ޙަރާމް ކުރެެއްވި ކަންކަމުގެތެރޭގައި މިއުޒިކު ކުޅުމާއި، ލަވަކިޔުން ނޯންނަ ކަމަށް މައުމޫން ވިދާޅުވެއްޖެ

މަތިވެރި ރައްބު ޙަރާމް ކުރެެއްވި ކަންކަމުގެތެރޭގައި މިއުޒިކު ކުޅުމާއި، ލަވަކިޔުން ނޯންނަ ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި، މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކު އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި, އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމްކޮށްދިނުމަށް އެދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވިގަރާރަށް ބަހުސްކުރެއްވި އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއުޒިކަކީ ހަރާމް ކަމެއް ނޫންކަމަށް ދޭހަވާފަދަ ގޮތަކަށް ވާހަކަދައްކަވާފައެވެ.
މި މައްސަލަ ހޫނުވެ، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ނުރުހުން ފާޅުކުރެއްވި އެވެ.
”ދިޑެއިލީ“ އިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން މިއަދު ވިދާޅުވީ އެއްވެސްކަމެއް ޙަރާމް ވާނީ މަތިވެރި ރައްބު އެކަމެއް ޙަރާމް ކުރެއްވުމުން ކަމަށެވެ. އަދި އެ އިލާހު ޙަރާމްކުރެއްވި ކަންތައްތައް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ކަމަށެވެ. އަދި އެ ކަންކަމުގެތެރޭގައި، މިއުޒިކު ކުޅުމާއި، ލަވަކިޔުމެއް ނޯވޭކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ