ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. ރައީސް އޮފީހުން ބުނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ ދައުރު އަންނަ ނޮވެމްބަރު މަހު ހަމަވާތީ އެ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. އެ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ޝަރުތަކީ ދިވެއްސަކަށްވުމާއި އުމުރުން 18 އަހަރު ފުރިފައިވުމާއި މާލީ ދާއިރާ ނުވަތަ ޓެކްސާއި ވިޔަފާރީގެ ދާއިރާ ނުވަތަ ގާނޫނީ ދާއިރާއިން ތަޖްރިބާ ލިބިފައިވާ މީހަކަށްވުމާއި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައި ނުވުމެވެ. މީގެ އިތުރުން ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނުވުމާއި ބޭންކް ރަޕްސީ އިއުލާން ކުރެވިފައި ނުވުމާއި އެއްވެސް ކުންފުންޏެއް ހިންގުމުގައި ހަރަކާތްތެރިވާ މީހަކަށް ނުވުމާއި ސިޔާސީ މަގާމެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމުގެ އިތުރުން ސިވިލް ސާވިސް މުވައްޒަފެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މުވައްޒަފެއް ކަމަށް ނުވުމަކީ ވެސް އެ މަގާމުގެ ޝަރުތުތަކެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން، ޓެކްސާ ގުޅޭގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ނިންމާ ނިންމުންތައް ފުރަތަމަ މަރުހަލާގައި އިސްތިއުނާފް ކުރެވޭ އިދާރާ އެވެ. ޓެކްސާ ގުޅޭ ކަންކަމުގައި ތަންތަން ބަލައި ފާސްކުރުމާއި، ތަކެތި ހިފަހައްޓަން އަމުރު ނެރުމުގެ ބާރު ވެސް އެ ޓްރައިބިއުނަލަށް ލިބިގެންވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ