މައުމޫން ހައްގަށް ރައީސް އަރައިގަންނަންޏާއި އަޅުގަނޑުމެން ހިމާޔަތްކުރާނަން - މަވޯޓާ

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ހައްގަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަރައިގަންނަންޏާއި އެމްޑީޕީން މައުމޫންގެ ހައްގު ވެސް ހިމާޔަތްކުރާނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުން މަވޯޓާ ޝަރީފް ވިދާޅުވީ އެމްޑީޕީން ދިވެހި ރައްޔިތުންގެ ހައްގު ހިމާޔަތްކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި އެމްޑީޕީން ހުރިހާ ދިވެހި ރައްޔިތުންގެ ހައްގު ހިމާޔަތް ކުރާނެ ކަމަށެވެ.
"އެމްޑީޕީގެ މެންބަރުންނަށާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް، އޭގައި މައުމޫން އަބްދުލްގައްޔޫމް ހިމަނައިގެން މިދަންނަވަނީ މަނިކުފާނުގެ (މައުމޫން) ހައްގު ވެސް އަޅުގަނޑުމެން، ޔާމީން އަރައިގަންނަންޏާއި ހިމާޔަތްކޮށްދޭނަމޭ، ޔަގީން ވަކި ހިސާބަކަށް ދިޔައީމަ މަނިކުފާނު ޖަލަށްލުމަކީ ވެސް އެކަށީގެންވާ ކަމެއް." މަވޯޓާ ވިދާޅުވި އެވެ.
އެމްޑީޕީގެ އާ ހަރުގެ ހުޅުއްވައިދެއްވީ އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި އަދި ފުރަތަމަ ހަރުގެ ގ.ދުންފިނި ހަރުގޭގެ ކަންތަކުގައި އިސްކޮށް އުޅުއްވި އަހުމަދު އައްބާސްއެވެ.
އެމްޑީޕީން ބުނީ އެޕާޓީގެ ހަރަކާތްތައް ހަރުގޭގައި ކޮންމެ ހޯމަ ވިލޭރެއެއްގައި އާއި ހުކުރު ވިލޭރެއެއްގައި ކުރިއަށްދާނެ ކަމަށެވެ.
މަވޯޓާ ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ޔާމިން ވެވަޑައިގެންނެވި ވައުދުތައް ފުއްދައި ދިނުމުގައި އިހުމާލު ވެފައިވާ ކަމަށާއި އިގްތިސާދީ މާހިރަކަށް ބުނާ ބޭފުޅާ އިގްތިސާދީ ޕެލޭނެއްގެ ދެލިކޮޕީވެސް ރައްޔިތުންނާއި ހަމައަށް ގެނެވިފައި ނުވާ ކަމަށެވެ.
ރައީސް ޔާމީނަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު "ވީވަރު ވެސް ކުރެއްވިފައިނުވާ" ކަމަށާއި ރައީސް ޔާމީން ސަރުކާރުގައި ބިން ހިއްކަމުންދާއިރު އެއީ އެމްޑީޕީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މައްޗަށް ކިބުރުވެރިވެ، ބޮޑާވާނަމަ ކޮންމެ މީހަކަށް ވިޔަސް އެމީހަކު "ސައިޒް" ކޮށްލާނެ ކަމުގެ އިންޒާރު މަވޯޓާ ރޭ ވަނީ ދެއްވާފައެވެ.
"ރައްޔިތުންނަށް ބޭނުންވާހާ ގޮތެއް މިހާރު ހެދިއްޖެ، އަޅުގަނޑުމެން މިނުކުތީ އެމީހުން ސައިޒަށް ކަނޑާލަން، އެއީ ކުރީގެ ރައީސް މައުމޫނު ވިޔަސް އަދި ރައީސް ޔާމިން ގޯސްކޮށް ކަންކަން ކުރާ ކަމަށްވާނަމަ ހަމަ ސައިޒަށް ކަނޑާލާނަން، ރައްޔިތުންގެ ކަންކަން ހިތު ހުރި ގޮތަކަށް ކުރާކަށް ފުރުސަތެއް ނުދޭނެ" މަވޯޓާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ