ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ވޭތުވެދިޔަ 35 އަހަރުގެ ތެރޭގަ ރައްޔިތުން ކުރަމުންދިޔަ ޝަކުވާތަކަށް ހައްލެއް ނުލިބި ދިގުލުމުން އެކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ އެމަނިކުފާނު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު. ދ. ބަނޑިދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބަނޑިދޫ ރައްޔިތުންގެ ހިޔާގައި ބޭއްވި މި ޖަލްސާގައި ގާސިމް ވިދާޅުވީ ގައުމައިގެން އަމާން ބަނދަރަކަށް ދާން ކުރާ ދަތުރުގައި ކޮންމެ ރައްޔިތެއްގެ ވެސް ބޮލުގައި އެޅިފައިވާ މުހިންމު ޒިންމާތަކެއް އެބަ އޮތް ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރަން ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ޖޭޕީގެ މެނިފެސްޓޯއަށް ހިޔާލު ހޯދުމަށާއި ރައްޔިތުންގެ ހާލަތު ބައްލަވާ ލެއްވުމަށް ދ. އަތޮޅާއި ތ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއް ގާސިމް ފެއްޓެވީ އިއްޔެ އެވެ. ދަތުރުފުޅުގައި ބަނޑިދޫގެ އިތުރުން މިއަދު އެމަނިކުފާނު ދ. އަތޮޅުގެ އެހެން ދެ ރަށަކަށް ވަޑައިގެންނެވި އެވެ. އެއީ މީދޫ އާއި ރިނބުދޫ އެވެ.
މިއަދު މީދޫއަށް ގާސިމް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ. އެ ރަށަށް ވަޑައިގެން ސްކޫލަށާއި ސިއްހީ މަރުކަޒަށް ޒިޔާރާތް ކުރެއްވުމުގެ އިތުރުން އެ އެތަންތަނުގެ އިސް ވެރިންނާ ބައްދަލްކުރައްވާ ހާލަތު ބައްލަވާލެއްވެވި އެވެ. އަދި ޖޭޕީގެ ތައުލީމީ ސިޔާސަތާއި ސިއްހީ ސިޔާސަތުގައި ހިމެނޭ ކަންކަމުގެ ބައެއް ތަފްސީލުތައް ހިއްސާ ކުރެއްވި އެވެ.
އަދި ކައުންސިލް އިދާރާއަށް ވަޑައިގެން ކައުންސިލް މެންބަރުންނާ ބައްދަލް ކުރައްވާ މީދޫގެ ތަރައްގީއަށް މިހާރުން މިހާރަށް ބޭނުންވާ ކަންކަމާއި ކައުންސިލްގެ ތަސައްވުރުގައި ހުރި ކަންކަމުގެ މައުލޫމާތު ހޯއްދެވި އެވެ. ދަތުރުފުޅުގައި ގާސިމް ރިނބުދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންވަނީ ވެހެމުންދިޔަ ވާރޭގެ ތެރޭގައި އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ. ރިނބުދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލާ ވެސް ގާސިމް ބައްދަލް ކުރައްވި އެވެ. ގާސިމްގެ މި ދަތުރުފުޅުގަ މާދަމާ ދ. އަތޮޅުގެ އިތުރު ތިން ރަށަކަށް ވަޑައިގަންނަވާނެ އެވެ.
އިންތިހާބުގައި ވާދަ ކުރައްވަނީ އާންމުންގެ ޝަކުވާތަކަށް ނިންމަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ