އަލިފާން ރޯވި ބޯޓުގެ އިންޖީނުގެ ބައިތަކެއް ވަނީ ބުރައިގެން ގޮސްފައި

ވޮޝިންޓަން (ސެޕްޓެމްބަރު 11) - އެެމެރިކާގެ ލަސް ވެގަސްގެ އެއާޕޯޓުން ލަންޑަނަށް ދާން ނައްޓާލަނިކޮށް އަލިފާން ރޯވި ބްރިޓިޝް އެއާވޭސްގެ މަތިންދާ ބޯޓުގެ އިންޖީނުގެ ބައިތަކެއް ވަކިވެ ރަންވޭ މައްޗަށް އެޅިފައިވާ ކަމަށް މި ހާދިސާއާ ގުޅޭ ފުރަތަމަ ރިޕޯޓުގައި ބުނެފި އެވެ. އެމެރިކާގެ ނޭޝަަނަލް ޓްރާންސްޕޮޓޯޝަން ސޭފްޓީ ބޯޑް (އެންޓީއެސްބީ) ގެ ރިޕޯޓުގައި ބުނެފައި ވަނީ އިންޖީނުގެ މުހިންމު ބައެއްގައި އަޅުވާފައިވާ ކޭސިންއެއް ވަކިވެ ބުރައިގެން ގޮސްފައިވާ ކަމަށެވެ. ރަންވޭ މަތިން ފެނުނު ބައިތަކުގައި 7-8 އިންޗި ހުއްޓެވެ. ބޯޓުގައި އަލިފާން ރޯވެފައި ވަނިކޮށް ކުއްލި ހާލަތުގައި މީހުން ބޯޓުން ބާލަން ހަރަކާތްތެރިވިލެއް ފުރިހަމަ ކަމުން ބޯޓުގެ ޕައިލެޓް ކްރިސް ހެންކޭ އަށް ވަނީ ގިނަ ބަޔަކު ތައުރީފް ކޮށްފަ އެވެ. އެންޓީއެސްބީން މިހާރު ވަނީ ބޯޓުގެ ކޮކްޕިޓް ޑޭޓާ ރެކޯޑަރާއި ފްލައިޓް ޑޭޓާ ތަހްލީލު ކުރަން ފަށައިފަ އެވެ. އަދި އަލިފާން ރޯވި އިންޖީނު ވަނީ ތަޖްރިބާކާރުން ތަހްލީލު ކުރުމަށް ގެންދާ ގޮތަށް ހަަމަޖައްސައިފަ އެވެ. ތަޖްރިބާކާރުން މިހާރު ދަނީ ބޯޓުގެ އިންޖީނު ކޭސިން އަކީ ކިހާ ދުވަހެއްވީ އެއްޗެއްތޯ އާއި އެންމެ ފަހުން އެ ކޭސިން ޗެކްކުރީ ކޮން އިރަކުތޯ ބަލަމުންނެވެ. ބްރިޓިޝް އެއާވޭސްގެ ފްލައިޓް 2276 ގެ ވާތް ފަރާތު އިންޖީނުގައި އަލިފާން ރޯވީ ލަސް ވެގަސްގެ މެކްކަރެން އިންޓަނޭޝަނަލް އެއާޕޯޓުން ލަންޑަނުގެ ގެޓްވިކް އެއާޕޯޓަށް ދާން ނައްޓާލަނިކޮށެވެ. ބޯޓުގައި އޭރު 157 ޕަސިންޖަރުންނާއި 13 ކްރޫން ތިއްބެވެ. ބޯއިން 777-200 ބޯޓުގެ އިންޖީނުގައި އަލިފާން ރޯވި ހާދިސާގައި ކުދި އަނިޔާތައް ލިބިގެން 14 މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ