ޤާސިމްގެ ވައުދުތަކުން ހަރުދަނާ ޤައުމިއްޔަތެއް އުފައްދައިދޭނެ: އަބްދުﷲ އަބްދުއްރަހީމް

ރިޔާސީ އިންތިހާބަށް އަމާޒުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވެވަޑައިގެންފައިވާ ބައެއް ވައުދުތަކަކީ ހަރުދަނާ ޤައުމިއްޔަތެއް އުފައްދައިދޭނެ މުހިއްމު ވައުދުތަކެއް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ގެއަކަށް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ލިބޭނެ ކަމަށާ، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގުރޭޑް އަށަކުން މަތީގެ ކޮންމެ ދަރިވަރަކަށް ލެޕްޓޮޕެއް ފޯރުކޮށްދެއްވާނެ ކަމަށް ޤާސިމް އިބްރާހިމް ވައުދުވެވަޑައިގެންފައިވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަބްދުﷲ އަބްދުއްރަހީމް ވަނީ އެވައުދުތަކުގެ މުހިއްމުކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ޖުމްހޫރީ ޕާޓީގެ ވައުދުތަކަށް ތައުރީފް ކުރައްވާ އަބްދުﷲ އަބްދުއްރަހީމް ވާހަކަފުޅު ދެއްކެވީ ސަރުކާރުގެ ފަރާތުން ޤައުމީ ޕާޓީގެ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ޤާސިމް އިބްރާހިމްގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ކޮންމެ ގެއަކަށް ލިބުމާއި، ގުރޭޑު އަށަކުން މަތީގެ ކޮންމެ ކުއްޖަކަށް ލެޕްޓޮޕެއް ލިބޭނެ ކަމަށް ވައުދުވެވަޑައިގެންފައިވާތީ އެއީ ތައުލީމީ ދާއިރާ ކުރިއަރުވާ ތަރައްޤީ ކުރުމަށް އެޅިގެންދާ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް އަބްދުﷲ އަބްދުއްރަހީމްގެ ވާހަކަފުޅުގައި ވަނީ ސިފަކުރައްވާފައެވެ.
އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ތައުލީމް ހާސިލް ކުރާ ދަރިވަރުން މިއަދު ކިޔަވަން ބޭނުންވަނީ އިންޓަނެޓްގެ ހިދުމަތާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބިގެން ކަމަށެވެ. އެހެންކަމުން ޤާސިމް އިބްރާހިމްގެ ވައުދުތަކަކީ އެފުރުސަތު ލިބިގެންދާ ވައުދުތަކެއް ކަމަށްވެސް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ކޮންމެ ގެއަކަށް ލިބުމާއި، ގުރޭޑު އަށަކުން މަތީގެ ކޮންމެ ކުއްޖަކަށް ލެޕްޓޮޕެއް ޤާސިމް އިބްރާހިމްގެ ވެރިކަމެއްގައި ލިބޭނެ ކަމަށް ވައުދުވެވަޑައިގެންފައިވާތީ އެއީ ހަރުދަނާ ގައުމިއްޔަތެއް އުފެއްދުމަށާއި ތައުލީމީ ދާއިރާ ދާއިރާ ތަރައްޤީ ކުރުމަށް އެޅިގެންދާ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.
ރިޔާސީ އިންތިހާބަށް އަމާޒުކޮށް ޤާސިމް އިބްރާހިމް ވެވަޑައިގަންނަވާ ވައުދުތަކަށް ރައްޔިތުންގެ ތާއީދު ވަނީ ވަރަށް ބޮޑަށް ލިބިގެން ގޮސްފައިވާއިރު، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކޮށްދިނުމަށް ވައުދުވާ ކޮންމެ ކަމަކީވެސް ފުއްދައިދެވޭނެ ވައުދުތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ