އަބްދުﷲ ގާޒީ ހައްޔަރުކުރުން: ފަނޑިޔާރުންގެ ރައްކާތެރިކަމާއި މިނިވަންކަން ގެއްލިގެންދޭ: ވަކީލުން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، އެމްއެންޑީއެފުން ހައްޔަރުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެކަމުގެ ސަބަބުން ގާނޫނު އަސާސީން ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި މިނިވަންކަން ގެއްލިގެންދާ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ ފަނޑިޔާރުންގެ މައްޗަށް ހިނގާނީ ފަނޑިޔާރުންގެ ގާނޫނު ކަމަށާއި އަބްދުﷲ ގާޒީ ރޭ ހައްޔަރުކުރީ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ. މިނިވަންކަމާ އެކު ފަނޑިޔާރުންގެ ވާޖިބު އަދާކުރުމަށްޓަކައި ގާނޫނު އަސާސީ އާއި ގާނޫނުތަކުން ރައްކާތެރި މާހައުލެއް އެކަށައަޅާފައި އޮތަސް އެމްއެންޑީއެފުން ރޭ "އެ ރައްކާތެރިކަން ޖަހައިގެންފައިވާ" ކަމަށް އޭނާ ވިދާޅުވި އެވެ. "ފަނޑިޔާރަކު ހައްޔަރުކުރެވޭނީ ކުށުގެ ވެށިން. ނުވަތަ މަތީ ކޯޓަކުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލްގެ އެދުމަށް މަތީ ކޯޓެއްގެ އަމުރަށް. އެ މަރުހަލާތަކެއް [ރޭ] ފުރިހަމައެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއްގައި ޖުޑީޝަލް ސާވިސް އެޑްމިނިސްޓްރޭޝަނުން ފިޔަވަޅު އެޅުން ލަސްވެގެން، އެމްއެންޑީއެފުން ބަންދުކުރުމަކީ ޖިނާއީ އިޖުރާއަތާ ހިލާފު ކަމެއް ކަމަށެވެ. އަދި އެކަމުން ދޭހަވަނީ ޖިނާއީ ބޮޑެތި މައްސަލަތަކަށް ވުރެ ވެސް ސުލޫކީ މައްސަލައެއް ބޮޑު ކަން ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނީ ވަކީލު ޝާހީން ހަމީދު ވިދާޅުވީ އެމްއެންޑީއެފުން ދުސްތޫރީ ނިޒާމުން ބޭރުން އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި "އެކަމުގެ ނަތީޖާ ވަރަށް ގޯސްވާނެ" ކަމަށެވެ. "މިހާރު ގާޒީން ތިއްބެވި ގޮތެއް އަޅުގަނޑަކަށް ނޭނގޭ. ނަމަވެސް ފަނޑިޔާރަކު ހައްޔަރުކުރުމުން، ފަނޑިޔާރުންނަށް މިނިވަންކަމާ އެކު ޔަގީންކަން އޮތްތޯ؟ މައްސަލަތައް ބައްލަވާއިރު ފަނޑިޔާރުންނަށް ބިރުވެރިކަން އޮތްނަމަ މިނިވަންކަމަށް ހުރަސް އެޅޭނެ،" ޝާހީން ވިދާޅުވި އެވެ. ގާނޫނީ ވަކީލު ހަސަން ފިޔާޒު ވެސް ވިދާޅުވީ އެމްއެންޑީއެފުން ރޭ އަމަލުކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި ފަނޑިޔާރަކު ބަންދުކުރުމަކީ މުޅި ނިޒާމުގެ މިނިވަންކަން ގެއްލޭ ކަމެއް ކަމަށެވެ. އަދި އެކަމުން އާންމު ރައްޔިތުންގެ ހައްގުތައް ގެއްލޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މައްސަލައަކީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމެއް ނޫން. ފަނޑިޔާރަކު ހައްޔަރުކުރުން. އެކަމުން މުޅި ނިޒާމުގެ، ކޯޓުތަކުގެ ރައްކާތެރިކަމާއި މިނިވަންކަން ގެއްލޭ. އޭގެ ނަތީޖާއަކަށް ވާނީ އާންމު ރައްޔިތުންނަށް އިންސާފު ނުލިބުން،" ފިޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރޭ އެމްއެންޑީއެފުން އަމަލުކުރި ގޮތް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށާއި އެމްއެންޑީއެފުން ފަނޑިޔާރަކު ބަންދުކުރުމުން ކޯޓުތަކުގެ މިނިވަންކަން ގެއްލޭ ފަދައިން އަދުލް އިންސާފުގެ ދާއިރާގައި ހުރި މައްސަލަތަކުގެ ސަބަބުން ވެސް މިނިވަންކަން ގެއްލޭ ކަމަށެވެ. "ކޯޓުތަކުން އަމަލުކުރާ ގޮތުން ވެސް އިތުބާރު ގެއްލޭ. ޖޭއެސްސީ އަށް ފަނޑިޔާރުންގެ އެތައް މައްސަލައެއް ހުށަހަޅާފައި އެބަހުރި. އެކަން ނުބެލުމަކީ ވެސް މިނިވަންކަން ގެއްލޭ ކަމެއް. އިތުބާރު ގެއްލޭ ކަމެއް،" ފިޔާޒު ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ އާއި ކޯޓުތަކުގެ އަމުރަށް އެމްއެންޑީއެފުން އަމަލުނުކުރި މައްސަލަ ވަކީލުން ވަނީ ހައި ކޯޓަށް ހުށަހަޅުއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ