އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ޒިޔާދު އަމަލުކުރެއްވީ ކޮމާންޑަރުގެ އޯޑަރުތަކަށް: ހެކިން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރުމަށް ސިފައިން ހިންގި އޮޕަރޭޝަނުގައި، އޭރުގެ ކާނަލް މުހައްމަދު ޒިޔާދު އަމަލު ކުރެއްވީ ކޮމާންޑަރުގެ އެންގުންތަކަށް ކަމަށް، އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި ހެކިން ރޭ ބުނެފި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ރޭ ބޭއްވި ޝަރީއަތުގައި، ދައުލަތުން ހުށަހެޅި ދެ މީހެއްގެ ހެކިބަސް ނަގާފައިވެ އެެވެ. އެގޮތުން، އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވީ، ޒިޔާދު ހުންނެވި ރޭންކަކީ އޭނާގެ މަތިން ތިއްބެވި ބޭފުޅުންގެ އޯޑަރުތަކަށް ތަބާވާން ޖެހޭނެ ރޭންކެއް ކަމަށާއި އެނާ އަށް އަމިއްލަ އަށް އޯޑަރެއް ނުދެއްވޭނެ ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނުގަ އާއި ގިރިފުށީގައި ބެހެއްޓުމުގެ ތެރޭގައި ހިނގައި ދިޔަ އެއްވެސް ކަމެއްގައި ޒިޔާދު އަމިއްލަ ނިންމުމެއް ނިންމަވައި ސިފައިންގެ މީހަކަށް އަމުރެއް ކުރެއްވިކަން އެނގިފައި ނުވާ ކަމަށް އިހްސާން ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ސިފައިން ހިންގި އޮޕަރޭޝަނުގައި ޒިޔާދު މަސައްކަތް ކުރެއްވީ ސިފައިންގެ މައި މަރުކަޒުގައި، އޮޕަރޭޝަން ކޮމާންޑަރުގެ އެންގުތަކާ އެއްގޮތައް، ކޮމާންޑަރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ވެސް އިހްސާން ވިދާޅުވި އެވެ. ދިވެހި ސިފައިންގެ ކްލަބުގެ ރައީސްގެ މަގާމުގައި ޒިޔާދު ހުންނެވިއިރު، އެ ކްލަބުން ބޭއްވި ރަސްމިއްޔާތެއްގައި ޒިޔާދު ވާހަކަދައްކަވަނީ. --ހަވީރު ފައިލް ފޮޓޯ ހަމަ އެހެންމެ އެމްއެންޑީއެފްގެ އުސޫލުތައް ހަމަ ޖެހިފައިވާ ގޮތުން، މަތިން އަންނަ އޯޑަރުތަކަށް ދަށުގައި ތިބޭ މީހުންނަށް ގާނޫނީ ލަފާ ދިނުމަށް ހަމަޖެހިފައި ނޯންނަ ކަމަށާއި ގާނޫނީ ލަފާގެ އެހިތެރިކަން ހަމަޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއާ ހަމައިން ކަމަށް ވެސް އިހްސާން ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނުގައި، މާލޭ އޭރިޔާގެ ކޮމާންޑަރަކަށް އޭރު ހުންނެވި އިބްރާހިމް މުހައްމަދު ދީދީގެ ބަދަލުގައި، ޒިޔާދު އަމިއްލަ އަށް ކޮމާންޑްކުރުމަށް އެއްވެސް ހިސާބެއްގައި އެންގެވިތޯ ޒިޔާދުގެ ވަކީލް މަޒްލާން ރަޝީދު، އިހްސާންއާ ސުވާލުކުރެެއްވި އެވެ. ޖަވާބުގައި، އިހްސާން ވިދާޅުވީ މާލޭ އޭރިޔާގެ ކޮމާންޑަރު އެފަދަ ގޮތަކަށް ނާންގަވާނެ ކަމަށާއި އަދި އެންގެވި ނަމަވެސް ޒިޔާދުގެ އަމިއްލަ ކޮމާންޑަށް، އޭނާގެ ދަށުގައި ތިބި ސިފައިން ތަބާވާން ނުޖެހޭނެ ކަމަށެވެ. ރޭގެ ޝަރީއަތުގައި ދެން ހެކިބަސް ދެއްވީ، ކާނަލް އަބްދުއްރަހީމް އެވެ. އޭނާ ވެސް ވިދާޅުވީ، ޒިޔާދާއި އޭނާއާ ތިބީ އެއް ރޭންކެއްގައި ކަމަށާއި އެއީ ކޮމާންޑަރުގެ އެންގުންތަކަށް ތަބާވާން ޖެހޭނެ ރޭންކެއް ކަމަށެވެ. އަދި ކޮމާންޑަރުގެ އެންގުތަކަށް ތަބާނުވެއްޖެ ނަމަ ބެލެވޭނީ، ވަޒީފާގެ ޒިންމާ އަދާނުކުރުމުގެ ގޮތުގައި ކަމަށާއި އެކަމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނުގައި، އޭނާއާ ހަވާލުވެފައި އޮތީ ސިފައިންގެ މައި މަރުކަޒުގައި ކޮމިއުނިކޭޝަން ވަސީލަތެއްގެ ބޭނުން ޖެހިއްޖެ ނަމަ، ގްރައުންޑް ފްލޯގައި ތިބި މީހުންނަށް އެ ވަސީލަތެއް ފޯރުކޮށް ދިނުމުގެ ޒިންމާ އެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރި ފަހުން، އަބްދުﷲ ގާޒީގެ އާއިލާއާ ބައްދަލުކުރުމަށް، ޒިޔާދު އަންގަވައިގެން އޭނާ އަބްދުﷲ ގާޒީގެ ގެ އަށް ގޮސްފައި ވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަބްދުﷲ ގާޒީގެ ގެ އަށް ދިއުމަށް ޒިޔާދު އޭނާ އަށް އެންގެވީ، އަބްދުއްރައްހީމް ވިދާޅުވި ގޮތުގައި، އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު އަންގަވައިގެންނެވެ. ކުރީގެ ކާނަލް ޒިޔާދު، ކުރިން ބޭއްވި އަޑުއެހުމަކަށް ފަހު، ކޯޓުން ނުކުމެވަޑައިގަންނަވަނީ.-- ހަވީރު ފޮޓޯ: ނިޝާން އަލީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނުގައި ބައިވެރިވުމުގެ ކުރިން ގާނޫނީ ލަފާ ހޯދި ނަމަ، ކުށްވެރި ވާނެ ކަމަށް ގަބޫލުކުރައްވަންތޯ ފަނޑިޔާރު އަބްދުލްބާރީ ވަނީ ޒިޔާދު އާ ސުވާލު ކުރައްވާފަ އެވެ. ޒިޔާދު ވިދާޅުވީ ގާނޫނީ ލަފާ ހޯދުން ފަދަ ކަންކަމަކީ އޭނާ އަށް ވުރެ މަތިން ކުރަންޖެހޭ ކަމަކަށް ވާއިރު، އޭނާ އަށް އަންގާ އެންގުންތަކަށް އަމަލު ކުރުމުގެ ކުރިން، ގާނޫނީ ލަފާ ނުހޯދަނީ، އެމްއެންޑީއެފްގެ އުސޫލުތަކަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ޖެނުއަރީ 16، 2012 ގައި ސިފައިން ހިންގި އޮޕަރޭޝަނުގައި، ގިނަ އަދަދެއްގެ ސިފައިންނާ އަދި ހާއްސަކޮށް، ޒިޔާދު ފަދައިން ކާނަލްގެ ރޭންކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެފައި ވާއިރު، ޒިޔާދު ތަފާތު ވަނީ ކިހިނެއް ވެގެންތޯ އޭނާ ގެންދަވަނީ ޝަރީއަތުގައި ސުވާލު އުފައްދަވަމުންނެވެ. އެގޮތުން، ކާނަލް އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައި ނުވަނީ ކީއްވެތޯ ޕީޖީގެ ވަކީލުންނާ ޒިޔާދު ގެންދަވަނީ ސުވާލު ކުރައްވަމުންނެވެ. އަބްދުﷲ ގާޒީ ހައްޔަރުކޮށް، ގިރިފުށީގައި ބެހެއްޓި މައްސަލާގައި އޭރުގެ ރައީސް ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު އިބްރާހިމް ދީދީގެ އިތުރުން ޒިޔާދު މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެ އެވެ. އެ ހުރިހާ ބޭފުޅުންގެ ޝަރީއަތްތަކުގައި ވެސް މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ