ފުށިދިއްގާގައި ރިސޯޓް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރަން ސަރުކާރަށް ކޯޓުން އަމުރުކޮށްފި

އދ. ފުށިދިއްގާގައި ރިސޯޓެއް ހެދުމަށް ސަރުކާރާއި އަމިއްލަ ފަރާތަކާ އެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށާއި އޭގެ ރަސްމީ އެއްބަސްވުންތަކުގައި ސޮއިކުރަން ސަރުކާރުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. ފުށިދިއްގާގައި ރިސޯޓެއް ހެދުމަށް މ. ހަސްތީ އަހުމަދު ޚަލީލް 2011 ގައި ހުށަހެޅުމުން އެކަން ސަރުކާރުން ގަބޫލުކުރިކަމުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރިޔަސް އެކަމުގެ ރަސްމީ އެއްބަސްވުންތަކުގައި ސަރުކާރުން ސޮއި ނުކުރާ މައްސަލަ ކޯޓަށް ހުށަހެޅީ ޚަލީލްގެ ފަރާތުންނެވެ. އެ މައްސަލާގައި މިމަހުގެ 14 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ރިސޯޓް ހެދުމުގެ ޝަރުތުތަކަށް އެއްބަސްވާކަމުގެ އެގްރިމެންޓްގައި ބަޔާންކޮށްފައިވާ އެއްވެސް ޝަރުތަކާ ޚަލީލްގެ ފަރާތުން ޚިލާފްވެފައިވާ ކަން އެނގެން ނެތް ކަމަށެވެ. އެހެންވެ ޝަރުތު ގަބޫލުކުރިކަމުގެ އެގްރިމެންޓަށް އަމަލު ކުރުމަކީ ސަރުކާރުގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް ކަމަށާއި އެ އެގްރިމެންޓްގެ ދަށުން ސޮއިކުރަންޖެހޭ ރަސްމީ އެއްބަސްވުންތަކުގައި ސޮއިކުރަން ސަރުކާރާއި ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރުކުރާ ކަމަށް އެ ހުކުމުގައިވެ އެވެ. އެ މައްސަލަ ކޯޓުގައި އޮތުމުން ފުށިދިއްގާ ގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދިއުމަށާއި އެހެން ފަރާތަކަށް ކުއްޔަށް ދޫނުކުރުމަށާއި އެރަށު ތިމާވެށްޓަށް ބަދަލު އަންނާނެ އެއްވެސް ކަމެއް ނުކުރަން ސިވިލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު އޮތީ ސަރުކާރުގެ މައްޗަށް އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ