ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބުދާރީވާން ޖެހޭނެ ކަމަށާ އަދި އެކަން މަޖިލީހުގައި އެޖެންޑާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބުދާރީވާންޖެހެނީ ކޮން ޕާޓީއެއްކަމާ އަދި އެކަމުގައި މަޖިލީހުގެ ރިޔާސަތުން އަމަލު ކުރައްވަން ޖެހޭ ގޮތް ވަރަށް ސާފުކޮށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ގަވައިދާ އެއްގޮތަށް މަޖިލީހުގެ ރިޔާސަތުން ރިޔާސީ ބަޔާނަށް ޖަވާބުދާރީ ވާނެ ދުވަހަކާއި ގަޑި ހަމަޖެއްސުމަށްފަހު އެކަން އެޖެންޑާ ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެޖެންޑާކުރުމަށްފަހު އެމްޑީޕީއަށް ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަށް އަންގާނެ ކަމަށާ އަދި އޭގެ ފަހުން އެބޭފުޅުން ޖަވާބުދާރީވުމުގައި އަމަލު ކުރާ ގޮތް ރަސްމީކޮށް އެނގޭނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ ގަވައިދުގަ ބުނާގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަކީ އެމްޑީޕީން ކުރަންޖެހޭ ކަމެއް ކަމަށާއި ގަވައިދަށް ހުރުމަތްތެރިކޮށް ހިތައި އެމްޑީޕީން ރިޔާސީ ބަޔާނަށް ޖަވާބުދާރީ ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަކީ މަޖިލީހުގެ ޤަވައިދުގެ ދަށުން ކުރަންޖެހޭ ކަމެއް ކަމަށާ، އެކަން ނުކުރާނަމަ އެއީ މަޖިލީހުގެ ޤަވައިދާއި ޚިލާފު އަމަލެއް ކަމަށެވެ. އަދި މަޖިލީހުގެ ގަވައިދާ ޚިލާފުވުމުން މަޖިލީހުގައި ހިމެނޭ ސުލޫކް ކޮމެޓީފަދަ ކޮމެޓީތަކުން އެމައްސަލަ ބަލާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އެމްޑީޕީން ރިޔާސީ ބަޔާނަށް ޖަވާބުދާރީނުވަނީ އުސޫލީ މައްސަލައަކާއި ގުޅިގެން ކަމަށް އެމްޑީޕީން ބުނަމުންދާ ކަމަށާ، ނަމަވެސް އެމްޑީޕީއަކީ މިހާރު އިދިކޮޅު ޕާޓީ ކަމަށް ޤަބޫލުކޮށްގެން އެޕާޓީން މަޖިލީހުގައި ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތްވެސް ފަށައިގެން ކުރިއަށް ގެންދާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން އެމްޑީޕީން ރިޔާސީ ބަޔާނަށް ޖަވާބުދާރީވާންޖެހޭނެކަން ތަކުރާރުކޮށް ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ އެމްޑީޕީއަކީ އިދިކޮޅު ޕާޓީއަށްވުމުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ މެޖޯރިޓީވެސް އެހެން ޕާޓީ ތަކުން އެމްޑީޕީއަށް ދީފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމުގެ މައްސަލައިގައި އެމްޑީޕީއާއިއެކު އަދި މިހާތަނަށް މަޖިލީހުގެ ރިޔާސަތުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ނިމިގެންދިޔަ އަހަރު ރައީސުލްޖުމްހޫރިއްުޔާ އިއްވި ރިޔާސީ ބަޔާނަށްވެސް އެމްޑީޕީން އަދި މިހާތަނަށް ޖަވާބުދާރީވެފަނުވާއިރު މިއަހަރު އިއްވި ރިޔާސީ ބަޔާނަށްވެސް އެޕާޓީން ޖަވާބުދާރީވާންޖެހޭ ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުޙައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން ރިޔާސީ ބަޔާނަށް ޖަވާބުދޭންޖެހޭ ގޮތަށް މައްސަލަ އެޖެންޑާކުރާނަން: ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ