ހިތަދޫ މެދު ދާއިރާގެ މެމްބަރު ރަޝީދު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ސ. ހިތަދޫ މެދު ދާއިރާގެ މެމްބަރު ހިތަދޫ، ވެލްކަމް، މުހައްމަދު ރަޝީދު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ރަޝީދު ހައްޔަރުކުރީ އައްޑޫ ސިޓީގެ ބައެއް ތަންތަނަށް ގެއްލުންދިން މައްސަލަތަކާ ގުޅިގެން ތަހުގީގަށް ކަމަށެވެ. ރަޝީދު ފުލުހުން ހައްޔަރުކޮށްފައި ވަނީ ފުރިހަމަ ހެކި ލިބިގެން ކަމަށް ފުލުހުންގެ އިދާރާއިން ބުނެ އެވެ. އެގޮތުން އޭނާ އައްޑޫ ސިޓީގެ ބައެއް ތަންތަނަށް ގެއްލުންދީ އަލިފާން ރޯކޮށް ހަދާފައިވާ މަންޒަރު ފެނުނު ބައެއް ފަރާތްތަކުން ހެކިބަސްދީފައިވާއިރު އޭނާއާ އިދިކޮޅަށް ހެކީގެ ގޮތުގައި ބައެއް ވީޑިއޯ ފުޓޭޖްތައް ވެސް ހުރި ކަމަށް ފުލުހުން ބުނެ އެވެ. މިދިޔަ ބުދަދުވަހު އައްޑޫގައި އެމްޑީޕީން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ތުހުމަތުކުރެވޭ މީހުން ތަހުގީގަށް ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުން އަންނަ އިރު، ހަމަނުޖެހުންތައް ހިންގިކަމުގެ ތުހުމަތުގައި އައްޑޫ ސިޓީ ކައުންސިލްގެ ދެ މެމްބަރަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކު ބުދަދުވަހު ހަވީރު ސުލްހަވެރި މުޒާހަރާއެއްގެ ނަމުގައި، މަރަދޫ ބަނދަރު ސަރަހައްދުން ފެށި މުޒާހަރާގެ ތެރޭގައި ފުލުހުންނާއި ސިފައިންނާ ކުރިމަތިލައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިގެން ނިންމާލި އިރު، އެކަމުގައި ޝާމިލްވާ ކަމަށް ބެލެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަންނަނީ ކުރަމުންނެވެ. ހައްޔަރުކުރި ބައެއް މީހުން މިހާރު ވަނީ ދޫވެސް ކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ