އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމަށް މައުމޫން ޕީޕީއެމްއަށް ގޮވާލައިފި

ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުންނަމަ އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި އެއްއާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެެ.
މައުމޫން މިހެން ވިދާޅުވީ މިއަދު ރާންބާ ރެސްޓޯރެންޓުގައި ޕީޕީއެމްގެ ގައުމީ ޖަލްސާގައި އިންތިހާބު ކުރެވޭ އެކިއެކި މަގާމްތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ޝަރަފުގައި މައުމޫން ދެއްވި ފަރިއްކޮޅެއްގައި ވާހަކަދައްކަވަމުންނެވެ.
މިއަދުގެ ފަރިއްކޮޅުގައި ގައުމީ ޖަލްސާއާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ގައުމީ ޖަލްސާއަކީ މުހިންމު ޖަލްސާއެއް ކަމަށާއި އެއީ ޕާޓީ ބައްޓަން ވެގެން ދާނެ ގޮތް ނިންމާނެ ޖަލްސާކަމަށެވެ. އަދި އެޖަލްސާގައި ހިނގާނެ އެންމެ މުހިންމު ކަމަކީ ޕާޓީގެ އެކިއެކި މަގާމްތަކަށް ބޭފުޅުން އިންތިހާބުކުރުންކަމަށާއި އެކި މަގާމްތަކަށް އެހާ ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތި ލައްވާފައިވުމުން ދޭހަކޮށްދެނީ އެޕާޓީއަކީ ދިރުންހުރި ޕާޓީއެއްކަމަށާއި ގައުމަށް ހިދުމަތްކުރަން ބޭނުންވާ ފަރާތްތައް އެޕާޓީގައި ގިނަ ކަން ސާބިތުުވާކަމަށެވެ.
އަދި އިންތިހާބާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އިންތިހާބަކީ އިންސާފުވެރި ގަވާއިދާއި އެއްގޮތަށްދާ އިންތިހާބަކަށްވުން މުހިންމުކަމަށާއި އިންތިހާބުކޮމިޓީގައި ހިމެނެނީ ތަޖުރިބާކާރު ބޭފުޅުންކަމުން އެކަން ޔަގީން ކުރެވޭ ކަމަށެވެ. އަދި ޑިމޮކްރެސީއަކީ ރައްޔިތުންބޭނުންވާ ގޮތަށް ކަންކަން ހިންގުން ކަމަށްވީހިނގު އިންތިހާބާއި ޑިމޮކްރެސީއަކީ ވަކިނުކުރެވޭނެ ދެކަމެއް ކަމަށާއި ޕީޕީއެމްއަކީ ޑިމޮރެސީގެ އުސޫލުން ހިނގާނެ އަދި ގެންދަން ބޭނުންވާ ޕާޓީއަކަށްވުމުން އަބަދުވެސް ގަވާއިދުން އިންތިހާބު އޮންނާނެކަމަށެވެ.
އަދި މަގާމްތަކަށް ކުރިމަތި ލެއްވި ބޭފުޅުންނާއި މުހާތަބުކުރައްވާ މައުމޫން ވިދާޅުވީ މަގާމްތަކުގެ އަދަދަށް ވުރެ އިތުރަށް ކެންޑިޑޭޓުން ކުރިމަތިލާފައިވުމުން ބަލައިގަންނަން ޖެހޭ ހަގީގަގަތަކީ ހުރިހާ ބޭފުޅުންނަކަށް ކާމިޔާބެއްެ ނުކުރެވޭނެކަމާއި އިންތިހާބުގައި ވާދަކުރުމަކީ އޮންނަންޖެހޭނެ ކަމެއްކަމަށާއި އެމީހަކު އެމީހަކަށް ވޯޓު ހޯދުމުގައި އެހެން ކެންޑިޑޭޓަކާއި ދެކޮޅަށް ވާހަކަދައްކައިގެން ނުވާނެކަމަށެވެ.
އަމިއްލައަށް ވޯޓުހޯދުމުގައި ތިމާއަށް ވޯޓުދޭށޭ ބުނުމަކީ ރަނގަޅު ކަމެއް ކަމަށާއި އެހެންނަމަވެސް މިވެނި މީހަކަށް ވޯޓު ނުދޭށޭ ބުނުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށާއި ހުރިހާ ކެންޑިޑޭޓުންވެސް ކަންތައް ކުރާނީ އެގޮތަށް ކަން ޔަގީންކުރައްވާކަމަށާއި މަސްލަހަތު ނުގެއްލޭ ގޮތެއްގެ މަތިން އިންތިހާބުގެ ކަންތައް ކުރިއަށް ގެންދަވާނެކަމަށް ޔަގީން ކުރައްވާކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރަށް މައުމޫން ވިދާޅުވީ އެއްވެސް އިންތިހާބެއްގައި އެބޭފުޅާ އެއްވެސް ކޮޅަކަށް ނުޖެހޭނެކަމަށާއި އެއީ މަސްލަހަތު ހުރިގޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ވަކި ފަރާތަކަށް ތާއީދުކުރުމަކީ އެބޭފުޅާގެ މައްޗަށް ވަކި ގާނޫނާކާއި ގަވާއިދަކުން ލާޒިމު ކުރާކަމެއް ނޫންކަމަށާއި އެގޮތަށް ނިންމީ އަމިއްލައަށް ކަމަށެވެ.
މައުމޫން ވިދާޅުވީ އިންތިހާބުގައި ކާމިޔާބުނުވިޔަސް ވާން ޖެހޭނީ އެކުވެރި އެއްބައިވަންތަ ޕާޓީއަކަށް ކަމަށާއި އިންތިހާބު ނިމިގެންވެސް އެއްބައިވަންތަ ޕާޓީއަކަށް ވާޏްޖެހޭނެކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ހީނުކުރާ ގޮތަކަށް ނިކުމެދާނެކަމަށާއި ޕާޓީގައި ތިބީ ތަަސައްރުފު ފުދިފައިވާ ބައެއް ކަމުން އެކަން ބަލައިގަންނަންޖެހޭނެކަމަށާއި ހުދު އެބޭފުޅާވެސް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހީކުރިގޮތާއި ހިލާފަށް ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގަތްކަމަށެވެ. އަދި ހީނުކުރާ ގޮތަށް ނަތީޖާ ނިކުތަސް އެއީ މައްސަލައެއް ނޫންކަމަށާއި ނަތީޖާ ގަބޫލުކޮށް އެކުވެރިބވާން ޖެހޭނެކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންނަމަ އެގޮތުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ