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި މި ކެމްޕޭނުން ޓޫރިސްޓުން ރާއްޖެއަށް ކުރާ އިތުބާރު އިތުރަށް ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބަނަ އަހަރެއް. އެހެން ނަމަވެސް އެ ހާލަތުގައި ވެސް ބޯޑަރު ހުޅުވައިގެން ހިދުމަތް ދޭން ފެށީމާ މިހާރު ރާއްޖެއަކީ އެހެން ގައުމުތަކަށް މިސާލެއް. އަޅުގަނޑުމެން ބޭނުންވަނީ މިގޮތަށް ވީހާވެސް އަވަހަށް ޓޫރިޒަމް ދާއިރާގެ އެންމެން ދެ ޑޯޒު ފުރިހަމަކުރަން،" މައުސޫމް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު ޓޫރިޒަމް ދާއިރާގެ ވެކްސިނޭޝަން ކެމްޕޭނާ ގުޅޭގޮތުން ވާހަކަދައްކަވަނީ-- ފޮޓޯ: މިހާރު
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ދިމާވި ދަތިތަކާ އެކު ވެސް ދުނިޔޭގެ ޓޫރިޒަމް މާކެޓުން ރާއްޖެ ގެއްލުނަ ނުދިނުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ މިވަގުތު ޓޫރިސްޓުން ދަތުކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން، މި ކެމްޕޭން ވެގެންދާނީ ރާއްޖެއަކީ ރައްކާތެރި މަންޒިލަކަށް ހެދުމަށް ކުރާ މަސައްކަތަށް ލިބޭ އިތުރު ކުރިއެރުމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ، ފުލީ ވެކްސިނޭޓެޑް ދާއިރާއަކަށްވުމުން ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތް ކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލުގެ ގޮތުގައި އިޝްތިހާރު ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ލިބޭ ފުރިހަމަ ބާރަކަށް ވެގެންދާނެ،" ތޮއްޔިބު ވިދާޅުވި އެވެ.
"އައި އެމް ވެކްސިނޭޓެޑް" ކެމްޕޭނުގެ ދަށުން ދެ ޑޯޒު ޖަހާފައިވާ މީހުންނަށް ބެޖު ދިނުމުގެ އިތުރުން ސޯޝަލް މީޑިއާގައި އެ މީހުންގެ ވީޑިއޯތަކާއި ފޮޓޯތައް ވެސް އާއްމު ކުރާނެ އެވެ. އަދި ވެކްސިން ފުރިހަމަކުރާ ރިސޯޓުތަކާއި ޓޫރިސްޓު ފެސިލިޓީތަކުގެ މައުލޫމާތު އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓުންނަށް އަންގައިދޭނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާގޮތުގައި މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ 99 ޕަސެންޓު މީހުންނަށް ވަނީ ވެކްސިންގެ ފުރަތަަމަ ޑޯޒު ދީފަ އެވެ. އަދި 8،000 އެއްހާ މުވައްޒަފުންނަށް މިހާތަނަށް ވަނީ ދެވަނަ ޑޯޒު ވެސް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ